އަހަރެން އިސްލާމް ދީން ޤަބޫލް ކުރީ ގޮތުގެ ވާހަކަ އަޑު އަހާ… ! ސާރާ ބޮކާ

އަހަރެން ބޮޑުވެގެން އައީ އެހެން އަންހެން ކުދިންވެސް ބޮޑުވެގެން އަންނަ ގޮތަށް ދުނިޔޭގެ ދަޅަތަކަށް ހެއްލިގެއްލިގެންނެވެ. އެމެރިކާގެ ބޮޑު ސިޓީތަކުގެ ތެރެއިން ސިޓީ އަކަށް އުފަންވެ އަހަަރެންގެ ދިރިއުޅުން ބައްޓަންވެގެން ދިޔައީ މި ފަނާވަނިވި ދުނިޔޭގެ މާއްދިއްޔަތަށެވެ. މަޔާމީ އަކީ މިފަދަ ދިރިއުޅުމަކަށް އެންމެ ރަނގަޅުތަން ކަމުގައި އަހަންނަށް ގަބޫލް ކުރެވުނެވެ.

އަހަރެން ދިރިއުޅުނީ ހުޅަނގުގެ އެހެން އަންހެން ކުދިންވެސް އުޅޭގޮތަށް ބޭރުފުށް ރީތިކުރުމުގައެވެ. އަހަރެންގެ ރީތިކަމާއި މަގުބޫލުކަން ދަމަހައްޓައި އެހެން މީހުންގެ ސަމާލުކަން ހޯދުމަށް އަހަރެންގެ ދިރިއުޅުން ބައްޓަން ކުރެވުނެވެ. ޖިމަށްގޮސް އަހަރެންގެ ހަށިގަނޑު ރަނގަޅުވަރަކަށް ބައްޓަން ކުރީމެވެ. ޕާސަނަލް ޓްރެއިނަރެއްގެ ވަޒީފާއެއް ހޯދާ ބީޗު ކައިރިން ބޮޑު ގެއެއް ގަތީމެވެ. އަހަރެންގެ ހަށިގަނޑު ދައްކާ މީހުންގެ ސަމާލުކަން ހޯދުމަށް ބީޗަށް ނިކުތުން އާއްމުކަމަކަށް އަހަރެން ހެދީމެވެ. މޮޑެލް އަކަށްވެ މީހުންގެ ސަމާލުކަން އަހަންނާއި ދިމާލަށް ދަމައިގަތީމެވެ.

އިޝްތިހާރު Below Header ad

އަހަރުތައް ފާއިތުވަމުން ދިޔަ ވަރަކަަށް އަހަންނަށް އިހުސާސް ކުރެވެމުން ދިޔައީ އަހަރެންގެ ހަށިގަނޑު އެހެން ދައްކުވައިގެން އެހެން މީހުންގެ ސަމާލުކަން ލިބުނަސް އަހަރެންގެ ނަފްސަށް ހިތްހަމަ ޖެހުމެއް ނުލިބޭކެމެވެ. އަހަންނަކީ ފެޝަނުގައި އަޅުވެތިވެފައިވާ މީހެއް ކަމެވެ. އަހަރެންގެ ހަށިގަނޑުގެ ދަށުގައި ބަންދުކުރެވިފައިވާ މީހެއް ކަމެވެ.

އަހަރެންގެ ނަފްސަށް ހިތްހަމަ ޖެހުން ނުލިބޭކަން އަހަންނަށް އިހުސާސް ކުރެވޭ މިންވަރު ދިޔައީ އިތުރުވަމުންނެވެ. އެއާއެކު އަހަންނަށް ހިތްހަމަ ޖެހުމެއް ލިބޭތޯ ރާ ބުއިމާއި ޕާޓީތަކަށް ދިއުން އާއްމުކުރީމެވެ. ނަމަަވެސް އަހަންނާއި އަހަރެންގެ ހިތްހަމަޖެހުމާއި މެދު އުފެދިފައިވާ ދުރުމިން އިތުރަށް ފުޅާވަމުންދިޔަ ކަހަލަ އިހުސާސްތަކެއް ކުރެވެން ފެށިއެވެ. އަހަންނަށް އެނގުނީ އެއީ ހައްލެއް ނޫންކަމާއި އެއީ ހަމައެކަނި ތަދުކަޑުވާލަން ކާލާ ބޭސްގުޅައެއް ފަދަ ކަމެއް ކަމެެވެ.

އެހެން ދުވަސްތައް ފާއިތުވަމުން ދަނިކޮށް އަހަންނަށް ކޮންމެވެސް ވަރަކަށް ސިޔާސީ ދާއިރާގެ ކަންތައްތަކުގެ ތެރެއަށް ވަދެވުނެެވެ. އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދާ އިންސާފު ގާއިމުކުރުމަށް ގޮވާލާ، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އަހަރެންގެ ވިސްނުންތަކާއި ގަބޫލުކުރުންތަކާއި އެއްގޮތް ހިޔާލުގެ އެކްޓިވިސްޓުންނާއި އަހަންނާއި ދިމާވިއެވެ. އަހަރެންވެސް އެމީހުންނާއެކު މަގުމައްޗަށް ނިކުންނަށް ފެށީމެވެ. އެހެން އުޅުމުގެ ތެރޭގައި އަހަންނަށް ވިސްނުނީ އިންސާފު، މިނިވަންކަން އަދި އިހްތިރާމް ފަދަ ކަންކަމަކީ އެންމެންނަށް ލިބެން ޖެހޭނެ ހައްގުތައް ކަމެވެ. އަހަންނަށް ވިސްނުނީ ހުރިހާ އިންސާނުންވެސް އުފައްދަވާފައިވަނީ ހަމަހަމަކަންމަތީގައި ކަމެވެ. އަހަންނަށް ވިސްނުނު އެންމެ މުހިންމު ކަމަކީ އީމާންތެރިކަމަކީ އެންމެން އެކަތިގަނޑަކަށްވެ ހައްގުތައް ހޯދައިދިނުމަށް މުހިއްމު އެއްޗެއް ކަމެވެ.

އެއްދުވަހަކު އަހަންނަށް އެހެން އުޅުމުގެ ތެރޭގައި ހުޅަނގުގެ މީހުން އެ ފޮތަކާއި ދޭތެރޭ ދެކޮޅުވެރިކަން ގެންގުޅޭ ފޮތަކާއި ދިމާވިއެވެ. އެވަގުތާއި ޖެހެންދެން އަހަންނަށް އިސްލާމްދީން އެނގިފައި އޮތީ ޓެންޓް ތަކުގައި އަންހެނުން ފޮރިވިގެންތިބޭ އަނބިންނަށް އަނިޔާކުރާ ޓެރަރިސްޓުންގެ ގޮތުގައެވެ. އަހަރެންގެ ހިތް ގުރުއާނަށް ޖެހުނީ އެ ފޮތުގައި ވާހަކަތައް ކިޔާދީފައި ހުންނަ ގޮތުގެ ސަބަބުންނެވެ. އެއާއެކު ދިރިހުރުމާއި، އުފެއްދެވުމާއި، ހަލްގުތަކާއި ހަލްގުކުރައްވާ ފަރާތާއި ދެމެދު އޮންނަ ގުޅުން ބުނެދީފައި އޮންނަ ގޮތް އަހަރެންގެ ހިތް ދަމައިގަތެވެ. އަހަންނަށް އެނގުނީ އެއްވެސް ފާދިރީއެއް ކާހިނެއްނެތި ގުރުއާނަކީ ހަމައެކަނި އެފޮތުން ހިތާއި ފުރާނަ އަށް ތާޒާކަން ގެނުވައިދޭ އެއްޗެއް ކަމެވެ.

އަހަރެން އިސްލާމްދީނަށް ވަންނެ ހިތްވިއެވެ. މުސްލިމެއްގެ ގޮތުގައި އަމާންކަމާއެކު ދިރިއުޅުން އުޅޭހިތްވިއެވެ. އަހަރެން މުސްލިމް އަންހެނުން ހެދުން އަޅާފަދައިން ހެދުން އަޅަން ފެށީމެވެ. އައުރަ ނިވާކޮށް ދިގުހެދުންލާން ފެށީމެވެ. އަހަރެން ބިކިނީ ކޮޅުގައި އޭގެ ދުވަސްކޮޅެއް ކުރިން ހިނގި މަގުތަކުގައި ހިނގަމެވެ. އެހިސާބުގައި އުޅުނީ އެއްބަޔެކެވެ. ހުރީ އެއްފިހާރަތަކެކެވެ. ނަމަވެސް އަހަންނަށް ދުވަހަކުވެސް އަންހެނަކަށް ވުމުން ލިބިދޭ އަމާންކަން އިހްސާސް ނުކުރެވޭ މިންވަރަކަށް ކުރެވުނެވެ. އަހަންނަށް އިހުސާސް ކުރެވުނީ ޗޭނުތައް ބުރިވެ އަހަރެން މިނިވަންވިކަހަލަ އިހުސާސެކެވެ. ކުރިން ޝިކާރަވެރިއަކު އޭނާގެ ޝިކާރަ އަށް ބަލާ ބީދައިން މީހުން ބެލިނަމަވެސް މިހާރު މީހުންގެ މޫނުމަތިން ފެންނަމުންދިޔަ އަޖައިބުކަން އަހަންނަށް ހިތްގައިމުވިއެވެ. އަހަރެން ކޮޑުގައި އެޅިފައި އޮތް ބޮޑު ބުރައެއް ވެސް ފިލައިގެން ދިޔަ ފަދައެވެ. ވިޔަފާރިކުރުމާއި މޭކަޕް ކުރުމާއި އިސްތަށިގަނޑަށް އެކިވަތްތަރު ޖެއްސުމުގައި އަހަރެން ވަގުތު އިސްރާފެއް ނުކުރަމެވެ.

އޭގެ ކުޑަދުވަސްކޮޅެއް ފަހެވެ. ހަބަރުތަކުން އިވެން ފެށީ އާއްމު ތަންތަނުގައި ހިޖާބު އަޅައިގެން އުޅުން މަނާކުރަން ސިޔާސީ ވެރިންނާއި ކްރިސްޓިއަން ފާދިރީންނާއި ގޮވާލަމުންދިޔަ ވާހަކައެވެ. އެމީހުން ބުނަމުންދިޔައީ ހިޖާބު އެޅުމަކީ އާއްމު އިޖްތިމާއި މިންގަނޑާއި ހިލާފު ކަމެއް ކަމަށެވެ. އަހަންނަށް އެކަން ފެނުނީ ވަރަށް ދަށުދަރަޖައިގެ ކަމެއްގެ ގޮތުގައެވެ. ލިބިދީފައިވާ ހައްގެއް ބޭނުންކުރުމުން ހައްގުތައް ނިގުޅައިގަނެ ވަޒީފާ އާއި ތައުލީމުން މަހުރޫމުކުރުން އެއީ އަހަންނަށް ބަލައިގެނެވޭނެ ކަމެއް ނޫނެވެ.

މިއަދުވެސް އަހަންނަކީ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރަމުންދާ މީހަކީމެވެ. ތަފާތަކީ މިއަދު މުސްލިމަކަށްވެ ހުރެ އަހަރެން މިއަދު މި ގޮވާލަނީ މުސްލިމް އަންހެނުންނަށް އެމީހުންގެ ފިރިން އިސްލާމްދީން މަތީ ސާބިތުވެ ބޭތިއްބުމަށް އެމީހުންގެ ޒިންމާތައް މަތިން ހަނދާން ނައްތާނުލުމަށެވެ. ދަރިން އިސްލާމްދީން މަތީ ސާބިތުވެ މި އުންމީދުގެ ހުޅުކޮޅު ކުރިއަރުވާނެ ކުދިންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށެވެ. ހައްގު ތެދާއި އެއްކޮޅަށް ވާހަކަދައްކާ ހުރިހާ ނުބައި ކަމަކާއި ދެކޮޅަށް ތެދުވުމަށެވެ. ހިޖާބު އެޅުމުގެ މިނިވަންކަން ހޯދުމަށް މިކުރާ ހަނގުރާމަ ކުރުމަށެވެ. ހަމައެކަނި ހިޖާބު އެޅުމުގެ ބަދަލުގައި ހިޖާބު އެޅުމުގެ ބޭނުން ފުރިހަމަ ކުރުމަށެވެ. ހިޖާބަކީ ފެޝަނަށް އަޅާ އެއްޗެއްގެ ބަދަލުގައި އައުރަނިވާކުރުމަށް އަޅާ އެއްޗެއްކަން ހަނދާންކޮށްދިނުމެވެ.

މިއަދު ހިޖާބުވާން ޖެހޭނީ އަންހެނުންނަށް ދިރިއުޅުމުގެ މަގްސަދު އަދި އޭނާ އަކީ ކާކުކަން އަންގައިދޭ ހަގީގަތުގެ ރަމްޒަށެވެ. އަހަރެންގެ ބިކިނީ ދޫކޮށް ހިޖާބު އަޅައި އަހަރެން ހެއްދެވި ފަރާތުގެ މަދަދުވެރިކަމާއެކީ އަމާންކަމާއެކު އަހަރެން މިދަނީ ދިރިއުޅެމުންނެވެ. އަންހެނުންނަކީ އިސްލާމްދީނުގައި ވަރަށް ބާރުވެރި ބައެކެވެ. މުޅި އުއްމަތް ބިނާކުރުމުގެ ޒިންމާވަނީ އެމީހުންގެ ކޮޑުގައެވެ. ފިރިހެނުންނަށް ސުވަރުގެ ދެވެނީ މަންމަގެ ފައިތަލި ދަށުންނެވެ.

ނޯޓު: މިއީ އެމެރިކާގެ ކުރީގެ ފިލްމީތަރިއެއް އަދި މޮޑެލް އެއް އިސްލާމް ވީ ގޮތުގެ ވާހަކައެވެ. މިލިޔުމަކީ އިސްލާމް ރިލީޖަން.ކޮމްގައި ސާރާ ބޮކާ ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.