ޤުރްއާނުގެ އަލީގައި ދަރިން ތަރުބިއްޔަތު ކުރުން (2)

އައްޝައިޚު ޝަފީޢު ޢަބްދުﷲ

ދަރިން ތަރުބިއްޔަތު ކުރުމުގެ މުހިއްމުކަން:

ދަރިންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލުވަންތަވެރިކަމުން ދެއްވާ ނިޢުމަތެއް ކަމާ މެދު ޝައްކެއް ނެތެވެ. ދަރިންގެ ނިޢުމަތަކީ އެއާއެކު އެތަކެއް ގިނަގުނަ ޒިންމާތަކެއް އެކުލެވިގެންވާ ނިޢުމަތެކެވެ. އެތަކެއް މަސްއޫލިއްޔަތެއް ހިމެނިގެންވާ ނިޢުމަތެކެވެ. ހަމަ ކަށަވަރުން އެ ނިޢުމަތަކީ އަމާނާތެކެވެ.

އެހެންކަމުން، ދަރިންނާމެދު ކަންތައް ކުރަންވީ އެންމެ ރަނގަޅު ހެޔޮ ގޮތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް ބަޔާން ކޮށްދެއްވައިފައެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމަ ދެއްވި އިރުޝާދުތަކުގައި ހިފުމަށް އަޅުގަނޑުމެންނަށްވަނީ އަމުރު ކުރައްވައިފައެވެ.

އިޝްތިހާރު Below Header ad

ދަރިންގެ ޙައްޤުގައެވެ. އެ ދަރިންނަކީ އުއްމަތުގެ މުސްތަޤުބަލެވެ. އުއްމަތުގެ ކުރިމަގު ބިނާ ވެގެންވަނީ އެ ދަރިން ތަރުބިއްޔަތު ކުރެވޭ ގޮތެއްގެ މައްޗަށެވެ. އުއްމަތަށް ނަޞްރު ލިބޭނީ ރަނގަޅު ޖީލެއް ބިނާ ކުރެވިގެންނެވެ.

ކީރިތި ޤުރުއާނުގައި ދަރިން ސިފަ ކުރައްވައިފައިވަނީ ދުނިޔޭގެ ޒީނަތްތަކުގެ ތެރެއިން ޒީނަތެއްގެ ގޮތުގައެވެ.

﴿الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا﴾ [الكهف :46]

އާޔަތުން ދޭހަ ވާ މާނަ: “މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ.”

ހަމަކަށަވަރުން ދަރިންނަކީ އަމާނާތެކެވެ. މަސްއޫލިއްޔަތެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަޞައްލަމަ ޙަދީޘް ކުރައްވައިފައި ވެއެވެ.

((كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ ، الْإِمَامُ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ ، وَالرَّجُلُ رَاعٍ فِي أَهْلِهِ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ ، وَالْمَرْأَةُ رَاعِيَةٌ فِي بَيْتِ زَوْجِهَا وَمَسْئُولَةٌ عَنْ رَعِيَّتِهَا ، وَالْخَادِمُ رَاعٍ فِي مَالِ سَيِّدِهِ وَمَسْئُولٌ عَنْ رَعِيَّتِهِ)) [صحيح البخاري]

ޙަދީޘުން ދޭހަ ވާ މާނަ: “ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ ވެސް ބަލަދުވެރިއެކެވެ. އެ މީހެއްގެ ބެލުމުގެ ދަށުގައިވާ މީހުންނާ މެދު ސުވާލު ވެވޭނެ މީހެކެވެ. ވެރިމީހާއަކީ ބަލަދުވެރިއެކެވެ.

އޭނާގެ ރައްޔިތުންނާ މެދު އޭނާޔާ ސުވާލު ވެވޭނެ މީހެކެވެ. ފިރިމީހާއަކީ ބަލަދުވެރިއެކެވެ. އޭނާގެ އަހުލުންނާ މެދު އޭނާޔާ ސުވާލު ވެވޭނެ މީހެކެވެ. އަނބިމީހާއަކީ ބަލަދުވެރިއެކެވެ. އޭނާގެ ފިރިމީހާގެ ގޭގެ ކަންތަކާމެދު އޭނާޔާ ސުވާލު ވެވޭނެ މީހެކެވެ. އަދި އަޅުމީހާއަކީ އޭނަގެ ސާހިބުމީހާގެ މުދަލުގެ ބަލަދުވެރިއެކެވެ. އޭނާޔާ ހަވާލު ކުރެވިފައިވާ ތަކެއްޗާ މެދު ސުވާލު ވެވޭނެ މީހެކެވެ.”

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވައިފައި ވެއެވެ.

﴿وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ ۚ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ﴾ [الطور: 21]

އާޔަތުން ދޭހަ ވާ މާނަ: “އަދި އީމާންވީ މީހުން އެއުރެންގެ ދަރިން އީމާންވުމާ އެކު، އެއުރެންނަށް ތަބާވުމުން، އެއުރެންގެ ދަރީންވެސް ތިމަންރަސްކަލާނގެ އެއުރެންނާ އެއް ދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ ޢަމަލުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާހުށީމެވެ. ކޮންމެ މީހަކީވެސް އެ މީހަކު ހޯދި ޢަމަލަކަށް ކަނޑައެޅިގެންވާ ޖަޒާ ލިބޭނޭ މީހެކެވެ.”

މިދެންނެވި އާޔަތުގެ ތަފްސީރަށް ބަލާއިރު، އާޔަތުން ދޭހަކޮށްދެނީ، ދަރީންނަކީ މުސްލިމުންކަމުގައިވެފައި، އެބައިމީހުންގެ ދަރަޖަ ސުވަރުގޭގައި މައިންބަފައިންނަށްވުރެ ދަށްވެއްޖެނަމަ، ﷲގެ ރަޙްމަތުން އެބައިމީހުންގެ ދަރަޖަ މައްޗަށް އުފުލި، އެބައިމީހުންގެ މައިންބަފައިންނާ އެކުގައި ލައްވާނެކަމެވެ. އެއީ ދުނިޔޭގައިވެސް އެބައިމީހުން އީމާންވެ އެކުގައި އުޅުނުގޮތަށް އާޚިރަތުގައިވެސް އެބައިމީހުން އެއްތަން ކުރެވިގެން ދިޔުމަށްޓަކައެވެ. ﷲގެ ރަޙްމަތްވަނީ ތަނަވަސް ވެގެންނެވެ.

އިމާމު ޣަޒާލީ ރަޙިމަހު ﷲ އެކަލޭގެފާނުގެ ފޮތް “އިޙްޔާއުލް ޢުލޫމިއްދީން” ގައި ވިދާޅުވެފައި ވެއެވެ.

“ތުއްތު ދަރިފުޅަކީ އޭނާގެ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ އަމާނާތެކެވެ. އޭނާގެ ހިތަކީ ސާފު ޠާހިރު އެއްޗެކެވެ. އޭގައި އެއްވެސް ރޮނގެއް ނުވަތަ ކުރެހުމެއް އެޅިފައެއް ނުވާނެއެވެ.

ނަމަވެސް އެއީ ބޭނުން ރޮނގެއް އެޅިދާނެ އެއްޗެކެވެ. އަދި އެއީ ލެންބި ކޮންމެ ކޮޅަކަށް ލެނބޭނެ އެއްޗެކެވެ. އެހެންކަމުން، ހެޔޮ ކަންތަކަށް އާދަކުރުވައިފިނަމަ އެ ގޮތުގައި ބޮޑުވާނެއެވެ. އަދި އޭނާގެ މައިންބަފައިންނަކީ ދުނިޔެއާއި އާޚިރަތުގައިވެސް ބާއްޖަވެރިން ކަމުގައި ވާނެއެވެ. ނަމަވެސް ނުބައި ކަންތަކަށް އާދަކުރެވި، ކަންބަޅި ބަކަރި ފަދައިން އިހުމާލު ކުރެވިއްޖެނަމަ، އަބާއްޖަވެރިވެ ހަލާކުވާނެއެވެ. އަދި އެކަމުގެ ފާފަ އޭނާ ބަލައިބޮޑުކުރި ބައެއްގެ ބޮލުގައި އެޅޭނެއެވެ.”

ދަރިން ތަރުބިއްޔަތު ކުރުމުގެ ލަނޑުދަނޑި:
  • ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ ބޮޑު އެއް ލަނޑުދަނޑިއަކީ، އެންމެ ކުޑައިރުން ފެށިގެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވާން ދަރިފުޅަށް ދަސްކޮށްދިނުމެވެ. އެ އަމުރުފުޅުތަކަށް އިޙްތިރާމު ކުރާން ދަސްކޮށްދިނުމެވެ. އަދި ނަހީތަކުން ދުރުވާން ދަސްކޮށްދިނުމެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ އެންމެ ކުޑައިރުން ފެށިގެން ވެސް އިސްލާމީ ޙުކުމްތަކަކީ ރަމްޒީ އެއްޗެއް ނޫންކަމާއި، އެއީ ތަޝްރީޢީ އަދި މަންހަޖީ އެއްޗެއްކަން ކުއްޖާއަށް ދަސް ކޮށްދިނުމެވެ.
  • އިސްލާމްދީނުގެ މަތިވެރި އަގުތަކާއި އަޚްލާޤިއްޔާތަށް އިޙުތިރާމު ކުރާން ކުދިންނަށް ދަސްކޮށްދިނުމެވެ.
  • ދަރިންނަކީ ބާއްޖަވެރި ކުދީން ކަމުގައި ހެދުމެވެ. މީސްތަކުންނަށް އޯގާތެރި ބަޔަކަށް އެ ކުދީން ހެދުމެވެ.
  • އަދި އިޖުތިމާޢީ ކަންކަމުގައި ޙަރަކާތްތެރިވާ ބައެއްކަމުގައި އެ ކުދިން ހެދުމެވެ. އަމިއްލަ ނަފްސުގައިވާ ޤާބިލިއްޔަތުކަން ދަނެ، އެ ޤާބިލިއްޔަތުކަން އިތުރަށް ތަރައްޤީ ކުރުމަށް އެ ކުދިންނަށް ދަސްކޮށްދިނުމެވެ.
  • ދަރިންނަކީ ހިތްވަރުގަދަ ކެރޭ ބަޔަކަށް ހެދުމެވެ.

މި ލަނޑުދަނޑިތަކަށް ޖުމްލަ ގޮތެއްގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި އިޝާރާތް ކުރައްވައިފައެވެ. އެއީ “قرة أعين” މިކަލިމައިންނެވެ.

﴿وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا﴾ [الفرقان : 74]

އާޔަތުން ދޭހަ ވާ މާނަ: “އަދި އެއީ ބުނާ މީހުންނެވެ. އަޅަމެންގެ ރައްބެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރީންނަށް އިމާމުން ކަމުގައި އަޅަމެން ލައްވާނދޭވެ!”

އިމާމު ބަޣަވީ ރަޙިމަހު ﷲ، އެކަލޭގެފާނުގެ ތަފްސީރުގައި މިކަލިމަޔާ ބެހޭގޮތުން ލިޔުއްވާފައިވެއެވެ.

“(قرة أعين) މާނައީ، ރަނގަޅު ކިޔަމަންތެރި ތަޤްވާވެރި ދަރީންނެވެ. އެބައިމީހުން ﷲ އަށް ދަންނަވަތެވެ. އެ ދަރިން ޞާލިޙުންކަމުގައި ލައްވައި އަޅަމެންގެ ލޮލުގެ ފިނިކަންކަމުގައި ލައްވާފާނދޭވެއެވެ. ޤުރުޠުބީ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. މުއުމިނުންނަށް އެބައިމީހުންގެ އަނބިދަރިން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާތަން ފެނުމަށްވުރެ ވަކިން ބޮޑަށް އެބައިމީހުންގެ ލޮލަށް ފިނިކަން ލިބޭނެ އެހެން ކަމެއް ނުވެއެވެ.”

(ނުނިމޭ)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.