ސޫރަތުލް ގާރިޢާގެ ތަފްސީރު

ޑރ. މުޙައްމަދި ޢިޔާޟު ޢަބްދުއްލަޠީފު

(الْقَارِعَةُ ﴿١﴾) “ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ قيامة ދުވަހެވެ.”

މިއީ “އަލްގަރްޢު” މިލަފްޡުގެ އިސްމު ފާޢިލެވެ. މާނައަކީ: “ހިތްތަކަށް ބިރުވެރިކަން ގެނައުމެވެ. ނުވަތަ ބަޔަކު މީހުންނަށް ބޮޑުވެގެންވާ އާފަތެއް (މުޞީބާތެއް) ލައިގަތުމެވެ.

އިޝްތިހާރު Below Header ad

ސޫރަތުއް ރަޢްދުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلَا يَزَالُ الَّذِينَ كَفَرُوا تُصِيبُهُم بِمَا صَنَعُوا قَارِعَةٌ أَوْ تَحُلُّ قَرِيبًا مِّن دَارِهِمْ حَتَّىٰ يَأْتِيَ وَعْدُ اللَّـهِ ۚ  ) މާނައަކީ: ” كافر ވިމީހުންނަށް އެއުރެންކުރި ކަންތައްތަކުން، آفات ތައްޖެހި، ނުވަތަ އެ آفات ތައް، އެއުރެންގެ ގޮވަތިގެދޮރާ ކައިރިއަށް އައުން ފިލައިނުދެއެވެ. اللَّه ގެ وعد ފުޅު އަތުވެއްޖައުމަށް ދާނދެނެވެ. ހަމަކަށަވަރުން، اللَّه، وعد އާ خلاف ވެވޮޑިއެއް ނުގަންނަވަތެވެ.”

މިބިރުވެރިކަން ހިތްތަކަށް ވަންނާނީ ﷲ އަމުރުފުޅަށް ތާޅަފިލި ފުމެލެވޭ ވަގުތުގައެވެ. ސޫރަތުއް ނަމްލުގެ 87 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.

(وَيَوْمَ يُنفَخُ فِي الصُّورِ فَفَزِعَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۚ وَكُلٌّ أَتَوْهُ دَاخِرِينَ ﴿٨٧﴾  )

މާނައަކީ: “ތާޅަފިލި ފުމެލައްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ (އެހިނދު) اللَّه އިރާދަކުރެއްވި މީހަކު މެނުވީ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ބިރުން ސިހިގެންދާނެތެވެ. އަދި އެންމެން ދެރަވެ، ނިކަމެތިވެގެންވާ حال ގައި އެކަލާނގެ حضرة އަށް އަންނާނެތެވެ.”

މި ބިރުވެރި ކަމަކީ ކުރިން ދުވަހަކުވެސް ތަޖްރިބާކޮށްފައި ނުވާ ފަދަ ވަރުގަދަ ބިރުވެރި ކަމެކެވެ.

(الْقَارِعَةُ ﴿١﴾) މިއީ ގިޔާމަތް ދުވަހަށް ދެވިފައިވާ ނަންތަކުގެ ތެރެއިން ނަމެކެވެ. ގިޔާމަތް ދުވަހަށް “އަލްޣާޝިޔާ. އަލްޙާއްގާ، އައްޠާމާ، އައްޞާއްޚާ، އަލްއާޒިފާ، އަލްވާގިޢާ” މިނަންތައްވެސް ދެވިފައިވާ ފަދައިންނެވެ. އެއްޗެއް ނުވަތަ ކަމެއްގެ ނުރައްކާތެރިކަން ބޮޑުވީ މިންވަރަކުން އެއެއްޗަކަށް ނުވަތަ ކަމަކަށް ދެވިފައިވާ ނަންތައްވެސް ގިނަވާނެއެވެ.  މިތަފާތު ނަންތަކަކީ މާނާއިގެ ގޮތުން އެއްގޮތް ނަންތަކެއް ނޫނެވެ. ނަމަވެސް، އެދުވަހުގެ ޙާލަތާއި ގުޅޭ ގޮތުން ދެވިފައިވާ ނަންތަކެވެ.

(مَا الْقَارِعَةُ ﴿٢﴾) “ހިތްތަކަށް ބިރުވެރިކަންގެނެސްދޭ قيامة ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟”

މިތަނުގައި ( مَا ) “ކޮން ދުވަހެއް ހެއްޔެވެ؟” މިފަދައިން ސުވާލު ކުރައްވާފައިވުމުގެ ބޭނުމަކީ އެދުވަހުގެ ބޮޑުކަމާއި ބިރުވެރިކަން ބަޔާން ކުރެއްވުމެވެ.

(وَمَا أَدْرَاكَ مَا الْقَارِعَةُ ﴿٣﴾) “އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟”

މި ސުވާލު ތަކްރާރު ކުރެއްވުމުގެ ބޭނުމަކީ އެދުވަހުގެ ބޮޑުކަމާއި ބިރުވެރިކަން އިތުރަށް ޔަގީންކޮށްދެއްވުމެވެ. އެއީ އާދައިގެ ދުވަހެއް ނޫންކަމާއި އެއީ ބޮޑުވެގެންވާ ބިރުވެރިކަން ބޮޑު ދުވަހެއް ކަން ބަޔާން ކުރެއްވުމެވެ.

އެއަށް ފަހު އެދުވަހު ކަންތައް ވެގެންދާނެ ގޮތުގެ ތަފްޞީލް ބަޔާން ކުރައްވަމުން ވަޙީ ކުރެއްވިއެވެ.

( يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ ﴿٤﴾ ) “ވިއްސިވިހާލިވެގެންދާ ޕަރްވާނާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ.”

(الْفَرَاشِ  ) މިއީ “ފަރާޝް” ގެ ޖަމްޢުއެވެ. އެއީ އަލިފާނާއި އަލިކަން ހުންނަ ތަންތަނުގެ ވަށައިގެން އުދުހޭ ކުދިކުދި ޕަރްވާނާތަކެވެ.

عَنْ جَابِرٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” مَثَلِي وَمَثَلُكُمْ ، كَمَثَلِ رَجُلٍ أَوْقَدَ نَارًا ، فَجَعَلَ الْجَنَادِبُ وَالْفَرَاشُ يَقَعْنَ فِيهَا ، وَهُوَ يَذُبُّهُنَّ عَنْهَا ، وَأَنَا آخِذٌ بِحُجَزِكُمْ عَنِ النَّارِ ، وَأَنْتُمْ تَفَلَّتُونَ مِنْ يَدِي [1]

މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޖާބިރުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނާއި ތިޔަބައިމީހުންގެ މިޘާލަކީ އަލިފާންގަނޑެއް ރޯކުރި މީހެއްގެ މިޘާލެވެ. އެއަލިފާންގަނޑު ކައިރިން އުދުހޭ ގޮއްފުޅަނގި އާއި ޕަރްވާނާތައް އޭގެތެރެއަށް ވެއްޓެއެވެ. އެމީހަކު އަތުން އެތަކެތި ފައްސާލެވޭތޯ މަސައްކަތްކުރެއެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުން ނަރަކައިން ސަލާމަތް ކުރެވޭތޯ ތިޔަބައިމީހުންގެ އަތުގައި ހިފިނަމަވެސް، ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަތުން ވީއްލިގެން އެތަނުގެ ތެރެއަށް ވެއްޓިގަންނަނީ އެވެ.”

(الْمَبْثُوثِ  ) ފެތުރިފައިވާ، ސޫރަތުލް ގަމަރުގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (خُشَّعًا أَبْصَارُهُمْ يَخْرُجُونَ مِنَ الْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ ﴿٧﴾  ) މާނައަކީ: ” އެއުރެންގެ ލޯތައް ތިރިވެ، ނިކަމެތިވެގެންވާ حال، ފެތުރިގަންނަ ގޮއްފުޅަނގިތަކެއް ފަދައިން ކަށްވަޅުތަކުން އެއުރެން ނުކުންނާނެތެވެ.” ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އާދަމް ޢަލައިހިއްސަލާމް އިން ފެށިގެން އެންމެ ފަހުން މަރުވި މީހާ އާއި ހަމަ އަށް އެންމެން ގަބުރުތަކުން ނިކުންނާނީ އެކުއެކީގައެވެ.

(وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ ﴿٥﴾  ) “އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ.”

ވަރުގަދަ ހަރު ހިލަ ފަރުބަދަތައް ބުރުވާލެވޭ ކެހެރިތަކެއް ފަދައިން ބަދަލުވެގެންދެއެވެ. ސޫރަތުލް ވާގިޢާގެ 5 އަދި 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَبُسَّتِ الْجِبَالُ بَسًّا ﴿٥﴾ فَكَانَتْ هَبَاءً مُّنبَثًّا ﴿٦﴾  ) މާނައަކީ: ” އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ. ފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ.”

(فَأَمَّا مَن ثَقُلَتْ مَوَازِينُهُ ﴿٦﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ ﴿٧﴾ وَأَمَّا مَنْ خَفَّتْ مَوَازِينُهُ ﴿٨﴾ فَأُمُّهُ هَاوِيَةٌ ﴿٩﴾   )

ގިޔާމަތް ދުވަހުގައި މީސްތަކުން ދެބަޔަކަށް ބެހިގެންވާކަން މިއާޔަތްތަކުގައި ބަޔާން ކުރެއްވިއެވެ.

ފުރަތަމަ ބަޔަކީ: އެމީހެއްގެ ފާފަތަކަށް ވުރެ ހެޔޮކަންތައް ގިނަވީ މީހާ އެވެ.

ދެވަނަ ބަޔަކީ: އެމީހެއްގެ ހެޔޮކަންތަކަށް ވުރެ ފާފަތައް ގިނަވީ މީހާއެވެ.

( فَأَمَّا مَن ثَقُلَتْ مَوَازِينُهُ ﴿٦﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ ﴿٧﴾   ) ” ފަހެ، އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ! ފަހެ، އެމީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (އެބަހީ: ސުވަރުގޭގައެވެ.)” އެތަނުގައި އެއްވެސް ވަރުބަލިކަމެއް ނޯންނާނެއެވެ. ހުރިހާ ކަމެއް އޮންނާނީ ވަރަށް ފުރިހަމަ ކޮށެވެ. އެމީހުން އެތަނުން ދުވަހަކުވެސް ނުނިކުންނާނެއެވެ. ސޫރަތުލް ޙިޖްރިގެ 45 އިން 48 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ ﴿٤٥﴾ ادْخُلُوهَا بِسَلَامٍ آمِنِينَ ﴿٤٦﴾ وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ إِخْوَانًا عَلَىٰ سُرُرٍ مُّتَقَابِلِينَ ﴿٤٧﴾ لَا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُم مِّنْهَا بِمُخْرَجِينَ ﴿٤٨﴾ )

މާނައަކީ: ” ހަމަކަށަވަރުން، تقوى ވެރިން ވަނީ ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ. (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ސަލާމަތްކަމާއެކު، އަމާންކަން ލިބިގެންވާ حال އެތަނަށް ވަންނާށެވެ! އަދި ތިމަންރަސްކަލާނގެ، އެއުރެންގެ ހިތްތަކުގައިވާ حسد ވެރިކަން ވަކިކުރެއްވީމެވެ. ދާންތަކެއްގެ މަތީގައި އެކަކު އަނެކަކަށް ކުރިމަތިލައިތިބޭ أخ ންތަކެއްގެ ގޮތުގައެވެ. އެއުރެންނަކަށް އެތާނގައި އެއްވެސް ވަރުބަލިކަމެއް ނުޖެހޭނެތެވެ. އަދި އެ ތަނުން ނެރުއްވާނެ ބަޔަކު ކަމުގައިވެސް އެއުރެން ނުމެވޭމެއެވެ.”

(وَأَمَّا مَنْ خَفَّتْ مَوَازِينُهُ ﴿٨﴾ فَأُمُّهُ هَاوِيَةٌ ﴿٩﴾  ) “އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ! ފަހެ، އޭނާ އުޅޭނެތަނަކީ، ނަރަކައިގެ އަޑިއެވެ.”

( هَاوِيَةٌ ) މިއީ ނަރަކަ އަށް ދެވިފައިވާ ނަންތަކުގެ ތެރެއިން ނަމެކެވެ.

(وَمَا أَدْرَاكَ مَا هِيَهْ ﴿١٠﴾ ) “ހާވިޔާ” އަކީ ކޮންތަނެއްކަން ކަލޭގެފާނަށް އެނގިލައްވާތޯއެވެ؟”

މިތަނުގައި ސުވާލު ކުރެއްވުމުގެ ބޭނުމަކީ އެތަނުގެ ނުރައްކާތެރިކަން ބަޔާން ކުރެއްވުމެވެ.

(نَارٌ حَامِيَةٌ ﴿١١﴾  ) އެއީ ހޫނުކަން ގަދަ އަލިފާން ގަނޑެކެވެ.

މި ސޫރަތުގެ ޖުމްލަ މާނަ:

ހަމަކަށަވަރުން ގިޔާމަތް ދުވަހަކީ ބޮޑުވެގެންވާ ދުވަހެކެވެ. އެދުވަހުން މީސްތަކުން ކައްވަޅުން ނެރުއްވާ ﷲ ގެ ޙަޟްރަތަށް މަޙްޝަރު ކުރެވޭނެއެވެ. އެދުވަހުން މީސްތަކުންގެ ހިތްތަކަށް ވެރިވެފައިވާ ބިރުކަމެއްގެ ސަބަބުން މީސްތަކުން ތިބޭނީ ޕަރުވާނާތަކެއްގެ ގޮތަށެވެ. އަދި ފަރުބަދަތައް ބުރުވާލެވޭ ކެހެރިތަކެއް ފަދައިން ވެގެންދާނެއެވެ.

އަދި މީސްތަކުން ކޮށްފައިވާ ޢަމަލުތަކުގެ މައްޗަށް އެދުވަހުން ޙިސާބު ބެއްލެވޭނެއެވެ. އެމީހެއްގެ ނުބައިކަންތަކަށް ވުރެ ހެޔޮ ޢަމަލުގިނަވެއްޖެ މީހާ ސުވަރުގެ ވަންނަ ހުއްޓެވެ. އަދި އެމީހެއްގެ ހެޔޮޢަމަލުތަކަށް ވުރެ ނުބައި ޢަމަލުތައް ގިނަވެއްޖެ މީހާ ދިރިއުޅޭން އޮތްތަނަކީ ނަރަކައެވެ. ނަރަކައަކީ ހޫނުކަން ގަދަ އަލިފާންގަނޑެކެވެ. އެހެންކަމުން، މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ، ވީހާވެސް ގިނައިން ހެޔޮޢަމަލު ކުރުމަށެވެ. އަދި ނުބައި ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވުމަށެވެ.

[1]  صحيح مسلم » كِتَاب الْفَضَائِلِ » بَاب شَفَقَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ … رقم الحديث: 4243

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.