ސޫރަތުއް ނަބައުގެ ތަފްސީރު 1

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް.

(عَمَّ يَتَسَاءَلُونَ ﴿١﴾ ) މުޝްރިކުން އެއްބަޔަކު އަނެއް ބަޔަކަށް ސުވާލުކޮށް ހަދަނީ ކޮންކަމަކާ ގުޅޭ ގޮތުން ހެއްޔެވެ؟   މިތަނުގައި މިއީ އިސްތިފްހާމް އިންކާރީ އެކެވެ.

(عَنِ النَّبَإِ الْعَظِيمِ ﴿٢﴾  ) އެބައިމީހުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވާ ﷲ ތަޢާލާ ވަޙީ ކުރައްވައެވެ. އެބައިމީހުން އެސުވާލު ކުރަނީ ބޮޑުވެގެންވާ ޚަބަރާއި ގުޅޭ ގޮތުންނެވެ. އެއީ ގިޔާމަތް ދުވަހުގެ ވާހަކަ އެވެ. މަރުވުމަށް ފަހު ދިރުއްވޭނެ ވާހަކަ އާއި ޙިސާބުކިތާބު ބެއްލެވޭނެ ވާހަކަ އެވެ.

އިޝްތިހާރު Below Header ad

(الَّذِي هُمْ فِيهِ مُخْتَلِفُونَ﴿٣﴾  ) އެއީ އެކަމަކާއި ގުޅޭ ގޮތުން އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އިޚްތިލާފު އުފެދިގެން އުޅުނު ކަންތައްތަކެވެ. އެއްބަޔަކު އެކަމާއި މެދުގައި އީމާންވިއެވެ. އަނެއް ބަޔަކު ޙަގީގަތް އެނގިތިބެމެ އެކަން ދޮގުކުޅައެވެ. އަނެއް ބަޔަކު އެކަމަށް އީމާންވެ ތެދުކުޅައެވެ. އެއަށް ފަހު ﷲ ބަޔާން ކުރައްވަނީ އެބައިމީހުން ދޮގުކުޅަކަންތަކުގެ ޙަގީގަތް އެބައިމީހުންނަށް ޔަގީންވާ ދުވަހެއް އަންނާނެވާހަކައެވެ. އެއީ ގިޔާމަތް ދުވަހުއެވެ. އެދުވަހުން އެބައިމީހުން ބުނާނެ ކަމަށް ސޫރަތުލް އަޢްރާފްގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَوْمَ يَأْتِي تَأْوِيلُهُ يَقُولُ الَّذِينَ نَسُوهُ مِن قَبْلُ قَدْ جَاءَتْ رُ‌سُلُ رَ‌بِّنَا بِالْحَقِّ فَهَل لَّنَا مِن شُفَعَاءَ فَيَشْفَعُوا لَنَا أَوْ نُرَ‌دُّ فَنَعْمَلَ غَيْرَ‌ الَّذِي كُنَّا نَعْمَلُ ۚ قَدْ خَسِرُ‌وا أَنفُسَهُمْ وَضَلَّ عَنْهُم مَّا كَانُوا يَفْتَرُ‌ونَ ﴿٥٣﴾  ) މާނައަކީ: “އެންމެފަހުގެ ނަތީޖާ (ފެނިގެން) އަންނަ ދުވަހު (އެބަހީ: قيامة ދުވަހު) ކުރިން އެކަންތައް ހަނދާން ނައްތާލި މީހުން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسول ން، حق دين އާއިގެން ވަޑައިގަތެވެ. ފަހެ، ތިމަންމެންނަށް شفاعة ތެރިންތަކެއް ވޭބާވައެވެ؟ ނުވަތަ (ދުނިޔޭގައި) ތިމަންމެން عمل ކޮށް އުޅުނުގޮތް ނޫންގޮތަކަށް عمل ކުރުމަށްޓަކައި، ތިމަންމެން އެނބުރި (ދުނިޔެއަށް) ފޮނުއްވާނެ ބާވައެވެ؟ ހަމަކަށަވަރުން، އެއުރެން، އެއުރެންގެ نفس ތައް ނަގާލައިފިއެވެ. އަދި އެއުރެން ދޮގުން އުފައްދައި އުޅުނު إله ންތައް، އެއުރެންނަށް ގެއްލިހިނގައްޖެއެވެ.”

(كَلَّا سَيَعْلَمُونَ ﴿٤﴾) އެބައިމީހުންނަށް އެކަމުގެ ޙަގީގަތް ރަގަޅަށް އެނގިގެންދާނެއެވެ. މިތަނުގައި “ޢިލްމު” ނުވަތަ “އެނގޭނެ” ޔޭ އޮތް ބަސްފުޅުގެ މުރާދަކީ އެބައިމީހުންނަށް ޚަބަރު ދެއްވިފައިވާ ނުވަތަ އެދުވަހެއްގެ ނުރައްކާތެރެ ކަމުގެ ވާހަކައިން އިންޛާރުދެވިފައިވާ ގިޔާމަތް ދުވަހަކީ ޙަގީގަތެއް ކަން އެބައިމީހުންނަށް އެނގިގެންދާނެ ވާހަކަ އެވެ.

(ثُمَّ كَلَّا سَيَعْلَمُونَ ﴿٥﴾   ) މިއީ އެބައިމީހުންނަށް ހުރި ވަޢީދުގެ ކަންތައް ޔަގީން ކޮށްދެއްވުމެވެ. އަދި އެބައިމީހުންނަށް ޓަކައި އިންތިޡާރު ކުރަމުން ގެންދާ ޢަޛާބުގެ ބޮޑުކަމުގެ ވާހަކަ ބަޔާން ކުރެއްވުމެވެ.

(أَلَمْ نَجْعَلِ الْأَرْ‌ضَ مِهَادًا ﴿٦﴾  ) މިތަނުގައި އިސްތިފްހާމްގެ ބޭނުމަކީ އެބައިމީހުންގެ މައްޗަށް ޙުއްޖަތް ގާއިމް ކުރެއްވުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ދެއްވާފައިވާ ނިޢްމަތްތަކާއި، އެނިޢްމަތްތަކަށް އެބައިމީހުން ޝުކުރުވެރި ވުން ވާޖިބުވެގެންވާކަން ބަޔާންކޮށް ދެއްވުމެވެ.

(مِهَادًا ) ބިންގަނޑަކީ އިންސާނުންނަށް ބޭނުން ހިފޭފަދަ ތަނެއްގެ ގޮތުގައި ﷲ ނުލައްވާ ހެއްޔެވެ. އެބިންގަނޑު ގައި ގޮވާން ކުރެވޭ ގޮތް ލެއްވިއެވެ. އަދި އެނޫންވެސް އިންސާނުންގެ މަޞްލަޙަތުތަކާއި އެންމެ އެކަށީގެންވާ ގޮތެއްގައި ބިންގަނޑުވަނީ ލައްވާފައެވެ.

(وَالْجِبَالَ أَوْتَادًا ﴿٧﴾)   (أَوْتَادًا  ) އަކީ ބިންގަނޑު ހަރު ކުރުމަށް ޖެހިފައި ހުންނަ ބޮޑެތި މޮހޮރުތަކެވެ. މާތް ﷲ ފަރުބަދަތައް ލައްވާފައިވަނީ ބިންގަނޑު ހެލިޔަ ނުދީ ހިފެހެއްޓިފައި ހުރުމަށް ޓަކައެވެ.

(وَخَلَقْنَاكُمْ أَزْوَاجًا ﴿٨﴾  ) ތިމަން ﷲ ތިޔަބައިމީހުން ލައްވާފައިވަނީ އެކި ބައިބަޔަށެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ކުދި މީހުންނާއި ބޮޑެތި މީހުންނެވެ. ދޮން މީހުންނާއި ކަޅު މީހުންނެވެ. ބާއްޖެވެރިންނާއި އަބާއްޖެވެރިންނެވެ.

(وَجَعَلْنَا نَوْمَكُمْ سُبَاتًا ﴿٩﴾  ) ނިންޖަކީ ތިޔަބައިމީހުންގެ ހަށިގަނޑަށް އަރާމު ލިއްބައިދޭ ކަމެއްގެ ގޮތުގައި ލެއްވީމުއެވެ.

(سُبَاتًا  ) ވަރުބަލިކަން ފިލުވާލުން.  އިންސާނާ ވަރުބަލިވުމުން ނިދާލީމާ އިތުރަށް ޖޯޝާއި ހިތްވަރުލިބިދެއެވެ. މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ އަށް ދެއްވާފައިވާ ނިޢްމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސޫރަތުއް ރޫމްގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمِنْ آيَاتِهِ مَنَامُكُم بِاللَّيْلِ وَالنَّهَارِ‌ وَابْتِغَاؤُكُم مِّن فَضْلِهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَسْمَعُونَ ﴿٢٣﴾  ) މާނައަކީ: ” އަދި ރޭގަނޑާއި ދުވާލުގެ ވަގުތުގައި ތިޔަބައިމީހުން ނިދާ ނިދުމާއި، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެދި ތިޔަބައިމީހުން މަސައްކަތްކުރުންވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެކަމުގައި އަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ”

(وَجَعَلْنَا اللَّيْلَ لِبَاسًا ﴿١٠﴾  ) ތިޔަބައިމީހުން ނިވާވުމަށް ހެދުން ލާފަދައިން ރޭގަނޑަކީ ބިންގަޑަށް ލިބާސެއްގެ ގޮތުގައި ލެއްވިއެވެ.

(وَجَعَلْنَا النَّهَارَ‌ مَعَاشًا ﴿١١﴾  ) ދުވާލަކީ ރިޒްގު ހޯދުމަށް މަސައްކަތް ކުރަން އޮތް ވަގުތެއް ކަމުގައި ލެއްވިއެވެ.

(مَعَاشًا  ) ދިރިއުޅުމަށް ބޭނުންވާނޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް އޮތް ވަގުތެއް ކަމުގައި ދުވާލު ލެއްވިއެވެ.

(وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا ﴿١٢﴾  ) ތިޔަބައިމީހުންގެ މަތިން ވަރުގަދަ ހަތްއުޑު އުފެއްދެވިއެވެ.  ސޫރަތުއް ޛާރިޔާތުގެ 47 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ ﴿٤٧﴾  ) މާނައަކީ: “ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.”

(وَجَعَلْنَا سِرَ‌اجًا وَهَّاجًا ﴿١٣﴾  ) ތިޔަބައިމީހުންނަށް ޓަކައި އިރު އުފެއްދެވީމެވެ. އަދި އެއިރުގެ ޛަރީޢާއިން ތިޔަބައިމީހުންނަށް އަލިކަން ދެއްވީމެވެ.

(وَهَّاجًا  ) ހޫނުގަދަ. އިރަކީ އަލިކޮށްދިނުމުގެ އިތުރުން ހޫނުވެސް ކޮށްދޭ އެއްޗެކެވެ.

(وَأَنزَلْنَا مِنَ الْمُعْصِرَ‌اتِ مَاءً ثَجَّاجًا ﴿١٤﴾  )

(الْمُعْصِرَ‌اتِ  ) ވިއްސާރަވެހެން ގާތްވުމުން ކައިރިވެފައިވާ ވިލާތައް.

(ثَجَّاجًا ) ވަރުގަދަ

(لِّنُخْرِ‌جَ بِهِ حَبًّا وَنَبَاتًا ﴿١٥﴾  ) އުޑުން ބިމަށް ވެއްސަވާ ފެނުގެ ސަބަބުން އޮށްޓަރާއި، ފަތްޕިލާވެލި ފަޅުއްވައި، ނެރުއްވުމަށްޓަކައެވެ.

(وَجَنَّاتٍ أَلْفَافًا ﴿١٦﴾  ) އަދި ފަތްތައް ބޯކޮށް ހެދިފައިވާ ބަގީޗާތައް މެއެވެ. މާތް ﷲ އުޑުން ވެއްސަވާ ވާރޭ ފެނުގެ ސަބަބުން ގަސްތަށް ފަޅައެވެ. އަދި ބައެއް ގަސްތައް ބިމުއަޑީގައި ލައްވާފައިވާ ފެނުގެ ސަބަބުންވެސް ފަޅައެވެ. ސޫރަތުލް ޙިޖްރިގެ 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَأَرْ‌سَلْنَا الرِّ‌يَاحَ لَوَاقِحَ فَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَسْقَيْنَاكُمُوهُ وَمَا أَنتُمْ لَهُ بِخَازِنِينَ ﴿٢٢﴾  ) މާނައަކީ: ” ތިމަންރަސްކަލާނގެ ވައިރޯޅިތައް ފޮނުއްވީމެވެ. (ވިލާތަކާއި ގަސްގަހާގެހި) تلقيح ކުރާ (އެބަހީ: ދަރިމައިކުރާ) އެއްޗެއްގެ ގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ވާރޭވެއްސެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެ ފެން ބޯންދެއްވީމެވެ. އަދި އެ ފެން ރައްކާކޮށް خزانة ކުރެވޭނެ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވެތެވެ.” ސޫރަތުއް ޒުމަރުގެ 21 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (أَلَمْ تَرَ‌ أَنَّ اللَّـهَ أَنزَلَ مِنَ السَّمَاءِ مَاءً فَسَلَكَهُ يَنَابِيعَ فِي الْأَرْ‌ضِ ثُمَّ يُخْرِ‌جُ بِهِ زَرْ‌عًا مُّخْتَلِفًا أَلْوَانُهُ ثُمَّ يَهِيجُ فَتَرَ‌اهُ مُصْفَرًّ‌ا ثُمَّ يَجْعَلُهُ حُطَامًا ۚ إِنَّ فِي ذَٰلِكَ لَذِكْرَ‌ىٰ لِأُولِي الْأَلْبَابِ ﴿٢١﴾  ) މާނައަކީ: ” ހަމަކަށަވަރުން، اللَّه އުޑުން ފެން ވެއްސަވައި، ދެން ބިމުގެ ތެރޭގައިވާ ފެންފެންގަނޑަށް އެ ފެން ފޮނުއްވައި، ދެން އެ ފެނުން ކުލަތައް ތަފާތުވެގެންވާ ގޮވާމުގެ ބާވަތްތައް ނެރުއްވާތީ ތިބާ ނުދެކެމުހެއްޔެވެ؟ ދެން އެތަކެތި ހިކި، ރީނދޫކުލައިގައިވާތީ ތިބާއަށް ފެންނާނެތެވެ. ދެން އެކަލާނގެ އެތަކެތި ކުނޑިކުނޑި އެތިއެތިކޮޅުތަކެއް ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ބުއްދީގެ أهل ވެރިންނަށް ހަނދާންކޮށްދިނުން ވާކަންކަށަވަރެވެ.”

މިހުރިޙާ ކަމަކުން ދޭހަވަނީ މީސްތަކުން މަރުވުމަށް ފަހު އަލުން ދިރުއްވާ މަޙްޝަރު ކުރެއްވުމަށް ﷲ ކުޅަދުންވަންތަވޮޑިގެންވާ ކަމެކެވެ.

ﷲ ތަޢާލާ އިންސާނުންނަށް ދުނިޔެމަތީގައި ދެއްވި ނިޢްމަތްތަކުގެ ވާހަކަ ބަޔާން ކުރެއްވުމަށް ފަހުގައި ދެން މި ބަޔާން ކުރައްވަނީ އާޚިރަތް ދުވަހުން ހުރިހާ އިންސާނުން މަޙްޝަރު ކުރެއްވޭ ދުވަހު ކަންހިނގާނެ ގޮތުގެ ވާހަކަ އެވެ.

ނުނިމޭ…

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. މިއީ ވަރަށް މަދު އިލްމެއް ވަރަށް ބޮޑަށް ޑރ. އިޔާޒް އަށް އެބޭފުޅާގެ މި ބުރަ މަސައްކަތުގައި ބަރަކާޢތް ލައްވާށި. އަދި މި ސައިޓަށްވެސް ކުރިއެރުން ދެއްވާށި އާމީން

  2. މި ސައިޓް މަށް އަދިކިރިޔާ މި ފެނުނީ ވަރަށް ފުރިހަމަ. ދީނީ ލިޔުން ހުއްޓާ ނުލާ ކުރިޔަށް ގެނަދާނެ ކަމަށް އުންމީދު ކުރަން

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.