ދިވެހިރާއްޖޭގައި ކަލަންޑަރު

އިންޑިޔާކަނޑުގައި އޮންނަ ދިވެހިރާއްޖެއޭ މިކިޔާ ކުދިކުދި ޗާލު ރަށްރަށުގައި ދިރިއުޅޭ ދިވެހިންނޭމިކިޔާމީހުން ކަލަންޑަރު ބޭނުންކުރަން ފެށީ ކޮން ތާރީޚެއްގައި ބާއެވެ؟

ދުނިޔޭގައި މަޝްހޫރުވެފައި އޮންނަނީ ދެވައްތަރެއްގެ ކަލަންޑަރެކެވެ. އެއީ ޖޯޖިއަން ކަލަންޑަރާއި، އިސްލާމީ ކަލަންޑަރު، ނުވަތަ ހިޖުރީ ކަލަންޑަރެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަމުން، ހިޖުރީ ތާރީޚަކީ ދިވެހިންނާއި ބީރައްޓެހި އެއްޗެއް ނޫނެވެ.

އިޝްތިހާރު Below Header ad

ރޯދައިގެ މަތިވެރި އަޅުކަން ރަމަޞާންމަހު އަދާކުޅައުމާއި، އެއާއި ވިދިގެން އަންނަ ޝައްވާލުމަހު ހިފާ ހަ ރޯދައާއި، ޙައްޖުވެރިން އެމަތިވެރި އަޅުކަމަށް މައްކާއަށް ދިއުމަށް ޛުލްޤަޢްދާމަހު ދަތުރު ފަށުމާއި، ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހު ރޯދަހިފުމާއި، އަޞްޙާ ޢީދު އެމަހުގެ 10ގައި ފާހަގަ ކުރުމީ އެމީހުންގެ މެދުގައި ޢާއްމުކަންކަމެވެ.

އަދި ހަމައެހެންމެ މުޙައްރަމު މަހުގައި އާޝޫރާ ދުވަސް ފާހަގަ ކުރުމާއި، ސަފަރުމަހައްދޭ އަހައްމިއްޔަތެއް އޮތުމާއި، ރަޖަބުމަހަށް މާތްކޮށްހިތުމީ އެމީހުން އިސްލާމްވީއްސުރެ ހިފަހައްޓަމުންއައި މަތިވެރި އަގުތަކެއް ރަމްޒުކޮށްދޭ ކަންކަމެވެ. ވަކީން ޚާއްޞަގޮތެއްގައި ދިވެހިންގެ ޤައުމީދުވަހަކީ ރަބީޢުލް އައްވަލުމަހުގެ 1 ވަނަ ދުވަސް ކަމުގައި ހަމަޖައްސާފައި އޮތްއޮތުމުން އެނގެނީ ދިވެހިން ޒަމާނުއްސުރެ ހިޖުރީ ކަލަންޑަރަށް ދެމުންގެންދިޔަ އިހުތިރާމާއި ޤަދަރެވެ.

ކަންމިހެން އޮތްނަމަވެސް، ރަސްމީ ސިފައެއްގައި ދުވަސްބެލުމާއި ތާރީޚު ޖެހުމަށް ދިވެހިންވެސް ގެންގުޅެމުން އަންނަނީ ހުޅަނގުގެ ޖޯޖިއަން ކަލަންޑަރެވެ. މިރާއްޖެނޫނަސް އެހެން އިސްލާމީ ގިނަ ޤައުމުތަކުގައިވެސް ބޭނުންކުރަމުން އަންނަނީ މިކަލަންޑަރެވެ. މުސްލިމުންގެ ބާރުކުޑަވެ އިސްތިއުމާރީ އަޅުވެތިކަމަށް އިސްލާމީ ޤައުމުތަށް ޝިކާރަވެވިގެން ދިޔައިރު، މިކަލަންޑަރު ބޭނުންކުރުން މުސްލިމުންނަށް މަޖުބޫރު ވަމުން ދިޔައެވެ.

އޭގައި ވާކޮންމެ ދުވަހަކަށް ދުވަހެއް ގުނަމުން ދިޔަނަމަވެސް، މުސްލިމް ޤައުމު ތަކުގައި ހުކުރުދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިއޮވެއެވެ. މަދު މުސްލިމް ޤައުމެއްގައި ނޫނީ އަދިވެސް ކަންއޮތީ މިބީދައިންނެވެ. ދިވެހިރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ޕާކިސްތާނުގައި ހުކުރާއި ހޮނިހިރު އެއީ ހަފްތާ ބަންދު ކަމުގައި އޮތް އޮތުމަށް ނިމުމެއްގެނެސް ހޮނިހިރާއި އާދީއްތަ އެއީ ރަސްމީ ބަންދު ދުވަސް ކަމުގައި ހަމަޖެއްސެވީ 1996 ގައި އެޤައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްކަމުގައި އެޤައުމުގެ ތާރީޚު ލިޔާފަރާތްތަށް ބުނެއެވެ.

ދިވެހިރާއްޖޭގައިވެސް ހަފްތާ ބަންދު ކަމުގައި ކުރިން ހަމަޖައްސާފައި އޮންނަނީ ބުރާސްފައްޗާއި ހުކުރެވެ. މިހާރު މިއޮންނަގޮތަށް ހުކުރާއި ހޮނިހިރަށް ހަފްތާބަންދު ބަދަލުކުރެއްވީ 1978ން 2008އަށް މިރާއްޖޭގައި ވެރިކަންކުރެއްވި އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ.

ދިވެހިން އެންމެކުރިން ބޭނުންކޮށްއުޅުނީ ބޭރުކަރަތަކުން ގެނެެވޭ ކަލަންޑަރުތަކެވެ. ދިވެހިރާއްޖެއަށް އެންމެފުރަތަމަ ކަލަންޑަރެއް ގެންނެވީ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުކަމުގައި ތާރީޚު ހެކިދެއެވެ. މިކަލަންޑަރު ގެނެވުނީ އިންޑިޔާގެ ކަލްކަޓާއިންނެވެ. އޭގެ ފަހުން ދިވެހިރާއްޖެއިން ކޮޅުބަށާއި، މިނޫން ޤައުމުތަކަށް ވިޔަފާރި ދަތުރުތަށް ފެށިގެން އައިއިރު ރާއްޖެއަށް ބޭރުކަރަތަކުން ކަލަންޑަރުގެނެސްފައި ހުރެދާނެއެވެ. އޭރުގެ މީހުން ކަލަންޑަރު ބޭނުންކޮށް އުޅުނު ނިސްބަތެއް އަންދާޒާކޮށްލާނެ ލިޔުމެއް އަޅުގަނޑަކަށް ނުފެނުނެވެ.

އެއީ ދިވެހިންގެ ސާދާ ދިރިއުޅުމުގައި އާލާތުގެ ޙާޖަތް މާބޮޑުނޫނީކަމުގައި ވެދާނެއެވެ. އެކިއެކި ޤައުމުތަކުން މިރާއްޖެއަށް ޒިޔާރަތްކުރެެއްވި ފަރާތްތަކުންވެސް ސީދާސީދާކޮށް ކަލަންޑަރުގެ ވާހަކަ ދައްކާފައި ވަނިކޮށް ފެންނަން ނެތްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މޫސުމާއި ނަކަތްތަކުގެ ވާހަކަ ހިސާބަކަށް ދެކެވޭތީ ފެނެއެވެ.

ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު އެންމެފުރަތަމަ ކަލަންޑަރެއް ރާއްޖޭގައި ޗާރޕްކުރެއްވީ އައްޑޫއަތޮޅައް ނިސްބަތްވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެފުރަތަމަ ކަލަންޑަރެއް ހެއްދެވީ އައްޑޫ ފަނޑިޔާރު ތައްޚާނުގޭ ދޮންމަނިކެވެ. މިމަނިކުފާނު ހެއްދެވި ކަލަންޑަރުގައި ހިޖްރީ އަދި މީލާދީ ތާރީޚުތަކާއި، ހަނދު ބުރުޖު ސާއަތްތަކާއި، ނަކަތްތަކުގެ އިތުރުން، ނަމާދުވަގުތުވެސް ހިމެނުނެވެ. މިކަލަންޑަރު ޗާރޕުކުރެއްވީ މިބޭފުޅާގެންނުޅުއްވި އަމިއްލަފުޅު ޗާރޕު މެޝިނަކުންނެވެ.

މިއީ ރާއްޖެއަށް ޗާރޕްމެޝިނެއް ގެންނަވައިގެން އެންމެ ފުރަތަމަ ޗާރޕްކުރެއްވި ބޭފުޅާއެވެ. މިބޭފުޅާ ފުރަތަމަ ޗާރޕްކުރެއްވީ ޖަންނަތުލް ފިރްދައުސްއޭކިޔުނު ފޮތެކެވެ. މިފޮތް ޗާޕްކުރެއްވި އަހަރު ރާއްޖޭގެ ފުރަތަމަ ކަލަންޑަރުވެސް ޗާރޕްކުރެއްވިކަން ދިވެހިތާރީޚުންއެނގެއެވެ. އެއީ އޭރު ހުންނެވި ރަދުންނަށް ޖަންނަތުން ފިރްދައުސްއޭ ކިޔުނުފޮތް ވެދުމަށް އެރުވިއިރު އެއާއިއެކު ވެދުމަށް އެރުވުމަށް ޗާޕުކުރެއްވި ކަލަންޑަރެކެވެ. މިބޭފުޅާއަކީ އަޞްލު މީދޫބޭފުޅެކެވެ. ދިރިއުޅުއްވީ ހުޅުދޫގައެވެ.

އެހެންކަމުން މިބޭފުޅާ ނިސްބަތްވަނީ ހުޅުމީދޫއަށެވެ. ތަޢްލީމު ޙާޞިލްކުރެއްވީ ޢަރަބިކަރައާއި ހިންދުކަރައިނެވެ. މިބޭފުޅާ މަޝްހޫރުވެފައިވަނީ އައްޝައިޚް އިބްރާހިމް ބިން ބަހާއުއްދީންގެ ނަމުންނެވެ. މާލޭގެ މާވެޔޮމަގުގައި ހުންނަ ބަހާއުއްދީން މިސްކިތް ނުވަތަ މާވެޔޮމިސްކިތް އެއީ މިބޭފުޅާގެ ބައްޕަ އެޅުއްވި މިސްކިތެކެވެ.

މީގެ ޒަމާން ތަކަކެއް ފަހުން ކަލަންޑަރެއް ޗާރޕްކުރެއްވީ ފ.އަތޮޅު ހިމިތީ ޢަބްދުއްﷲ އިސްމާޢީލެވެ. މިއީ އިސްމާޢީލް ކަލޭފާނުގެ ތުއްތެވެ. މިކަލަންޑަރު ޗާރޕް ކުރެވުނީ މާލޭގައެވެ. ފ.އަތޮޅު ހިމިތިއަކީ މިހާރު ފަޅުވެފައިއޮތްރަށެކެވެ.

ދިވެހިން މިހާރު މިބޭނުންކުރާ ކަލަންޑަރު މެދުކެނޑުމެއްނެތި ޗާރޕްކުރެވެމުން އަންނަތާ 37ވަރަކަށް އަހަރުވެދާނެ. 2010ވަނަ އަހަރާއިހަމައަށް ކަލަންޑަރު ޗާރޕްކުރެއްވީ ދިވެހިދައުލަތުގެ ފަރާތުނެވެ. 2011ވަނަ އަހަރުންފެށިގެން ކަލަންޑަރު ޗާރޕްކުރުން އަމިއްލަ ފަރާތްތަކަށް ހުޅުވާލެއްވިއެވެ. ނަތީޖާއަކަށްވީ ގިނަ ޢަދަދު ތަކެއްގެ ކަލަންޑަރުތަކެއް ފަސޭހަކަމާއެކު ދިވެހިންނަށް ލިބިގެންދިއުމެވެ.

އެކިއެކި ކުލަތަކާއި، ތަފާތު ގިނަމައުލޫމާތު ހިމަނައިގެން އަމިއްލަފަރާތްތަކުން ކަލަންޑަރުތަށް ދިވެހި ޖައްވަށް ވުޖޫދު ކުރަމުން ދިޔައެވެ. މިކަލަންޑަރުތައް ހެދިފައިހުރީ ޢާއްމުކޮށް މުޅިރާއްޖެއަށް ކަމުގައިވިޔަސް، ކަލަންޑަރުތައް ޚާއްޞަވެފައި ހުންނަނީ މާލެ އާއި މޭލެ ކައިރިރައްރަށަށްކަމުގައި ދަންނަވަންޖެހެއެވެ. އެހެނީ އޭގައި ހިމެނޭ ނަމާދު ވަގުތުތަށް ބަޔާންކުރާ ތާވަލުގައި އޮންނަނީ “މާލެއާއި މާލެކައިރި ރަށްރަށަށް” މިހެން ލިޔެފައެވެ.

މާލެ އަތޮޅުނޫން އެހެން ހިސާބަކަށް ޚާއްޞަކޮށްގެން ކަލަންޑަރެއް ފުރަތަމަ ފަހަރަށް ޗާޕްކޮށްފައިވަނީ 2014ވަނަ އަހަރުއެވެ. އައްޑޫ އަތޮޅަށް ޚާއްސަކޮށްގެން ނެރެވުނު މި ކަލަންޑަރު އުފައްދާ ވުޖޫދުކުރީ ހ.އަލިނަރުމާގޭ މުޙައްމަދު އަފްޟަލް އެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ އިމާމެއްގެ ވަޒީފާގައި މަސައްކަތްކުރައްވާ މިބޭފުޅާ، ދިރިއުޅުން އައްޑޫ އަތޮޅަށް ބަދަލުކުރެއްވީ އަމިއްލަފުޅު ބޭބޭފުޅުންނަށް އެއަތޮޅު ހިދަތޫގައި ހުންނަ ހިރާ ސްކޫލުން ކަޔަވައިދިނުމުގެ ގަސްދުގައެވެ.

2013ގައި އެއަތޮޅަށް ވަޒީފާބަދަލުކޮށް ހިދަތޫ މިސްކިތެއްގައި ބަންގިގޮވާ ނަމާދުކުރަންފެށިއެވެ. މިބޭފުޅާ ބަންގިގޮވަން މިސްކިތަށް ގޮސްއުޅުއްވީ ކަލަންޑަރުބައްލަވައިގެންނެވެ. ނަމަވެސް ކަލަންޑަރުގައިވާ ގަޑިއާއި މިރަށުގައި ބަންގިދޭ ވަގުތާ ދިމާނުވުމުން، އެކަމުގެ ތަކުލީފު މިބޭފުޅާއަށް ޖެހެންފެށިއެވެ. މިކަމަށް ޙައްލެއްގެނައުމަށް ނިޔަތްކަނޑައަޅާ، އައްޑޫ އަތޮޅުގެ ހުރިހާރަށްރަށަށް ދަތުރުކުރައްވާ، އެރައްރަށުގެ ނަމާދު ވަގުތުތަށް ދިރާސާކުރުމަށްފަހު އައްޑޫއަތޮޅަށް ޚާއްޞަ ކަލަންޑަރެއް ހައްދެވިއެވެ.

ކަލަންޑަރާއި ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރެއްވީ އަމިއްލަފުޅަށެވެ. މިކަލަންޑަރުގައި ނަމާދުވަގުތުތަށް ޚާއްޞަކުރެވިގެންވަނީ އައްޑޫއަތޮޅުގެ ރައްރަށަށް އެކަންޏެވެ. މިއީ ކަލަންޑަރުގެ ތާރީޚީ ސިލްސިލާއަށް އިތުރުކުރެވުނު އައު ބޮޅެކެވެ. މިއީ އައްޑޫ އަތޮޅުގެ ރައްޔިތުންނަށް ލިބުނު އުފާވެރިކަމެކެވެ. މުޅިއަތޮޅަށް ލިބުނު ތަރައްޤީއަކާއި ކުރިއެރުމެކެވެ.

ދިވެހިރާއްޖެ އިސްލާމްވިތާ 900 އެތައް އަހަރެއްވެފައިވާއިރު، ދަންނަވަންޖެހޭނީ ދިވެހިންނަކީ ދީނީ ކަންކަމަށް ވަރަށް ބޮޑަށް ލޯބިކުރާބައެއްކަމެވެ. ވަޒީފާގެ މާހައުލުންނާއި ވިޔަފާރިކުރާ ފިހާރަތަކުންނާއި، އޮފީސްތަކާއި މަދަރުސާތަކުން އަދި ކޮންމެ ގެއަކުންވެސް  ފަސޭހަކަމާއެކު ނަމާދުވަގުތު އެނގެންހުރުން އެއީ ތަރައްޤީވެފައިވާ މިޒަމާނުގައި ދީނީގޮތުން ލިބިފައިވާ ކުރިއެރުމެކެވެ.

ކަލަންޑަރުގެ ބޭނުން އެދެވޭގޮތެއްގައިހިފާ ނަމާދު އޭގެވަގުތު ފާއިތުނުވަނީސް އަދާކުރުމަށް އާދަ ކުރަމާތޯއެވެ! އަޅުގަނޑުމެންނަކީ ނަމާދުތަކަށް ރައްކާތެރިވުމުގެ ސަބަބުން ސުވަރުގެ ލިބޭބަޔަކު ކަމުގައިލައްވާށިއެވެ! އަދި ނަމާދަށް ފަރުވާ ކުޑަކުރުމުގެސަބަބުން ނަރަކައަށް ވަންނަންޖެހޭބަޔަކުކަމުގައި ނުލައްވާށިއެވެ! އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ޤަބޫލުކުރާބަޔަކުކަމުގައި ލައްވާށިއެވެ! އާމީން!

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.