ކަލަންޑަރުގެ ތާރީޚު

އިންސާނުން އެމީހުންގެ ޙަޔާތް ވޭތުކުރަނީ ޢަދަދު ކުރެވޭ ދުވަސްތަކަށް ކަންކަން ބަހާލައިގެންނެވެ. މިގޮތުން މާޟީގައި ހިނގި ކަންކަމުގެ ވާހަކަ ދައްކާއިރު އާއި މުސްތަޤްބަލުގައި ކަންކުރާނެ ގޮތްތައް ރަވާއިރު، އެންމެނަށް އެއްވަގުތެއްގައި ކަންކަން ކުރެވެނީ މިދެންނެވި އުޞޫލުގެދަށުން ކަންހިނގާތީއެވެ. އެއީކީ މިޒަމާނަކު އެކަނި މިކަން އޮތްގޮތެއްނޫނެވެ.

ކަލަންޑަރުގެ ތާރީޙު ފެށިގެން އައީ ކިހާހިސާބަކުންކަން ސީދާ ދަންނަވަން ދައްޗެވެ. އެހެނަސް މޫސާގެފާނު ފިރުއައުނުގެ ގާތައްގޮސް ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށް ބޯލަނބާ ކިޔަމަންގަންނާށޭ ބުނެ އެކަލޭގެފާނުގެ އަޞާގެ މުޢުޖިޒާތް ދެއްކެވުމުން، ތީ ސިހުރޭ، މިވެނިދުވަހަކުން ތިމަންނާގެ ސިހުރުވެރިންނާ މުޤާބަލާ ކުރަން އަންނާށޭ ބުނިބުނުމާއި، އިބްރާހީމްގެފާނު ބުދުތައް މުގުރެއްވީ ޤައުމުގެ މީހުން ޢީދުފާހަގަކުރަން ގޮސް އުޅުނުދުވަސްކަމުގައި ވުމީ ޢިޔާދަވާ ދުވަސްތަކެއް އެހާކުރީގައިވެސް ފަހަގަކުރަމުން އައިކަމަށް ދަލާލަތު ކުރާކަންކަމެކެވެ.

އިޝްތިހާރު Below Header ad

ދުވަސްތައް ދެނެގަތުމަށްޓަކައި އެކިޒަމާނުގައި އެކިމީހުން ގެންގުޅުނީ އެކިއެކި ގޮތްތަކެވެ. އެޒަމާނަކާ އަދި އެމުޖްތަމައަކާ އެންމެ އެކަށޭނަގޮތަކަށް އެކަންއައީ ހިނގަމުންނެވެ. މިގޮތުން ތަފާތު މުޖުތަމައުތަކުގައި ތަފާތުގޮތްގޮތައް ހެދިފައިހުރި ކަލަންޑަރުވެސް ބޭނުން ކުރެވެމުންދިޔައެވެ. ސަލާމްލެއްވި ޢީސާގެފާނު ދުނިޔޭގެ އަލިކަންދެކެވަޑައިގަތުމުގެ އެތައްހާސް އަހަރެއްގެ ކުރިއަށް ކަލަންޑަރުތަކުގެ ތާރީޚު ދަތުރުކުރެއެވެ.

އެގޮތުން ބަލާއިރު މާޔާ ކަލަންޑަރަކީވެސް އެއްޒަމާނެއްގައި ގެންގުޅު ކަލަންޑަރެކެވެ. ގިނަ އުނިކަންތަކެއް ހުރިކަމުގައިވިޔަސް މާޔާކަލަންޑަރުވެސްވަނީ ކަލަންޑަރުގެ ތާރީޚުން ޤަދީމީޖާގައެއް ހޯދާފައެވެ. އެކަލަންޑަރަށް ރިޢާޔަތްކުރާނަމަ ދުނިޔެ މިހާރުމިވަނީ ނިމިގޮސްފައެވެ. މާޔާ ކަލަންޑަރުވެސް މިހާރުވަނީ ނިމުމަކަށް އައިސްފައެވެ.

ދުނިޔޭގައި އެންމެކުރިން ބޭނުންކޮށް އުޅުނު ބައެއް ކަލަންޑަރުތަކުގެ ތެރޭގައި ހިބްރޫ ކަލަންޑަރު، އިޖިޕްޝަން ކަލަންޑަރު، ޤްރީކް ކަލަންޑަރު، ޗައިނީސް ކަލަންޑަރު، އަދި ބެބްލޮން ކަލަންޑަރު ހިމެނެވެ.

މިޒަމާނުގައި އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރުވެފައިމިވާ ކަލަންޑަރު، (އާދެ ހުޅަނގުގެ ކަލަންޑަރު)ގެ އަސްލު އުފެދިފައިވަނީ ރޯމް އަދި ޤްރީކުގެ ކަލަންޑަރުގައިވާ ހިސާބުތަކާއި މައުލޫމާތުގެ އަލީގައެވެ.

ރޯމަން ކަލަންޑަރު ހެދިފައިވަނީވެސް ޤްރީކުގެ ކަލަންޑަރަށް ބަލައިގެންކަމުގައި ދަންނަވަންޖެހެއެވެ. އެކަލަންޑަރުގައިވަނީ 10 މަހުގެ މައްޗަށް އެކުލެވިގެންވާ 304ދުވަހެވެ. އެހެންކަމުން އެއްއަހަރުން އަނެއްއަހަރަށް ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި މިކަލަންޑަރާ ފުށުއެރުމެއްވާތީ، މޫސުމަށް އަންނަބަދަލާ، ދުވަސްތަކުގެ ޢަދަދު އެއްގޮތް ކުރުމުގެގޮތުން ރޯމަންކަލަންޑަރަށް އަހަރުގެ އެންމެފަހު މަހުގެ ފަހަތަށް ބައެއްފަހަރު އެއްމަސް އިތުރު ކުރެވެއެވެ.

700 ބީސީގައި އުޅުނު ނުމާ ޕޮމް ޕިލަސް ކިޔުނު ރަސްގެފާނު މިމައްސަލަ ޙައްލުކުރުމަށްޓަކައި މިކަލަންޑަރަށް 2 މަސްއިތުރު ކުރިއެވެ. އަދި މިކަލަންޑަރު އެކުލެވިގެންވީ 355 ދުވަހުގެ މައްޗަށެވެ. މިއީ ގާތްގަނޑަކަށް 12 ހަނދުމަހެވެ. ރޯމަން ކަލަންޑަރު ފެށެނީ “މާޓިއަސް” (މިހާރުގެ ގޮތުންނަމަ މާރޗް) މަހުންނެވެ.

މި ކަލަންޑަރުގެ ބައެއް މަސްތަކަށް، ރޯމުގައި އުޅުނު ދީނީ ލީޑަރުންގެ ނަންނަމުން ނަންދެވިފައިވާއިރު، އަނެއްބައިމަސްތަކަށް ނަންދެވިފައިވަނީ، އެމީހުން ނަމްބަރުތަކަށް ކިޔާއުޅުނު ނަންނަމަށް ނިސްބަތްކޮށެވެ. އޭރު ހެދި ކަލަންޑަރުގައި މަސްތަކަށް ދެވިފައިވާ ނަންތަކަކީ: މާޓިއަސް، އޭޕްރީލިއަސް، މާޔާ، ޖޫނިއަސް، ކުއަންޓިލިސް، ސެކްސްޓިލިސް، ސެޕްޓެމްބަރ، އޮކްޓޯބަރ، ނޮވެމްބަރ، ޑިސެމްބަރ، ޖެނުވޭރިއަސް، ފެބްރުއޭރިއަސް އެވެ. މިނަންތަކަށް ބަދަލުއައުމެއްނެތި ގާތްގަނޑަކަށް 2500 އަހަރު ބޭނުންކުރެވުކަމަށްވެއެވެ.

ކުރިންބުނެވުނުފަދައިން، މޫސުމްތަކާ އަހަރުގެ ދުވަސްތަކާ ދިމާކުރުމުގެގޮތުން “މެސެޑޯނިއަސް”، ކިޔާ މަހެއް، ބޭނުންޖެހޭ އަހަރުތަކުގައި ކަލަންޑަރަށް އިތުރުކުރަމުން ދިޔައެވެ. މިމަސް އިތުރުކުރެވެމުންދިޔައީ “ފެބްރުއޭރިއަސް”ގެ ފަހަތަށެވެ. އެހެން ހަދަންޖެހުމުން “ފެބްރުއޭރިއަސް”ގެ ދުވަސްތަށް 23ދުވަހަށް މަދުކުރެވުނެވެ.

ޖޫލިއަސް ސީސަރ އަކީ ޢީސާގެފާނު ދުނިޔެއަސް ވަޑައިގަތުމުގެ 100އަހަރުކުރިން، ދުނިޔޭގެ އަލިކަންދުއް ރޯމަންގެ ޖެނެރަލެކެވެ. ޖޫލިއަސް ސީސަރ ވަނީ އޭރުގައި ބޭނުންކޮށް އުޅުނު ރޯމަން ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއްގެނެސްފައެވެ. މިގޮތުން މިނާ އިންޓަކެލަރީމަސް އަހަރުގެ ފަހަތަށް އިތުރުކޮށް މަސްތަކުގެ ތަރުތީބު ބަދަލުކުރިއެވެ.

އޭނާ ގެނައި އިންގިލާބުތަކުގެތެރޭގައި، ލޫނާ މަންތް (ހަނދު މަސް)، ސޯލާ މަންތަށް (އިރު މަހަށް) ބަދަލުކުރިއެވެ. ޖޫލިއަސް ސީސަރ ދުނިޔެ ދޫކުރުމުގެ އެއްއަހަރުކުރިން 45 ބީސީގައި ޖެނުއަރީ 1 އެއީ އަހަރު ފެށޭދުވަސްކަމުގައި ހަމަޖައްސައި، އަލުން އަހަރު ޖަހަންފެށިއެވެ. އަދި މިކަލަންޑަރަށް “ޖޫލިއަން ކަލަންޑަރު” ގެ ނަމުން ނަންދެވުނެވެ. މީނާ ދުނިޔެ ދޫކޮށްފައިވަނީ ސަލާމްލެއްވި ޢީސާގެފާނުގެ މީލާދަށްވުރެ 44އަހަރު ކުރިންނެވެ.

ޖޫލިއަން ކަލަންޑަރުގެ ހަފަތާއެއްގައި 7 ދުވަސް އޮތެވެ. މީގެތެރެއިން ހަފްތާނިމޭދުވަހަކީ ދީނީ އަޅުކަންތަކާއި އަރާމުކުރުމަށް ޚާއްޞަކުރެވިފައި އޮތްދުވަހެކެވެ. މިއާއި ޚިލާފަށް ޤަދީމީ ރޯމަން ކަލަންޑަރުގައި ހަފްތާއަކު 8ދުވަސް އޮންނައިރު، އަރާމުކުރުމަށް ޚާއްޞަ އެއްވެސް ދުވަހެއް ނޯވެއެވެ. އެމީހުންގެ ހުރިހާ ދުވަސްތަކަކީވެސް ވިޔަފާރިކުރާ ދުވަސްތަކެވެ.

އެސްޓްރޯލާރސްގެ ހޯދުންތަކުން އެނގުނީ ކޮންމެ 24ގަޑިއިރެއްގައި ދުނިޔޭގެ މަޑިކިލަނބު ބުރުޖަހަނީ އެއްގޮތަކަށްކަމެވެ. އެހެންކަމުން ހަފްތާގެ ދުވަސްތަކަށް ނަންދެވިފައިވަނީ ދުނިޔެ ނިސްބަތްވާ މަޑިކިލަނބުގައި ހިމެނޭ ޕްލެނެޓްތަކަށް ނިސްބަތްވާ ގޮތަށެވެ. މިގޮތުން ސެޓާރނަށް ނިސްބަތްކޮށް ސަޓަޑޭ، ސަން އަށް ނިސްބަތްކޮސް ސަންޑޭ، މޫން އެއީ މަންޑޭ ކަމުގައި ބަލާ، ޓިއުސްޑޭއަށް މާސްގެނަން ނިސްބަތްކުރިއެވެ. މާރކަރީ ނިސްބަތްކުރި ވެޑްންސްޑޭއަށެވެ. އަދި ތާރސްޑޭއަށް ޖުޕިޓާގެ ނަން ދީފައިވާއިރު، ފްރައިޑޭ ނިސްބަތް ކުރެވެނީ ވީނަސް އަށެވެ.

ރޯމަން ކަލަންޑަރުގައި މިނަންތައް ދެވިފައިވަނީ ދީނީ މިންގަޑުތަކަކަށް ބަލައިގެން ކަމުގައިވެސް ތާރީޚު ހެކިދެއެވެ. އެގޮތުން އެމީހުން އަޅުކަންކޮށް އުޅުނު ބައެއްކަލާނގެތަކަށް ދުވަސްތަކުގެ ނަންތައް ނިސްބަތް ކުރިއެވެ. މަންޑޭ އެއީ މޫންސްޑޭއެވެ. (މިނަންދެވިފައިވަނީ ހަނދަށް ނިސްބަތް ކޮށެވެ.) ޓިއުސްޑޭ އަކީ ޓްވިސްޑޭއެވެ.

(މިނަން ނިސްބަތްކުރެވިފައިވަނީ ހަނގުރާމައިގެ ކަލާނގެ ކަމުގައި އެމީހުން ބަލައިގެން އުޅުނު ޓިއަރ ކިޔާމީހަކަށެވެ.) ވެންސްޑޭ ކިޔެނީ ވޮޑްންސްޑޭއަށެވެ. (މިނަން ނިސްބަތްކުރެވިފައިވަނީ އެމީހުން ކަލާނގެ އެއްކަމުގައި ބަލައިގެން އުޅުނު ވޮޑްން ކިޔާމީހަކަށެވެ.) ތާސްޑޭ – ތުނޯސްޑޭ (މިނަން ނިސްބަތްކުރެވިފައިވަނީ ވިދުވަރުގެ ކަލާނގެ ކަމުގައި އެމީހުން ބަލައިގަންނަ ތޯރ ކިޔާމީހާއަށެވެ.) ފްރައިޑޭ – ފްރިގް (މިނަން ނިސްބަތްކުރެވިފައިވަނީ އެމީހުން ލޯބީގެ ކަލާނގެ އެއްކަމުގައި ބަލައިގެން އުޅުނު ފްރެޔާ ކިޔާ އަންހެނަކަށެވެ.) ސަޓަޑޭ – ސެޓާން (މިނަން ނިސްބަތްކުރެވިފައިވަނީ ރޯމަނުންގެ ކަލާނގެ އެއްކަމުގައި ދެކެއުޅުނު ސެޓާން ކިޔާމީހަކަށެވެ.) ސަންޑޭ – ސުނަންޑޭ (މިނަން ނިސްބަތްކުރެވިފައިވަނީ އިރަށެވެ.)

އަހަރުގެ މަސްތަކަށް ބާލާއިރު، ފުރަތަމަ ހަމަސްދުވަސް، ޖެނުއަރީ، ފެބްރުއަރީ، މާރޗް، އޭޕްރީލް، މެއި، ޖޫން، މިއީވެސް ރޯމަނުންގެ ކަލާންގެތަކަށް ނިސްބަތްކޮށް ދީފައިވާ ނަންތަކެވެ. އެގޮތުން ޖޭނަސް، މިއީ ފެށުމުގެކަލާނގެ ކަމުގައި އެމީހުން ޤަބޫލުކުރެއެވެ. އަދި މިހާރުގެ ގޮތުންނަމަ ޖެނުއަރީއަކީ މިއީއެވެ.

(އިސްލާމްދީނާއި އެއްގޮތަކަށްވެސް ގުޅުމެއްނެތް މިފަދަކަމެއްގައި މުސްލިމުން އަހަރުފެށޭދުވަސް ކުލަގަދަގޮތެއްގައި ފާހަގަ ކޮށްއުޅުމަކީ ކޮންކަހަލަ ކަމެއްބާއޭ ހިތަށް އަރައެވެ.) ކޮންމެއަކަސް ފެބްރުއަރީއަށް ނަންދެވުނީ ފެބްރުއާ އޭ ކިޔުނު ފެސްޓިވަލަކަށް ނިސްބަތްކޮށެވެ. ފެބްރުއާއަކީ ތައުބާވުމަށް އޮންނަ ފެސްޓިވަލެކެވެ. އަދި މިނަން ފެބްރުއަސް އޭކިޔުނު ކަލާނގެއަށްވެސް ނިސްބަތްކުރެއެވެ. މާރޗް މަހަށް ނަންދެވުނީ މާޓިއަސް އައް ނިސްބަތްކޮށެވެ. މާޓިއަސްއަކީ ހަނގުރާމައިގެ ކަލާނގެއެވެ.

އަދި އެމީހުންގެ ހަނގުރާމަމަތީ ލަސްކަރުތައް ހަނގުރާމައަށް ނިކުންނަނީ މާރޗްމަހުއެވެ. އޭޕްރީލް މަސް ރޯމަނުންގެ ލޯބީގެ ކަލާނގެއަށްވެސް ނިސްބަތް ކުރެވެއެވެ. އަދި ހަމައެހެންމެ ހުޅުވުމުގެ މާނައިގައި އޮންނަ ލެޓިންބަސް އެޕެރާރަރ އައްވެސް ނިސްބަތް ކުރާކަމުގައި ވިއެވެ. ރޯމަނުން މޭމަހަށް ކިޔައުޅުނީ ބޯނާ ޑޭއަރ އެވެ. މިނަމުގެ ގްރީކް ތަރުޖަމާއަކީ މާޔާއެވެ.

މާޔާގެ މާނައަކީ ފޫޅުމައިމީހާއެވެ. ޤަދީމީރޯމަނުން ބޯނާ ޑޭޔާރ ފެސްޓިވަލް ފާހަގަކޮށް އުޅުނީ މޭ މަހުގައެވެ. އަދި ބައެއް ބުނުންތަކުގައި މޭމަހަށް ނަންދެވުނީ މަޔޯރިސްއޭ ކިޔުނުމީހަކަށް ނިސްބަތްކޮށޭވެސް ބުނެވެއެވެ. އަދި އެއީ އިސްމީހުންނަސް ނިސްބަތްކުރާމަހެއްގެ ގޮތުގައިވެސް ބެލެވެއެވެ. ޖޫންމަހަށްބަލާއިރު، މިމަހަށް ނަންދެވިފައިވަނީ ޖުޕިޓާރގެ ކަލާނގެކަމަށް ރޯމަނުން ޤަބޫލުކޮށް އުޅުނު މީހެއްގެ އަންހެނުން ކަމުގައިވި ޖުނޯއަށް ނިސްބަތްކޮށެވެ.

އެއަށްފަހު ޖުލައި އަދި އޮގަސްޓުމަހަށް ނަންދެވިފައިވަނީ ރޯމަނުންގެ ލީޑަރުންނަށް ނިސްބަތްކޮށެވެ. މިގޮތުން ޖުލައިއަށް ނަންދެވުނީ ޖޫލިއަސް ސީސަރ އައްނިސްބަތްކޮށެވެ. އަދި ކުރިން މިމަހަށް ކިޔަނީ ކުއަންޓިލިސްއެވެ. އެއީ ރޯމަން ޢަދަދުން ފަހެކެވެ. ރޯމަންކަލަންޑަރުގައި އޯގަސްޓަށް ކިޔާއުޅުޅުނީ ސެކްސްޓިލިސް. އެއީ ޤަދިމީ ރޯމަންބަހުންނަމަ ހައެކެވެ. އެހެންނަމަވެސް ރޯމަން އެންމަޕަރާރ އޮގަސްޓަސް އޭނާގެ ނަން މަތިވެރިކުރުމަށްޓަކައި ސެކްސްޓިލިސްގެ ނަން އޯގަސްޓަށް ބަދަލުކުރިއެވެ.

ދެން ބާކީ އޮތް 4 މަސް ނިސްބަތް ކޮށްފައިވަނީ ރޯމަނުން ގުނާއުޅުނު ޢަދަދުތަކަށެވެ. މިގޮތުން ޤަދީމީ ރޯމަންކަލަންޑަރުގައި ހަތްވަނަ މަހަށް ސެޕްޓެމްބަރޭ ކިޔުނީ ސެޕްޓުއާރ އެއީ 7 ކަށް ވީމައެވެ. އަދި އެކަލަންޑަރުގެ 8ވަނަ މަހަށް އޮކްޓޯބަރޭ ކިޔުނީ އޮކްޓޯ އެއީ 8 ކަމުގައިވީމައެވެ. އަދި 9ވަނަ މަހަށް ނޮވެމްބަރޭކިޔާ 10ވަނަ މަހަށް ޑިސެމްބަރޭކިޔުނީ ނޯނާ އެއީ 9އަކަށްވެފައި ޑެސީ އެއީ 10އަކަށް ވީމައެވެ. މިއީ މިހާރުބޭނުންކޮށް އުޅޭ ހުޅަނގުގެ ކަލަންޑަރުގައި މަސްތަކަށް ދެވިފައިވާ ނަންތަކުގެ ފެށުން އައިސްފައިވާ ގޮތުގެ ވާހަކައެވެ.

ޖޫލިއަން ކަލަންޑަރުގައި އޮންނަނީ 12 މަސްދުވަހުގެ މައްޗަށް ބަހާލެވިފައިވާ 365 ދުވަހެވެ. މީގެ އިތުރުން ލީޕްދުވަހެއް ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ފެބްރުއަރީމަހަށް އިތުރުކުރެއެވެ. އޭގެބޭނުމަކަށްވީ ޓްރޮޕިކަލް ސޯލާ އަހަރެއް ހަމަޖައްސާލުމެވެ.  މިހެންވެ މި ކަލަންޑަރުގައި އެވަރެޖްކޮށް އަހަރަކަށް 365.25 ދުވަސް އާދެއެވެ.

ޖޫލިއަން ރީފޯމަށްވުރެ ގަރުނެއްހައި ދުވަސްކުރިން ގްރީކުގެ ފަލަކީ ޢިލްމުވެރިނަށް އެނގުނީ ސޯލާއަހަރުގައި މަދު މިނެޓްކޮޅެއް، 365.25 ދުވަހަށްވުރެ ކުރުވާކަމެވެ. އެހެންކަމުން ކޮންމެ ހަތަރު ގަރުނަކުން 3 ދުވަސް އިތުރުވަމުން ދިޔައެވެ. އަދި މިއީ މާބޮޑުކަމެއްގެ ގޮތުގައި އެމީހުންނުދެކެއެވެ. މިކަމުގެ ނަތީޖާއަކަށްވީ މޫސުންތަކާއި އިކުއިނޮކްސް، ކަލަންޑަރާއި ދިމާނުވުމެވެ.

އަހަރެއްގައި 365.25 ދުވަސް އޮންނަގޮތްހެދުމުން، އެގާރަމިނެޓް 15 ސިކުންތު އަސްލު އަހަރަކަށްވުރެ ދިގުވެއެވެ. އެހެންކަމުން 128 އަހަރުފަހުން އެމީހުން ފާހަގަ ކޮށް އުޅުނު ދުވަސްތައް އައީ އެއްދުވަސްކުރިންނެވެ. މިސްރުމީހުންނަށާއި ޤްރީކް މީހުންނަށް މީ މާ ބޮޑުކަމަކަށް ނުވިއެވެ. އެއާއި ޚިލާފަށް ކްރިސްޓިއަން ފައްޅިތަކަށް މިކަންވެގެންދިޔައީ ވަރަށް އުނދަގޫވި ބޮޑު މައްސަލައަކަށެވެ. ކްރިސްޓިއަނުން ބޭނުންވީ އެމީހުންގެ ޙަފްލާތަށް އޮންނަންޖެހޭދުވަހަށް އެއްވެސް ބަދަލެއްނުގެނެސް ބޭއްވުމަށެވެ.

މިކަމަށް އެދެވޭ ޙައްލެއްގަނައީ 1582 ގައި ޖޯޖިއަން ރިފޯމެވެ. ޕޯޕް ގްރޮގަރީ 13 ޖޯޖިއަން ކަލަންޑަރު ހެދިއެވެ. އޭނާ އަހަރުފެށޭ ދުވަސްވެސް ބަދަލުކުރިއެވެ. އަދި ކޮންމެ އަހަރެއްގައި ވަކި މިންވަރެއް ކަނޑައެޅިއެވެ. އަދި ހަމައެހެންމެ ސިކުންތާއި މިނެޓުވެސް ތަޢާރަފްކުރީ ޕޯޕް ގްރޮގަރީ 13 އެވެ. އެހެންނަމަވެސް އޭރުގައި މިކަލަންޑަރަށް މާބޮޑު ތަރުހީބެއް ނުލިބިއޮތުމަށްފަހު، އިނގިރޭސި ވިލާތުންނާއި ސައުތު އެމެރިކާގެ އިސްތިއުމާރުކޮށްފައިވާ ޤައުމުތަކުން މިކަލަންޑަރު ބަލައިގަތީ 1752ގައެވެ.

ޖޯޖިއަން ކަލަންޑަރުގައިވާ މަސްތަކުގެ ނަންތަކާއި މަސްތަކުގެ ދިގުމިން ރޯމަން ކަލަންޑަރާއި އެއްގޮތެވެ. އެންމެ ކަމެއް ފިޔަވައެވެ. މީގައިވާ ހަމައެކަނި ތަފަތަކީ ޖޯޖިއަން ލީޕްދުވަސް އިތުރުކުރެވިފައިވާގޮތެވެ. އެހެންވެ ޖޯޖިއަން ކަލަންޑަރަށްވުރެ ޖޫލިއަން ކަލަންޑަރު ވަނީ މިހާރު 13ދުވަސް ފަހަތުގައެވެ. މިތަފާތުގެސަބަބުން 2 ތާރީޚެއް ފާހަގަ ކުރެވުނެވެ. “ދަޖޯޖިއަން” މިއީ ނިއު ސްޓައިލް ކަމުގައި އަދި “ޖޫލިއަން” މިއީ އޯލްޑް ސްޓައިލް ކަމުގައި ނަންދެވުނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.