ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން އިޖުތިމާޢީ އަދި އިޤްތިޞާދީ ގެއްލުންތަކެއް ލިބޭކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވެއްޖެ

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ދިވެހިރާއްޖެއަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ގެއްލުންތަކެއް ލިބޭކަން ޤަބޫލުކުރަންޖެހޭ ކަމަށާއި، އަނިޔާއިން ކުދިން ރައްކާތެރިކޮށް އަދި އަނިޔާއާ ދެކޮޅަށް ކުޑަ ކުދިން ބާރުވެރިކުރުވުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދޭކަމެއްކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ޕަބްލިކް ސަރވިސް މީޑިއާ މެދުވެރިކުރައްވައި މިއަދު ދެއްވި ޚިޠާބުގައެވެ.

އިޝްތިހާރު Below Header ad

މިނިސްޓަރގެ ޚިޠާބުގައި، އަނިޔާއިން ރައްކާތެރިކަން ލިބުމަކީ ކޮންމެ ކުއްޖެއްގެ ވެސް ޙައްޤެއް ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ހުށަހެޅޭ މައްސަލަތަކުގެ 50 އިންސައްތައަށް ވުރެ ގިނަ މައްސަލަތަކަކީ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށާއި، މި ގޮތުން، ފާއިތުވި ހަތަރު މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 480 އަށް ވުރެ ގިނަ މައްސަލަ މިނިސްޓްރީއަށް ހުށަހަޅައިފައިވާކަން ފާހަގަކުރައްވައި، މީގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިސްމާނީ، ނަފްސާނީ، ޖިންސީ އަނިޔާ އަދި އިހުމާލު ވުމުގެ މައްސަލަތައް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުޑަކުއްޖަކަށް ލިބުމަކީ ބަލައިގަނެވޭނެކަމެއް ނޫން. ހަމަ އެހެންމެ، ކުޑަކުދިންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާއަކީ ވެސް ހުއްޓުވޭނެކަމެއް.” މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ކަމަށް މުޅި މުޖުތަމަޢު ހޭލުންތެރިވާންޖެހޭކަމަށާއި، އެހީއަށް އެދޭނެ ފަރާތެއް ނެތި، އެއްވެސް ކުއްޖަކު އަނިޔާ ތަޙައްމުލުކުރަމުންދިއުމަކީ ދިވެހިރާއްޖެ ފަދަ ކުޑަ މުޖުތަމަޢުއެއްގައި ވެގެންވާނެކަމެއްނޫން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ކަންބޮޑުވާންޖެހޭ ފަދަ އަލާމަތްތަކަށް އެންމެހައި ފަރާތްތަކުން ސަމާލުވެ، އެކަންކަން ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކަށް ރިޕޯޓުކޮށް، އަނިޔާ ލިބެމުންދާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. އަދި މި ފަދަ ހާލަތުތައް ހުއްޓުވުމަށް މިހާރަށްވުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ވެސް މިނިސްޓަރގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ޚިޠާބު ނިންމަވާލެއްވުމުގެ ކުރިން، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މިހާރު ވެސް ހަރަކާތްތެރިވާ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި އަމިއްލަ ފަރުދުން، އަދި މިނިސްޓްރީގެ އިޖްތިމާޢީ ޚިދުމަތްތެރިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކުރުމަށްޓަކައި ފާހަގަކުރާ މި ފަދަ މުހިންމު ދުވަހެއްގައި، މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އާ އަޒުމަކާ އެކު މަސައްކަތް ފަށައިގަތުމަށް އިލްތިމާސްކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.