ސޫރަތުލް ޢަލަގި (4)

ޑރ. މުޙައްމަދި ޢިޔާޟު ޢަބްދުއްލަޠީފު، 23 ސެޕްޓެންބަރު 2017 އާ ގުޅޭ

(نَاصِيَةٍ كَاذِبَةٍ خَاطِئَةٍ ﴿١٦﴾)

މިތަނުގައި ޛިކުރުކުރެވިފައިވާ ނިތްގަނޑަކީ ކުރިންވެސް އިޝާރާތްކުރެވުނު ނިތްގަނޑެވެ. (ޢަރަބި ބަހުގައި މިގޮތަށް ތަކުރާރުވުމުން ދެވަނަ ފަހަރު ތަކުރާރުވެފައިވާ ކަލިމައަށް މިކިޔަނީ ބަދަލެވެ.) ކުރީ އާޔަތުގައިވާ އެ ކަލިމައިގައި ﴿ال﴾  އޮވެފައި މިއާޔަތުގައި އެ ކަލިމާގައި ﴿ال﴾  ނެތެވެ. އެއީވެސް ޢަރަބި ބަހުގައި ހުއްދަކަމެކެވެ.

އިޝްތިހާރު Below Header ad

މިތަނުގައި ނިތްގަނޑުގެ ވާހަކައިން ފެށިފައިވަނީ އެ ޞިފަކުރެއްވުމުގެ ގޮތުންނެވެ. އެއީ ” ދޮގުވެރި، ކުށްވެރި ”މިޞިފަތަކުންނެވެ. އެބަހީ: އެއީ ދޮގުވެރިކަމުގެ ޞިފަލިބިފައިވާ ނިތްގަނޑެކެވެ. އެގޮތުން ޝައްކެތްވެސް ނެތްގޮތުގައި ކާފިރުން ހަދާ އެންމެ ބޮޑު ދޮގަކީ ﷲ އާއެކު އެހެން އިލާހުންތަކެއް ވާކަމަށް އެބައިމީހުން ބުނާ ބުނުމެވެ. ފަހެ، ހަމަކަށަވަރުން އެއީ ދޮގުވެރިކަމާއި ހުތުރުކަންބޮޑު ބަހެކެވެ. އަދި ކުށްކުރާކަމަށް ޞިފަކުރެވިފައިވާ އެވަނީ ޤަޞްދުގައި ކުށަށް އަރައިގަންނާތީއެވެ.

(خاطىء) އަދި (مخطىء) މިދެލަފްޡުގައި ތަފާތެއްވާކަން ދެނެގަންނާށެވެ. (خاطىء) އަކީ ޤަޞްދުގައި ކުށަށް އަރައިގަންނަ މީހާއެވެ. (مخطىء) އަކީ ނޭނގި ކުށަށް އަރައިގަންނަ މީހާއެވެ. މިތަނުން ދެވަނަ މީހާއަށް ޢުޛުރު އޮންނާނެއެވެ. އަދި ފުރަތަމަ މީހާއަކަށް ޢުޛުރެއް ނޯންނާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿لَّا يَأْكُلُهُ إِلَّا الْخَاطِئُونَ﴾ [الحاقة: 37]

މާނައީ: “ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ.”

އެބަހީ: ޤަޞްދުގައި ފާފަތަކަށް އަރިގަތް މީހުންނެވެ.

އަދިވެސް ވަޙީކުރެއްވިއެވެ.

﴿رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا﴾ [البقرة: 286]

މާނައީ: ” އަޅަމެންގެ ވެރިރައްބެވެ! އަޅަމެން ހަނދާންނެތިއްޖެނަމަ ނުވަތަ ޤަޞްދެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ! “

ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. “ތިމަންއިލާހު އެފަދައިން ކުރައްވައިފީމެވެ. (އެބަހީ: އެދުޢާ އިޖާބަކުރައްވައިފީމެވެ.) [1]

ހަމައެފަދައިން القاسط އަދި المقسط އަކީވެސް ޢަރަބިބަހުގައި އެގޮތަށް ބޭނުންކުރާ ދެކަލިމައެވެ. القاسط އަކީ އަނިޔާވެރިޔާއެވެ. އަދި المقسط އަކީ ޢަދުލުވެރިޔާއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَأَقْسِطُوا ۖ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ﴾ [الحجرات: 9]

މާނައީ: ” އަދި ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! ހަމަކަށަވަރުން، ޢަދުލުވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

﴿وَأَمَّا الْقَاسِطُونَ فَكَانُوا لِجَهَنَّمَ حَطَبًا﴾ [الجن: 15]

މާނައީ: ” އަދި އަނިޔާވެރިވި މީހުން ދަންނައެވެ! ފަހެ، ނަރަކައިގެ ދަރު ކަމުގައި އެއުރެންވާނެއެވެ. “

އެހެންކަމުން މިތަނުގައި ﴿خَاطِئَةٍ﴾ ގެ މުރާދަކީ ޤަޞްދުގައި ފާފައަށް އަރައިގަތުމެވެ.

﴿فَلْيَدْعُ نَادِيَهُ﴾

މާނައީ: “ފަހެ، އޭނާޔާއެކު ޖަލްސާކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ! “

މިތަނުގައި މިވާ ﴿ لْ﴾

އައިސްފައި އެވަނީ ގޮން ޖެހުމުގެ މާނައިގައެވެ. އެބަހީ: އޭނާއަކީ ތެދުވެރިއެއްކަމުގައިވާނަމަ އަދި އޭނާގެ ކިބައިގައި އާރެއް ބާރެއްވާނަމަ ފަހެ އޭނާއާ އެއްމަޖުލީސްކުރާ މީހުންނަށް ގޮވައިބަލާށެވެ. “ނާދީ” އަކީ ވާހަކަ ދައްކާ ބައްދަލުވެލާ އުޅުމަށް މީސްތަކުން އެއްވާ ތަނަށް ކިޔާ ނަމެކެވެ. އަބޫ ޖަހުލަކީ ޤުރައިޝުންގެ ބޮޑުންކުރެ މީހެކެވެ.

އެހެންކަމުން އޭނާ މީސްތަކުންނާ އެއްވެ އުޅުނު ނާދީއެއްވިއެވެ. އަދި އެބައިމީހުންގެ ކަންކަމުގައި އޭނާ އެތަނުގައި ވާހަކަދައްކައެވެ. ފަހެ، މިތަނުގައި ﷲ ތަޢާލާ ވަޙީކުރައްވަނީ އޭނާއަކީ ތެދުވެރިއެއްކަމުގައިވާނަމަ އޭނާގެ ނާދީއަށް އޭނާ ގޮވައިބަލާށެވެ. އެއްވެސް ޝައްކެތް ނެތްގޮތުގައި މިއީ ގޮން ޖެހުމެކެވެ. އެއީ މިސާލަކަށް މީހަކު އޭނާގެ ޢަދާވާތްތެރިއާ ދިމާއަށް ބުނާހެންނެވެ. “ތިބާއާއެކު ބަޔަކުވާނަމަ އަންނާށެވެ.” މިފަދަ ބަސްތަކަކީ ގޮން ޖެހުމުގެ މާނަ އެކުލެވިގެންވާ ބަސްތަކެވެ.

عَنِ ابن عباس ، قَالَ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي عِنْدَ الْمَقَامِ ، فَمَرَّ بِهِ أَبُو جَهْلٍ ، فَقَالَ : يَا مُحَمَّدُ ، أَلَمْ أَنْهَكَ عَنْ هَذَا ، وَتَوَعَّدَهُ فَأَغْلَظَ وَانْتَهَرَهُ ، فَقَالَ : يَا مُحَمَّدُ ، بِأَيِّ شَيْءٍ تُهَدِّدُنِي ، أَمَا وَاللَّهِ ، إِنِّي لأَكْثَرُ أَهْلِ الْوَادِي نَادِيًا ، فَأَنْزَلَ اللَّهُ عَزَّ وَجَلَّ : فَلْيَدْعُ نَادِيَهُ {17} سَنَدْعُ الزَّبَانِيَةَ {18} سورة العلق آية 17-18 فَقَالَ ابن عباس L4883 : لَوْ دَعَا نَادِيَهُ لأَخَذَتْهُ زَبَانِيَةُ الْعَذَابِ مِنْ سَاعَتِهِ .

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަގާމް އިބްރާހީމްގައި ނަމާދަށް ހުންނަވަނިކޮށް، އަބޫ ޖަހުލު އެތަނުން ހުރަސް ކުރިއެވެ. އަދި އޭނާ ބުންޏެވެ. “އޭ މުޙައްމަދު އެވެ. އަހަރެން ތިބާ އަށް ތިޔަކަންތައް މަނާ ނުކުރަން ހެއްޔެވެ؟” އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާ އަށް ހަރުކަށި ޖަވާބެއް ދެއްވިއެވެ. ދެން އަބޫޖަހުލު ބުންޏެވެ. “އޭ މުޙައްމަދު އެވެ. ކަލޭގެފާނު އަހަންނަށް ތިޔަ ބިރު ދައްކަނީ ކިހިނެއްހެއްޔެވެ؟ މާތް ﷲ ގަންދީ ބުނަމެވެ. އަހަންނަކީ މި ސަރަޙައްދުގައި އެންމެ ބައިގިނަ މީހާ އެވެ. އަހަރެން ގޮވާލައިފިނަމަ ނިކުންނާނެ މީހުންތައް މިސަރަޙައްދުގައި ބައިވަރެވެ.” އެހިނދު މާތް ﷲ މި އާޔަތް ބާވާލެއްވިއެވެ. (فَلْيَدْعُ نَادِيَهُ ﴿١٧﴾ سَنَدْعُ الزَّبَانِيَةَ ﴿١٨﴾) މާނައަކީ: ” ފަހެ، އޭނާޔާއެކު جلسة ކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ! ނިކަންހުރެ ތިމަންރަސްކަލާނގެ زبانىّ ملائكة ންނަށް ގޮވައިލައްވާހުށީމެވެ. ”

﴿سَنَدْعُ الزَّبَانِيَةَ﴾

މާނައީ: “ނިކަންހުރެ ތިމަންއިލާހު ޒަބާނިއްޔަ މަލާއިކަތުންނަށް ގޮވައިލައްވާހުށީމެވެ.”

އެބަހީ: މިމީހާގެ މަޖިލީހުގައި ތިބި މީހުންނަށްވުރެ މަތިވެރި ބަޔަކު ތިމަންއިލާހުގެ ޙަޟްރަތުގައިވެއެވެ. އެއީ ނަރަކަ ބަލަހައްޓަވާ މަލާއިކަތުންކަމުގައިވާ ޒަބާނިއްޔާއެވެ. ނަރަކަ ބަލަހައްޓަވާ ބޭކަލުންނަކީ ހަރުކަށި ވަރުގަދަ ބަޔަކުކަމުގައި އެއިލާހުވަނީ ބަޔާންކުރައްވާފައެވެ. އެއީ މިޒާޖުގައި ހަރުކަށި ބާރުގައި ގަދަފަދަ ބައެކެވެ.

﴿لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ﴾ [التحريم: 6]

މާނައީ: ” ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ.”

އަދި ކިއެއްހެއްޔެވެ. ﷲ ކުރެއްވި ކޮންމެ އަމުރަކަށް އެބޭކަލުން ތަބާވެއެވެ.

﴿وَيَفْعَلُونَ مَا يُؤْمَرُونَ﴾

މާނައީ: “އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.”

އެކަންކުރުމަށް އެބޭކަލުން ނުކުޅެދުންތެރިވެގެން ނުވެއެވެ.

ފަހެ، އެބޭކަލުން ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބޯލަނބާކަން ބަޔާންކޮށްދެއްވުމަށް މިތަނުގައި ދެ ޞިފައެއް ގެނެސްފައިވެއެވެ. އެއީ:

އެބޭކަލުން ނުއުރެދޭނެކަމާއި އެބޭކަލުންނަށް ފުރިހަމަ ކުޅަދާނަކަން ލިބިގެންވާކަމެވެ.

އަމުރުފުޅުތައް ތަންފީޛުނުކުރެއްވޭނީ ކުޅަދާނަކަން ނެތުމުގެ ސަބަބުންނެވެ. ނުވަތަ އެ އަމުރާ ދެކޮޅުވެރިވުމުންނެވެ. މިޘާލަކަށް: ނަމާދުނުކުރާ މީހަކު ކޮޅަށް ހުރެ ނަމާދު ނުކުރަނީ ކުޅަދާނަކަން ލިބިގެން ނުވާތީ ކަމުގައި ވެދާނެއެވެ. އަދި ނުކިޔަމަންތެރިކަމުގެ ގޮތުން އެގޮތަށް ކުރަނީ ކަމުގައިވެސް ވެދާނެއެވެ. ފަހެ، އެފަދަ މީހަކު ﷲ ގެ އަމުރުފުޅު ތަންފީޛެއް ނުކުރެއެވެ. ނަމަވެސް ނަރަކަ ބަލަހައްޓަވާ މަލާއިކަތް ބޭކަލުންނަކީ ނުކުޅެދުންތެރި ބައެއް ނޫނެވެ. އެބޭކަލުންގެ ކިބައިގައި އާރާއި ބާރުވެއެވެ. އަދި އެބޭކަލުންނަކީ އަމުރުތަކަށް ނުކިޔަމަންތެރިވާ ބޮޑާ ބައެއްވެސް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެބޭކަލުންގެ ކިބައިގައިވަނީ ފުރިހަމައަށް ބޯލަނބައި ކިޔަމަންގަތުމެވެ. އެހެންކަމުން އޭނާއާ (އެބަހީ: އަބޫ ޖަހުލާ) އޭނާގެ ޤުއުމުގެ މީހުންނާއި މަޖުލިސްކުރާމީހުންނަށް ޒަބާނިއްޔަ މަލާއިކަތުންނާ ކުރިމަތިލުމަކީ ވާނޭކަމެއް ނޫނެވެ.

﴿كَلاَّ لاَ تُطِعْهُ وَاسْجُدْ وَاقْتَرِب﴾

މާނައީ: “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! އަދި ސަޖިދަކުރައްވައި ނަމާދު ކުރައްވާށެވެ! އަދި (ﷲ ގެ ޙަޟްރަތަށް) ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!”

﴿لاَ تُطِعْهُ﴾

މާނައީ: ” ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! “

އެބަހީ: ކަލޭގެފާނު ނަމާދުކުރުމަށް މަނާކުރާ މިމީހާއަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ. އަދި ކިޔެއް ހެއްޔެވެ. އެއިލާހަށް ކަލޭގެފާނު ސަޖިދަކުރައްވާށެވެ. އަދި އޭނާއަށް އަޅާ ނުލާށެވެ.

ނަބިއްޔާ صلى الله عليه وسلّم އޭނާއާ ކިޔަމަންގަތުން ނަހީކުރެއްވުމުން އޭގެ މާނައަކީ ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ صلى الله عليه وسلّم އޭނާގެ ފުށުން ހިމާޔަތްކުރައްވާނެކަމެވެ. އެބަހީ: ކަލޭގެފާނަށް އަމުރުވެވިގެންވާގޮތަށް ޢަމަލުކުރައްވާށެވެ. އަދި އެމީހާއާމެދު އަޅާ ނުލާށެވެ. އަދި ﷲ އަށް ސަޖިދަކުރައްވާށެވެ. މިތަނުގައި ސަޖިދަކުރެއްވުމުގެ މުރާދަކީ ނަމާދުކުރުމެވެ. ނަމަވެސް ސަޖިދަކުރެއްވުމަށް މިތަނުގައި ބަޔާންކުރައްވާފައި އެވަނީ ސުޖޫދަކީ ނަމާދުގެ ރުކުނަކަށްވާތީއެވެ. އަދި އެއާ ނުލާ ނަމާދު ޞައްޙަ ނުވާނެއެވެ. އެހެންކަމުން ނަމާދުގެ މާނައިގައި ސަޖިދަކުރުން ބޭނުންކުރެއްވީއެވެ.

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَاقْتَرِب﴾

މާނައީ: “އަދި (ﷲ ގެ ޙަޟްރަތަށް) ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!”

އެހެނީ ﷲ އާ އެންމެ ކުއްތަންވެގެންވާނެ ފަރާތަކީ ސަޖިދަކުރާ މީހާއެވެ. ނަބިއްޔާ صلى الله عليه وسلّم ޙަދީޘްކުރެއްވިއެވެ.

((أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ، وَهُوَ سَاجِدٌ)) [1]

މާނައީ: “އަޅާ އޭނާގެ ރައްބާ އެންމެ ކުއްތަންވާ ވަޤުތަކީ ސަޖިދައިގައި އޮންނަ ހިނދެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((أَلَا وَإِنِّي نُهِيتُ أَنْ أَقْرَأَ الْقُرْآنَ رَاكِعًا أَوْ سَاجِدًا، فَأَمَّا الرُّكُوعُ فَعَظِّمُوا فِيهِ الرَّبَّ عَزَّ وَجَلَّ، وَأَمَّا السُّجُودُ فَاجْتَهِدُوا فِي الدُّعَاءِ، فَقَمِنٌ أَنْ يُسْتَجَابَ لَكُمْ)) [2]

މާނައީ: “ދަންނާށެވެ. ހަމަކަށަވަރުން ރުކޫޢުގައްޔާއި ސަޖިދާގައި ޤުރުއާން ކިޔެވުން ތިމަންކަލޭގެފާނަށްވަނީ ނަހީކުރެވިފައެވެ. ރުކޫޢާމެދު ދަންނައެވެ. ފަހެ، އޭގައި ތިޔަބައިމީހުންގެ ވެރިރައްބު މަތިވެރިކުރާށެވެ. އަދި ސަޖިދައާމެދު ދަންނައެވެ. ފަހެ، އޭގައި ގިނައިން ދުޢާ ކުރާށެވެ. އޭރުން ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރެއްވުން ގާތްކަން ބޮޑެވެ.”

މިސޫރަތަކީ މަތިވެރިވެގެންވާ ސޫރަތެކެވެ. ﷲ ތަޢާލާ މިސޫރަތް ފައްޓަވާފައިވަނީ އެއިލާހުގެ ރަސޫލާ صلى الله عليه وسلّم  އަށް ދެއްވާފައިވާ ވަޙީގެ ނިޢުމަތުގެ ވާހަކައިންނެވެ. ދެން ނިންމަވާފައިވަނީ ސަޖިދަކުރުމާއި ކުއްތަންވުމުގެ ވާހަކައިންނެވެ. އަޅަމެން އެދެނީ އެއިލާހަށް ކިޔަމަންވުމުގެ ތައުފީޤު އަޅަމެންނަށް ދެއްވުމަށެވެ. އަދި އެއިލާހަށް ކުއްތަންވުމުގެ ތައުފީޤުވެސްމެއެވެ. އަދި އަޅަމެންއެދެނީ އެއިލާހުގެ ތަޤްވާވެރި ވަލީވެރިންކަމުގައި ލެއްވުމަށެވެ. އަދި ކާމިޔާބުވަނިވި ޖަމާޢަތުގެ މީހުންގެ ތެރެއިން ލެއްވުމަށެވެ. އަދި އެއިލާހުގެ ޞާލިޙުއަޅުންގެ ތެރެއިން ލެއްވުމަށެވެ. ހަމަކަށަވަރުން އެއިލާހީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަވެ ވޮޑިގެންވާ އިލާހެވެ.

ނިމުނީ.،

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.