މަހަކު ބައިލައްކަ ޚަރަދުކުރި ދިވެހި އަންހެނާ

ޙަޤީޤީ ވާހަކަ

 

ދުނިޔެއަށް އަންނަމުންމިދާ ތަރައްޤީއާއި ތަހުޛީބުގެ ކުލަތައް އަޅުގަނޑުމެންގެ މިލޮބުވެތި ޖަޒީރާ ރަށްތަކަށްވެސް މިއަދު މިވަނީ ކުރަންފަށާފައެފައެވެ. މިގޮތުން ފޭސްބުކަކީ ދުނިޔެ ގުޅުވައިދޭ އިޖްތިމާޢީ އެންމެ ބޮޑު އެއް ވިއުގައެވެ. ފޭސްބުކާއި އެފަދަ އެހެނިހެން އިޖްތިމާޢީ ވިއުގަތަށް ބޭނުންކުރުން އާންމުވެފައިވާއިރު، ފޭސްބުކު މިވަނީ އަޅުގަނޑުމެންގެ ދިރިއުޅުމާއި ވަކިނުކުރެވޭ ފަދަ، އެއްޗަކަށް ވެފައެވެ.

އިޝްތިހާރު Below Header ad

ހަމަ އެހެންމެ އެންމެ ފޯރިޔާއެކު ބައެއް ޒުވާނުން ފޭސްބުކުގައި ކުރާއެއްކަމަކީ ފޮޓޯ އަޕްލޯޑްކުރުމެވެ. ނަމަވެސް ހިތާމައަކީ ފޭސް ބުކް ޕްރޮފައިލް ފޮޓޯއާއި އަލްބަމަށް ފޮޓޯލާއިރު ފަރުވާތެރި ނުވުމެވެ. އެހެން މީހުން ނުރުހޭ، ބޮލަށްތުރާވާ ޒާތުގެ މަންޒަރު ހިމެނޭ ފޮޓޯއާއި، ނިވާކަންކުޑަ ފޮޓޯއާއި ތިމާއަކީ ސެކްސީ މީހެއްކަމަށް ދައްކާ ފޮޓޯ ފޭސްބުކަށް ލުމަކީ ތިމާ ފަޞީހަތްވެ ބޭޒާރުވެދާނެ ކަމެއް ކަމުގައިވެސް ވިސްނައެއް ނުލައެވެ. ފަހުން އެކަމުން ކުރާނެ ނޭދެވޭ އަސަރަކަށް ބެލުމެއް ނެތެވެ.

މިފަދަ އެތައް އެތައް ހާދިސާއެއް މި ދިވެހި މުޖުތަމަޢުގައިވެސް ހިނގަމުންދާކަން ހިތާމައާއި އެކު ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން ސަމާ އަކީވެސް މިއަދު ފޭސްބުކުގެ ސަބަބުން ބްލެކްމެއިލް ލިސްޓަށް އަރާފައިވާ ޒުވާން އަންހެން ކުއްޖެކެވެ. އެހެންކަމުން މި ހާދިސާ ހިނގާ ދިޔަގޮތް ތިޔަ ކިޔުންތެރިންނާއި ހިއްސާ ކޮށްލާނަމެވެ.

ސަމާ އާއި ޒާހިދު (އަސްލުނަމެއް ނޫން) ގެ ކައިވެންޏަށް 12 އަހަރު ފުރުނު އިރު ދެ ކުދިން ލިބިފައިވެއެވެ. ޒާހިދަކީ އަމިއްލަ މަސައްކަތުން މުއްސަނދިކަން ހޯދައި ފާގަތި ދިރިއުޅުމެއް އުޅެމުންދާ ޢުމުރުން 50 ގެ އަހަރުތައް ގުނަމުންދާ މީހެކެވެ. ސަމާ އަކީ ޒާހިދު އާއި އަޅާ ބަލާއިރު ދެ ގުނަ ހަގު ޗާލާކީ އަންހެނެކެވެ. ބަލާބެލުމަށް ސަމާ އަކީ ދިވެހި ކުއްޖެކޭ ނުބުނާނެއެވެ. އަޅާ ހެދުމުންނެވެ. އުޅޭ އުޅުމުންނެވެ. ނަމަވެސް އެއީ ހަތަރު ކަށިމަތި ރާއްޖެ ކުއްޖެކެވެ.

މާލޭގައި އަމިއްލަ އޮފީހެއް ހުޅުވައިގެން މަސައްކަތް ކުރަމުންދާ ޒާހިދު ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހެނީ ރިސޯޓްތަކުގައި އާއި  ރާއްޖެއިން ބޭރު ޤައުމުތަކުގައެވެ. އެހެންކަމުން ޒާހިދުގެ ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުމުގެ މަޤުޞަދުގައި މާލެއިން ތިން ކޮޓަރީގެ އެޕާޓްމަންޓެއް ބޮޑު އަގުގައި ކުއްޔަށް ހިފިއެވެ. އަދި އަނބިދަރިން މާލެ ބަދަލުކޮށް ދަރިން މާލޭގެ ސްކޫލުތަކަށް ވެއްދިއެވެ. އަދި އަނބިމީހާ ސަމާ އާއި ދެކުދިންގެ އެންމެހާ ކަންކަން ބެލެހެއްޓުމަށް ގެއަށް ދެ ހާދިމުން ލިއެވެ.

ދަރިންނަށް ކުރަންޖެހޭ ޚަރަދުތަކާއި އަންހެނުން ބޭނުންވާ ކޮންމެ އިރަކު ފަސޭހައިން ފައިސާ ލިބޭނެގޮތަށް އޮފީހުގެ 3 މުވައްޒަފުން ކަނޑައަޅައި އެ އެއިން ކޮންމެ މުވައްޒަފަކަށްވެސް މަހަކު ފަސް ހާސް ރުފިޔާ ދީފައި ބެހެއްޓިއެވެ. އެއީ ލާރިއަކަށް ބޭނުންވެގެން ސަމާ ގުޅާ ކޮންމެ ފަހަރަކު ގެއަށް ބޭނުންވާ ސާމާނު ގަނެ ދިނުމަށެވެ. މިހެންވުމުން ސަމާ ކުރަންޖެހޭ ކަންތައްތައް ސަމާ މުޅިން ހަނދާން ނެތުނު ފަދަ އެވެ. އެއްކޮޅުން ދަރިންގެ ކަންކަން ބެލެހެއްޓުމާއި، ގޭތެރެ ސާފުކުރުމާއި ކެއްކުމުގެ ކަންތައްތަކަށް ހާދިމުން ތިބެއެވެ.

އަނެއްކޮޅުން ގެއަށް ގަންނަން ޖެހޭ ސާމާނުތައް ގަތުމަށާއި ސަމާ ގޮވައިގެން ތަންތަނަށް ދިއުމަށް އޮފީހުގެ މުވައްޒަފުން ތިބެއެވެ. އޮފީހުގެ މުވައްޒަފުން ސަމާ އަށް ކިޔަނީވެސް މެޑަމް އެވެ. ސަމާގެ ފިރިމީހާ ޒާހިދުއަށް މާލެ އާދެވެނީ މަހަކު އެއް ފަހަރު އެވެ. ނަމަވެސް ކޮންމެ ތާކު ހުއްޓަސް ސަމާގެ ހާލު ބެލުމަށް ދުވާލަކު އެތައް ފަހަރަކު ސަމާއަށް ގުޅާ ހަދައެވެ.

ދަރިންގެ ހާލުވެސް ބަލައެވެ. މިވަރަކުން ނުފުދެއެވެ. ސަމާ ކިތަންމެ ވަރަކަށް ފައިސާ ޚަރަދު ކުރިޔަސް ފަރުވާލެއް ނުބަހައްޓައެވެ. ސަމާ ބޭނުން ވަރަކަށް ފައިސާ ދިނުމަކީ ޒާހިދުވެސް ބޭނުންވާ ގޮތެވެ. އެއީ އެ ތިން މައިން އުފަލުގައި ބޭތިއްބުމެވެ. ނަމަވެސް ސަމާގެ ފޮރުވިފައިވާ ހަޤީޤަތެއް ޒާހިދަކަށް ނޭގެއެެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ސަމާގެ އެކަނިވެރިކަން ފިލުވައިދޭ ބައިވެރިއަކަށް ފޭސްބުކް ވެއްޖެއެވެ. ސަމާ ދެކޭ ގޮތުގައި ފިރިމީހާ ހުންނަނީ ހަމައެކަނި ޚަރަދު ކުރާށެވެ. އެއީ މާ މުހިންމު މީހަކަށް ނުވެއެވެ. ވަގުތުވެސް ނުދޭތީ އެވެ. މިހެންވެ ރެއާއި ދުވާލު ފޭސްބުކުން ދިމާވާ ރައްޓެހިންނާއި ހީ ސަމާސާކޮށް މަޖާކޮށް ހެދުމަކީ ސަމާގެ އާދައަކަށް ވެއްޖެއެވެ.

އެއީ ނުދަންނަ މީހަކަށްވިޔަސް ސަމާ އަށް ހެޔޮވަރެވެ. ފޭސްބުކު މެދުވެރިކޮށް ނުދަންނަ ކިތަންމެ ބަޔަކަށްވެސް ފިރިމީހާ އާއި ދަރިންގެ ފޮޓޯތައް އަޕްލޯޑްކޮށްދީ ހަދައެވެ. ނުވިތާކަށް ސަމާގެ ނަންބަރާއި ސަމާގެ އަމިއްލަ ހަށިގަނޑުގެ ފޮޓޯތައްވެސް އަޕްލޯޑްކޮށްލައެވެ. އަދި ބައެއް ފަހަރު ފޫހިވެގެން އުޅޭކަމަށް ބުނެ ފޭސްބުކުން ދިމާވާ ނުދަންނަ ރައްޓެހިންނަށް ގެއަށް އައުމަށް ދައުވަތު ދީ ހަދައެވެ.

ފިރިމީހާއަކީ މުއްސަންޖެއް ކަމަށާއި، ލައްކައިން ލައްކައިން ލިބޭކަމަށް ބުނެ ފޭސް ބުކުން މެސެޖްކޮށް ހެދުމުން ފިރިހެން ރައްޓެހިން ދުވަހެއް ދުވަހަކަށް ވީ ގިނައެވެ. އަދި އެމީހުންނަށް އިތުބާރުކޮށް ސަމާގެ ދިރިއުޅުމުގެ ވާހަކަތައް ދައްކައެވެ. ޒާހިދަކީ މުސްކުޅިއެއްކަމަށްވެސް ފޮޓޯތައް ބަލާފައި ނުދަންނަ ރައްޓެހިން ކޮމެންޓްކޮށް ހަދަން ފެށުމުން ސަމާ ޒާހިދު މަތިން ފޫހިވާން ފެށިއެވެ.

އަދި ފޭސްބުކުން ދިމާވާ ނުދަންނަ ވަރަށް ޚާއްސަ ރައްޓެއްސަކަށް މި ވާހަކަތައް ހިއްސާ ކުރަމުން ދިޔައެވެ. އެ ނުދަންނަ މީހާ ދެކެ ލޯބިވާ ކަމަށާއި އޭނާ އިންނަން ހުރެއްޖެއްޔާމު ޒާހިދުގެ ކައިރިން ވަރިވެގެން އިންނާނެކަމަށްވެސް ބުނަމުން ދިޔައެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދެއެވެ. ސަމާގެ ވާހަކަތައް ހިއްސާ ކުރަމުން ދިޔަ ނުދަންނަ ރައްޓެހި މީހާ ސަމާގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފަން ފެށިއެވެ. ސަމާ ފޭސްބުކުން ދައްކާ ވާހަކަތަކުގެ ސްކްރީން ޝޮޓްތައް ނަގައި ސަމާ ފޮނުވާފައި ހުރި ފޮޓޯތައް ނެގުމަށްފަހު ސަމާ ބިރު ގަންނަވަން ފެށިއެވެ.

އަދި ސަމާގެ ފޯނު ނަންބަރާއި އެޑްރެސް ސާފްކޮށް ފޯނަށް ގުޅައި، އިންނަން ބޭނުންވާ ވާހަކަ އާއި އެކަމަކު އިނދެވޭނީ އެމީހާ ބުނާ ވަރަކަށް އެމީހާއަށް ފައިސާ ދިނުމުން ކަމަށް ބުނެ ސަމާ ދެއްކި ވާހަކަ ތަކާއި ފޮޓޯތައް ދައްކައި ސަމާއަށް ބިރު ދައްކަން ފެށިއެވެ. މިގޮތަށް ސަމާއަށް ބިރު ދައްކައިގެން ބްލެކްމެއިލް ކުރަން ފެށުމުން އެމީހުން އެދޭ ވަރަކަށް އެމީހާ ބުނާ ތާކަށްގޮސް ފައިސާ ދޭން ސަމާއަށް މަޖުބޫރު ވެއްޖެއެވެ. އެއީ ކޮންކަހަލަ ކިހާ ވަރެއްގެ މީހެއް ކަމެއްވެސް ސަމާއަކަށް ނޭގެއެވެ.

މިވާހަކަ އެއްވެސް މީހަކަށް އެގިއްޖެނަމަ ސަމާގެ ދުވަސް ދުއްވާލާނެކަންވެސް އެމީހާ ވަނީ ބުނެފައެވެ. އެހެންކަމުން ސަމާ އަށް ޖެހުނީ އެމީހާ ބުނާ ވަރަކަށް ފައިސާ އާއި ފޯނު ކާރޑްވެސް އަޅާ ދޭށެވެ.

ކަންތައްތައް މިހެން ވުމުން ސަމާގެ މިޒާޖަށް ބަދަލުތަކެއް އަތުވެއްޖެކަން ޒާހިދުގެ އޮފީހުގެ މުވައްޒަފުންނަށް ވިސްނުނެވެ. ސަބަބަކީ ގިނަ އަދަދެއްގެ ފޯނު ކާރޑްތައް އެއް ފަހަރާ ގަނެދިނުމަށާއި، ކުރިއާއި ހިލާފަށް ގިނަގިނައިން ބޮޑު އަދަދަކަށް ފައިސާ ގެނެސްދޭން ސަމާ ބުނަން ފެށުމުން ނެވެ. އޮފީސް މުވައްޒަފުން މިވާހަކަ ޒާހިދުއާއި ހިއްސާ ކުރުމުންވެސް ޒާހިދު މާބޮޑަކަށް އަޅައެއް ނުލައެވެ. ޒާހިދު އަންގަމުންދަނީ ސަމާ ބުނާ ވަރަކަށް އޮފީހުން ފައިސާ ފޯރުކޮށް ދިނުމަށެވެ.

ފައިސާ ނެތިއްޖާ އޭނަ ފޮނުވައިދޭނެ ވާހަކައެވެ. މިގޮތުން ސަމާއަށް ހަފުތާއަކު ހަތް ހާސް ރުފިޔާ އަށްވުރެ ބޮޑު އަދަދަކުން ފައިސާ ދޭން ޖެހެއެވެ. ބައެއް ފަހަރު ޒާހިދުއަށް ގުޅައިގެންވެސް ސަމާ ފައިސާ ހޯދާފައި އެމީހާއަށް ފައިސާ ދެއެވެ. ނުވިތާކަށް ރައްޓެހިންގެ އަތުންވެސް ދަރަންޏަށް ފައިސާ ނަގައެވެ. ނަމަވެސް ސަމާ ރުޅި އައިސްދާނެތީ އެވަރަށް ފައިސާ ބޭނުންވަނީ ކީއްވެތޯވެސް ސަމާކުރެން ޒާހިދު އަހައެއް ނުލައެވެ.

މިކަން މިގޮތަށް ހިނގާތާ 2 މަސް ދުވަސް ފާއިތުވީ ފަހުން ޒާހިދު މާލެ އަތުވެއްޖެއެވެ. ނަމަވެސް މިކަމާ ސުވާލެއް ނުކުރެއެވެ. ޒާހިދު މާލެ އައުމަށްފަހުވެސް ގިނަ ވަގުތު ހޭދަ ކުރަނީ އޮފީހުގައެވެ. ގެއަށް ދަނީ މަދު ފަހަރެއްގައެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. ސަމާ އޭނާގެ ދޮންބެއަށް ގުޅައިގެން ގޭދޮށަށް ގެނައެވެ. އަދި ސަމާ ގޮވައިގެން މީހަކަށް އެއްޗެއް ހަވާލުކޮށްދިނުމަށް އޭޓީއެމް ކައިރިއަށް ދިއުމަށް އެދުނެވެ. އެހެންކަމުން ސަމާގެ ދޮންބެ ސަމާ ގޮވައިގެން އޭޓީއެމް ދޮށަށް ދިޔައިރު ކަޅު ހެދުން ލައިގެން ސައިކަލް މަތީގައި ފިރިހެން ކުދިންތައްކެއް ތިއްބެވެ.

ސަމާ އޭޓީއެމް ދޮށަށްގޮސް ފޯނުކުރުމުން އެތަނުން އެއްކުއްޖަކު ފޯނު ނެގިއެވެ. ނަމަވެސް އެއީ ކާކު ކަމެއް ސަމާއަކަށް އަދި ސަމާގެ ދޮންބެއަކަށްވެސް ނޭގެއެވެ. ސަމާގޮސް ފުރަގަސް ދީގެން ހުރި އެ ޒުވާނާގެ އަތަށް ތިން ހާސް ރުފިޔާ ދިނުމަށްފަހު އެނބުރި ގެއަށް ދިއުމުން ސަމާގެ ދޮންބެގެ ހިތުގައި ސުވާލު އުފެދުނެވެ. ކާކުތޯވެސް ބަލާ ނުލާ ފައިސާ ދިނުމުންނެވެ. ކަންތައް މިހެން ވުމުން ސަމާގެ ދޮންބެ ޒާހިދު އާއި ބައްދަލުކޮށް މިވާހަކަ ކިޔައިދިނެވެ. ޒާހިދުއަށް ރޭކާލީ ދެނެވެ. އެހެންކަމުން ޒާހިދު އޮފީސް މުވައްޒަފުންނާއި މަޝްވަރާކޮށްލުމަށްފަހު ގިނަ ވަގުތު ގޭގައި ހޭދަ ކުރަން ފެށިއެވެ.

ޒާހިދު ގޭގައި ގިނަ ވަގުތު އުޅެން ފެށުމުން ސަމާ ހިތްހަމަ ނުޖެހުނެވެ. އެއީ ޒާހިދުއަށް މިކަން އެގިދާނެތީއެވެ. އަދި ހިތްހަމަ ނުޖެހިގެން ރުޅިވެރިކަމާއެކު ވަރިކޮށް ދިނުމަށް ޒާހިދުގެ ކިބައިން އެދުނެވެ. ނަމަވެސް ޒާހިދު ސަމާ އަށް ނަސޭހަތް ތެރިވިއެވެ. އަދި ވެގެން އުޅޭގޮތް ކިޔައިދިނުމަށް އެދުނެވެ. ޒާހިދުގެ ވާހަކައިން ސަމާއަށް ކަމެއް ވެއްޖެކަން އެގުމުން ސަމާ މާޔޫސްވިއެވެ.

އަދި އިރުގަނޑެއްފަހުން ޒާހިދުގެ ކައިރިއަށް އައިސް މާފަށް އެދުނެވެ. ނަމަވެސް ޒާހިދުއަށް މިއަދު މާފުކުރެވިދާނެކަމަށާއި، ވެގެން އުޅޭގޮތް ކިޔައި ނުދީފިނަމަ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެކަމަށް ބުނެ ސަމާގެ ފޯނު ހިފައިގެން ޒާހިދު އޮފީހަށް ދިޔައެވެ. އޮފީހަށް ގޮސް ސަމާގެ އެފްބީ އައިޑީ ރަނގަޅަށް ޗެކްކޮށްލިއިރު ކަމަކުދާކަށް ނެތެވެ.

ސަމާ ވަނީ ނުދަންނަ އެތައް ބަޔަކަށް ސަމާގެ ދިރިއުޅުން ހާމަކޮށްފައެވެ. އަދި ނުވިތާނަށް އެކަކު ކަމަށް ހީކޮށް ބޮޑު ގުރޫޕަކަށް އެކި ދުވަސް މަތިން ފައިސާ ދީފައެވެ. އެހެންކަމުން ރަނގަޅަށް މިކަމުގެ ތެރެއަށްވަދެ ސަމާއާއި ސުވާލުތައް ކުރިމަތި ކުރުވިއެވެ. ސަމާގެ ފަރާތުން އެގުނު ގޮތުގައި އެމީހުންނަށް އެކި ފަހަރު މަތިން މަހަކު ބައިލައްކައަށްވުރެ ގިނަ ފައިސާ ދެވިފައި ހުންނާނެކަމަށާއި، އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއްވެސް ހުސްވެފައިވާ ކަމަށެވެ.

އަދި ފަންސާހަކަށް ފޯނު ކާރޑް ދައްކާލުމަށްފަހު ، މިއީވެސް  އެމީހުންނަށް އަޅައިދިން ފޯނު ކާރޑް ތަކެއް ކަމަށް ސަމާ ބުންޏެވެ. މިހިސާބުން ޒާހިދު ރުޅިއައެވެ. ނަމަވެސް ސަމާ ދެދަރިންގެ ހައްޤުގައި ސަމާ ވަރި ނުކުރާނެކަމަށާއި އެކަމުން ސަލާމަތްކޮށްދޭނެކަމަށް ޒާހިދު ބުންޏެވެ.

އެހެންކަމުން މިހާދިސާއިންވެސް އެގިގެން މިދިޔައީ ފޭސްބުކުން ނުދަންނަ މީހުންނާ ގުޅުން ބޭއްވުމުން ތިމާއަށް ލިބޭ ނިކަމެތިކަމާއި ދެރަކަމެވެ. ތިމާ ފަޞީލަތްވެ ބޭޒާރު ވެދާނެ ކަމެވެ. ސަމާއަށްވެސް މިވީ ހަމަ މިފަދަ ގޮތެކެވެ. މަހަކު ތިރީސް ހާސް ރުފިޔާ ގެ ބަދަކުގައި ބައި ލައްކަ އިން ޚަރަދު ބޮޑުވެ، ފިރިމީހާގެ މަސައްކަތުން ހޯދިހާ ފައިސާ ގެއްލި އާއިލާގެ މެދުގައި ތިމާގެ އަގު ވެއްޓިގެން ދިޔައީއެވެ.

ދަރިންނެވެ. ފޭސްބުކް ފްރެންޑްސް ލިސްޓްގައި ނުދަންނަ ބީރައްޓެހިން ހިމެނުމުގެ ބަދަލުގައި ދަންނަ ރައްޓެހިން ހިމެނުން މުހިންމެވެ. އޭރުން ޒާތީ މިނިވަންކަމަށް ފާރަވެރިވުމަށް ފަސޭހަވުމުގެ އިތުރުން ގެއްލުންވި ބައިލައްކަ ރުފިޔާގެ ބަދަލުގައި އެ ބައި ލައްކަ ރުފިޔާ ރައްކާކުރެވޭނެކަން ޔަޤީނެވެ.                    … ނިމުނީ…

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 4 ޚިޔާލު ލިބިފައިވޭ

ޚިޔާލަށް ރައްދުދެއެްވާ އަލީ ރައްދު ކެންސަލްކުރޭ!


ޚިޔާލުތައް:

  1. މިކަހަލަ މަޤުބޫލު ލިޔުމެއް ނާފިއުގެ ގަލަމުން ޖަހާލަދީބަލަ. ވަރަށް ދުވަސްވެއްޖެ ނާފިއުގެ ލިޔުމެއް މި ސައިޓުން ނުފެންނަތާ… ވަރަށް ކެތް މަދުވެފަ މިހުރީ..

  2. ނާފިޢުގެ މިފަދަ އެހެން ލިޔުމެއް ދެން މި ނޫހުން ފެންނާނީ ކޮން ދުވަހަކުންތޯ؟ މިފަދަ އިބްރަތްތެރި ލިޔުންތައް ގިނަގިނައިން މި ސައިޓްގައި ޖެހުމަކީ މުޖުތަމަޢުއަށް މިކަމުގެ ސަބަބުން ވަރަށް ގިނަ މެސެޖްތަކެއް ލިބިގެންދާނެ ކަމެކެވެ. ކުރިއަށް އޮތްތާނގައިވެސް ނާފިޢުގެ މިފަދަ ލިޔުންތައް މި ސައިޓްގައި ޝާއިއު ކޮށްދެއްވުމަކީ އަޅުގަނޑުމެން ކިޔުންތެރިންނަށް ލިބޭނެ ހިތްވަރެކެވެ. ވަރަށް އަވަހަށް އިތުރު ލިޔުމެއް ފެންނާނެކަމަށް އުންމީދުކުރަން. ވަރަށް ކިޔާހިތްވޭ މިކަހަލަ ލިޔުންތައް.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.