ކައިވެންޏަށް ކުރި ހަރަދު

މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. ނަމަވެސް ބޭނުން ކޮށްފައިވާ ނަންތަކާއި ތަންތަން ވާނީ ބަދަލު ކުރެވިފައެވެ.

”އެމެރިކާގެ ރައްޔިތެއްކަމަށްވާ އެލެސް ކޮއިފިލީ ރާއްޖޭގެ ރިސޯޓަކަށް  ޗުއްޓީ ހޭދަކުރުމަށްޓަކައި އައެވެ. އެގޮތުން އޭނާ ޗުއްޓީ ހޭދަކުރުމަށްޓަކައި ރިސޯޓްގައި ހުރި ހުރުމުގައި އެރިސޯޓްގައި މަސައްކަތްކުރާ އަލީ ނިޝާން ކިޔާ މީހަކާއި ދެތިން ފަހަރެއްގެ މަތިން ދިމާވިއެވެ. އަދި އެދެ މީހުންގެ މެދުގައި ލޯބީގެ ގޮތުން ގުޅުން އުފެދުނެވެ.

އިޝްތިހާރު Below Header ad

އަދި އެވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މިދެމީހުން ކައިވެނިކުރަން ނިންމިއެވެ. އެގޮތުން މިދެމީހުންގެ މުސްތަޤްބަލަށްޓަކައި އަލީ ނިޝާން ގެ ރަށުގައި އޭނަޔަށް ލިބިފައިވާ ބިމެއްގައި ގެއެއް އިމާރާތް ކުރުމަށް ނިންމިއެވެ. އަދި ނިޝާން ރަށަށްގޮސް ގެ އިމާރާތް ކުރުމުގެ މަސައްކަތްފެށިއެވެ. އަދި އެލެސް އޭނާގެ ޤައުމަށްގޮސް ގެއަޅާ ނިމެންދެން މަޑުކުރުމަށް ނިޝާން ބުންޏެވެ.

ނަމަވެސް އެލެސް އެބުރި ޤައުމަށްގޮސް އެތަކެއް ދުވަސްތަކެއް މަތިން ނިޝާން އަށް ގުޅައި ހެދިއެވެ. އެލެސް އެނބުރި ރާއްޖެ އައުމުން ލޯބި ދޭނެ ކަމަށާއި ކައިވެނި ކުރާނެކަމަށްވެސް ނިޝާން ބުންޏެވެ. މިކަމާ އެލެސް ވަރަށް އުފާވިއެވެ.

އަދި އުފަލުންގޮސް ގެ ޢިމާރާތް ކުރުމުގެ މަސައްކަތްތައް އަވަސް ކުރުމަށް ނިޝާން އަށް ތިން ލައްކަ ޔޫއެސް ޑޮލްރުވެސް ފޮނުވިއެވެ. އަދި އޭގެ އިތުރުން ނިޝާންގެ މަންމަ އާއި ބައްޕަގެ ބޭސްފަރުވާއަށް ދިހަ ހާސް ޔޫއެސް ޑޮލަރުވެސް ފޮނުވިއެވެ. މިކަމާ ނިޝާން ވަރަށް އުފާވިއެވެ. ނަމަވެސް އޭނަގެ ރޭވުން އިތުރަށް ދިޔައީ ބޮޑުވެގެންނެވެ.

އޭގެ ދެތިން މަސް ފަހެވެ. ނިޝާން އެލެސް އަށް ގުޅިއެވެ. އަދި ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެއްސުމަށް ފައިސާ ފޮނުވައިދޭން އެދުނެވެ. އަދި 2010 ވަނަ އަހަރުގެ ފަހުކޮޅު ކައިވެނި ކުރާނެކަމަށް ނިޝާން ވަޢުދުވިއެވެ. ނިޝާން މިގޮތަށް ކަންތައް ކުރުމުން އެލެސް ހުރީ ނިޝާން އާއި އެކު އުޅެވޭނެ ދުވަހަކަށް ކެތް މަދުވެފައެވެ.

އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް މިކައިވެނިކޮށް ނިންމުމަށެވެ. އެގޮތުން ނިޝާން އަށް ގުޅައިގެން އިމިގްރޭޝަނުން ހުރިހާ ކަމެއް ނިންމުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ދިނުމަށް އެލެސް އެދުނެވެ. އަދި އެކަން ކުރަމުންދާކަމަށްވެސް ނިޝާން އެލެސް ގާތު ބުންޏެވެ.

އޭގެ އެއްދުވަސް ފަހެވެ. ނިޝާންގެ ކޮއްކޮ އެލެސް އަށް ގުޅިއެވެ. އަދި ނިޝާން ހައްޔަރުކޮށްފިކަމަށް ބުންޏެވެ. އަދި އެއްމަސް ފަހުން ދޫކޮށްލާނެކަމަށާއި ދޫކޮށްލިހާ އަވަހަކަށް ނިޝާން އަށް މާލެ އާދެވޭނެކަމަށް ބުންޏެވެ. މިހެން ބުނުމުން އެލެސް ވަރަށް ކަން ބޮޑުވިއެވެ. އޭނަޔަށް ހީވީ ޝޮކެއް ލިބުނު ހެންނެވެ.

ޖެހިގެން އައި ދުވަހުވެސް ނިޝާންގެ ކޮއްކޮ އެލެސް އަށް ގުޅިއެވެ. އަދި ޕޮލިސްގެ ޖޫރިމަނާއަށް ނުވަހާސް ޔޫއެސް ޑޮލަރު ބޭނުންވާނެކަމަށް ބުނެ ދޮގު ހެދިއެވެ.  އަދި މިފައިސާ ފޮނުވައިދިނުމަށް އެލެސް ގާތު އެދުނެވެ. ފައިސާ ނުފޮނުވައިފިނަމަ އުމުރުދުވަހު ނިޝާން ޖަލުގައި އިންނަން ޖެހޭނެކަމަށްވެސް ނިޝާންގެ ކޮއްކޮ ބުންޏެވެ. ނިޝާންގެ ކޮއްކޮ އެދުނު މިއެދުމަށް އެލެސް އިޖާބަ ދިނެވެ.

ސަބަބަކީ އެލެސް ނިޝާންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ ބޭނުންވަނީ ނިޝާންގެ ލޯބި ހާޞިލް ކުރާށެވެ. ނަމަވެސް މިފައިސާ ފޮނުވިފަހުން ނިޝާންގެ އެއްވެސް ހަބަރެއް އެލެސް އަކަށް ނުލިބެއެވެ. ނިޝާންގެ އެއްވެސް ހަބަރެއް ނުވުމުން ނިޝާން ދުނިޔޭގައި ހުރިތޯ ނޫނީ އޭނާ ދޮގުހަދަނީތޯ ބަލަން އެލެސް ބޭނުންވިއެވެ.

އަދި އެލެސްގެ ހިތުގައި މިފަދަ އެތައް ސުވާލުމާކުތަކެއް ޖެހެން ފެށިއެވެ.  ނިޝާން ބޮޑު މަކަރެއް ހަދައިފިނަމަ އެލެސް ޢުމުރު ދުވަހު ކުރި މަސައްކަތް ބޭކާރުވީކަމަށްވެސް އެލެސް ހިތާހިތުން ބުނަމުން ދިޔައެވެ. ނަމަވެސް އޭގެ ފަހުން ނިޝާންގެ އެއްވެސް ހަބަރެއް އެލެސް އަކަށް ނުލިބުނެވެ. މިއީ އެލެސް ނިޝާން ދެކެވީ ލޯތްބެއެވެ. ހަޤީޤަތް ނޭގޭ މީހަކަށް ދަސްވުމުގެ ކުރިން މާބޮޑަށް އިތުބާރު ކުރެވުނީމައެވެ. ”

މިއީ މިމައްސަލަ ހިނގާދިޔަ ގޮތުގެ މައްޗަށް ލިޔެފައިވާ ކުރު ވާހަކަ ކޮޅެކެވެ. މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅުމާގުޅިގެން  ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަޙްޤީޤްކުރަމުންނެވެ. އެގޮތުން މިމައްސަލައާއި ގުޅުން ހުރި ފަރާތްތައް ފުލުސް އޮފީހަށް ހާޞިރުކޮށް އެފަރާތްތަކާއި ދަނީ ސުވާލު ކުރަމުންނެވެ.

އަދި މިފަދަ މައްސަލަތަކަކީ މީހަކަށް މާބޮޑަށް އިތުބާރު ކުރެވުމުން ނުވަތަ ހަޤީޤަތް ނޭގޭ މީހުން އެމީހުން ދަސްވުމުގެ ކުރިން މާ ބޮޑަށް އިތުބާރު ކުރެވުމުން ދިމާވާ މައްސަލަތަކެއްކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެނަމަ ނުވަތަ އެފަދަ ކަމެއް ކުރާ ބަޔަކު ޝައްކު ކުރެވޭނަމަ ވީ އެންމެ އަވަހަކަށް އެކަން ފުލުހުންނަށް ރިޕޯރޓްކުރުމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ދޮގުހެދުމާއި، މަކަރު ހެދުމާއި ، އޮޅުވާލުން ފަދަ މައްސަލަތަކަކީ މިއަދު ޢާއްމު ވެފައިވާ ބޮޑު މައްސަލައެކެވެ. ބައެއްފަހަރު މީހުން އަތުން ދޮގުހަދާ އޮޅުވާލައިގެން ގިނަ ޢަދަދެއްގެ ފައިސާ ހިފައިގެން ފިލުމަކީވެސް ބޮޑުވެފައިވާ މައްސަލައެކެވެ. އަދި ހަމައެންމެ ރާއްޖެއިން ބޭރުން ރިސޯޓްތަކަށް އަންނަ ފަތުރުވެރިންނަށް އޮޅުވާލައި އެމީހުންގެ އަތުން ފައިސާ ހޯދަމުންދާކަމީވެސް ހިތާމަހުރިކަމެކެވެ. މިފަދަ ކޮންމެ ކަމަކީ ހަޤީޤަތް ނޭނގޭ މީހުން ދަސްވުމުގެކުރިން އިތުބާރުކޮށްފިނަމަ ތިޔައިން ހަމަ ކޮންމެ ބޭފުޅަކަށްވެސް ދިމާވެދާނެކަމެކެވެ.

މީހަކު އެއްޗެއް ހޯދުމަށް އަނެކާގެ ކިބައިން އެދޭއިރު އެމީހަކީ ކޮންކަހަލަ މީހެއްތޯ ބަލަންޖެހެއެވެ. އަދި ވަކިން ހާއްޞަކޮށް ހަޤީޤަތް ނޭގޭ މީހުންނަށް އެމީހުން ދަސްވުމުގެ ކުރިން މާގިނައިން ކަންކަމަށް އެދޭނަމަ އެއީ ގިނަ ފަހަރަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ތިމާ އަކީ މާ ފޯރުންތެރި ނުވަތަ މާ ދީލަތި މީހެއް ނަމަވެސް އަނެކާ ތިމާ ދަންނަނީ ކިހާ މިންވަރަކަށްތޯ ބަލާލުން މުހިންމެވެ.

މީގެއިތުރުން ބައެއް ފަހަރަށް އަންހެން ކުއްޖަކަށް މީހަކު ރީތިވާއިރަށް ވަގުތުން އެމީހާ އާއި ލޯބީގެގޮތުން ގުޅި އެމީހާ ވަކިކަމެއް ކޮށްދިނުމުން އިންނަން ބުނި ނަމަވެސް އެމީހާގެ ހަޤީޤަތް ރަނގަޅަށް ބަލަން ޖެހެއެވެ. އެއީ ތިމާ ކިތަންމެ ލޯބިވާ މީހަކަށްވިޔަސް އަދި ތިމާ ދެކެ ލޯބިވާ މީހަކަށްވިޔަސްމެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.