ކަތީބު ބޭގެ ބަނބުކެޔޮ ދަތުރު

މިއީ ހިނގާފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.

އަތޮޅުތަކުގައި ސިފައިންގެ މަރުކަޒުތައް ޤާއިމް ކުރެވެމުން ދިޔަ ދުވަސްވަރެވެ. މިހާދިސާ ހިނގާފައިވަނީ 2003 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައެވެ. އއ.ރަސްދޫ (އަސްލުރަށެއް ނޫން) އަކީވެސް އެދުވަސްވަރު ސިފައިންގެ މަރުކަޒެއް ޤާއިމްކޮށް ފުލުހުންގެ ޚިދުމަތް ދެމުން ގެންދިޔަ ދުވަސްވަރެވެ. އޭރު ސިފައިންނާއި ފުލުހުންނަކީ އެއްބައެކެވެ.

އާދައިގެމަތިން އަތޮޅުތެރޭގެ ރަށަކުން ބޮޑު ފުރައިގެ ބޭފުޅަކު ރަސްދޫއަށް ޒިޔާރަތްކުރިނަމަވެސް އެބޭފުޅަކު ސިފައިންގެ މަރުކަޒަށް ޒިޔާރަތްކޮށްކޮށްނުލާ ފުރައިގެން ނުދާނެއެވެ. އޭރު ރަށްރަށުގެ ކަތީބުންނާއި ސިފައިންވެސް އެހާމެ ގުޅުން ބަދަހިއެވެ. ފުލުހުންގެ ތަހްޤީޤް ޓީމުން އެއިން ރަށަކަށް ޒިޔާރަތްކޮށްފިނަ އެރަށެއްގެ ކަތީބެއްގެ ގެއިން އެބަޔަކަށް ހޫނު މަރުހަބާއެއް ކިޔައެވެ.

އަދި ރަށުގެ ހާލަތު ފުލުހުންނަށް ކިޔައިދެއްވައެވެ. މިގޮތުން އއ.އަތޮޅުގައި އެންމެ ދެކުނަށް އޮންނަ ރަށަކީ ރަސްދޫއާއި ތަންކޮޅެއް ދުރުގައި އޮންނަ ރަށެއްކަމުންނާއި އެދުވަސްވަރު ދަތުރުފަތުގެ ގޮތުން ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި ނޫނީ އެރަށަކަށް ގޮހެއް ނުހަދައެވެ. ނަމަވެސް އެރަށުގެ ބޮޑު ކަތީބު ރަސްދުއަށް އައިސްފިނަމަ ފުލުހުންނާއި ބައްދަލުކޮށްނުލާ ނުދާނެއެވެ.

އެހެން ކަތީބުންނާއި ހިލާފަށް މިކަތީބަކީ ހިތްހެޔޮ ސަކަ މިޒާޖެއްގެ ބޭފުޅެކެވެ. ޢުމުރުން 60 އަހަރަށްވުރެ މަތިވެފައި ވީނަމަވެސް ކަތީބުގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. މިގޮތުން ފުލުހުން ކަތީބުގެ ރަށަށް ގޮސްފިިނަމަ ކަތީބު ފުލުހުންނަށް ހާއްޞަ ފަރިއްކޮޅެއް ދެއްވައެވެ. އެއީ ކަރުހަކުރުލީ ތެލުލި ބަނބުކޭލެވެ.

ބަނބުކޭލަކީ އެރަށުގައި ތިޔާގި އެއްޗެއް ކަމުން ކަތީބު އަނބިކަނބަލުން އަބަދުވެސް ބަނބުކެޔޮ ތެލުލާ ޑަބިޔާތަކަށް އަޅާފައި ބެހެއްޓުމަކީ އޭނާގެ އާދައެކެވެ. އަދި ކަތީބު ރަށަކަށް ދުރުވާނަމަ އެރަށެއްގައި ހުންނަ ކަތީބަކަށް ހަދިޔާއަކަށް ބަނބުކެޔޮ ދަޅެއްް ނުވަތަ ކޮތަޅެއް ގެންގޮސްދެއެވެ. އެރަށްރަށުގެ ކަތީބުންނަށްވެސް ކަތީބުބޭގެ އެހަދިޔާ ވަރަށް ކަނމުދެއެވެ.

މިގޮތުން ކަތީބު އެއްދުވަހަކު ސިފައިންގެ މަރުކަޒަށް ފޯނުކޮށް ރަސްދޫއަށް ދާނެވާހަކަ ބުނުއްވިއެވެ. އެވަގުތުން ފެށިގެން އެމަރުކަޒުގައި ތިއްބަވާ ފުލުހުން ކަތީބުބޭ އަންނަންވާއިރަށް ތެލުލި ބަނބުކޭލާއި ކާށި އުކުރައި ސުފުރާމަތި ފަޅުފިލުވާލިއެވެ. ކަތީބުބޭ ސިފައިންގެ މަރުކަޒަށް ވަނުމާއެކު ފުލުހުން ކަތީބުބެއަށް މެހުމާންދާރީ އަދާކުރިއެވެ. ކަތީބުބޭ މިކަމާ އުފަލުން ބުނުއްވިއެވެ.

“ ކުދިންނޭ ދެންދާ ދުވަހަކުން ކަތީބުބޭ ތިކުދިންނަށް ތެލުލި ބަނބުކެޔޮ ގެނެސްދޭނަމެވެ. އަޅުގަނޑުމެންގޭގައި ބަނބުކެޔޮ ބައިވަރު އެބަހުއްޓެވެ. މިއީ ބަނބުކެޔޮ މޫސުމެއް ނޫންހެއްޔެވެ.“ މިހެން ކިޔައި ފުލުހުންނާއި ސައްލާކޮށް ސަމާސާކޮށް ހަދާފައި ކަތީބުބޭ ފުރައިގެން ހިގައްޖެއެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. ފުލުހުން ތަހްޤީޤް ދަތުރަކު ކަތީބުބޭ ރަށަށް ދިޔައެވެ. އޭރު ކަތީބުބޭ ފުލުހުންގެ އިސްތިގްބާލްގައި އަތިރިމަތީގައި ހުއްޓެވެ. އޭރު އިރުއޮއްސެން ކައިރިވެއްޖެއެވެ.  އެދުވަސްވަރު މާގިނަ ރަށްރަށުގައި ބަނދަރު ހެދިފައި ނެތްނަމަވެސް ނުތެމި ފެއިބޭނެގޮތަށް ފާލަމެއް އަޅާފައި އޮވެއެވެ. ފުލުހުން އެދުވަސްވަރު ތަހްޤީޤް ދަތުރުތަކުގައި ބޭނުންކުރަމުންދިޔައީ އަތޮޅު ދޯންޏެވެ. އޭރު އެއަތޮޅެއްގައި ހުންނަ ސަރުކާރުގެ ހުރިހާ އިދާރާއަކުންވެސް ރަސްމީ ދަތުރުތަކުގައި ބޭނުންކޮށް އުޅެނީ އަތޮޅު ދޯންޏެވެ.

ދޯނިން ފޭބުމާއެކު ފުލުހުންގެ ތަހްޤީޤް ޓީމަށް އެންމެ ފުރަތަމަވެސް ދާންޖެހުނީ ކަތީބުބޭ މެންގެއަށެވެ. އެއީ ކަތީބު ފުލުހުން އަންނާތީ ސައިތައްޔާރުކޮށްފައިވާތީއެވެ. ފުލުހުން ސައިބޮމުން ދިޔައިރު ކަތީބުބޭ އެހެން ދުވަސްތަކާއި ހިލާފަށް މިއަދު ތަންކޮޅެއް މަޑުން ހުންނަހެން ހީވުމުން ފުލުހުން އަހާލިއެވެ. ކަތީބުބޭއެވެ. މިއަދު ތެލުލި ބަނބުކެޔޮ ނުފެންނަނީ ކީއްވެތޯއެވެ. ކަތީބުބޭ ވަރަށް ދެރަވެލާފައި ބުންޏެވެ. މިދުވަސްވަރު މިރަށުން ބަނބުކެޔޮ ހުސްވީއެވެ.

ކަތީބުބެއާ ސަމާސާކޮށްލުމަށްފަހު، ސައިބޮއެ ނިމިގެން ފުލުހުން އެމީހުންކުރަންޖެހޭ ތަހްޤީޤްތަކައިގެން ކުރިއަށްދިޔައެވެ. މަސައްކަތް ނިންމާލެވުނުއިރު ގަނޑިން މެންދަމު 12 ޖަހާ ބޮޑުވެއްޖެއެވެ. އޭރުވެސް ކަތީބު ފުލުހުންނާއިއެކު އެމީހުންނަށް އެހީތެރިވެދިނުމުގައި ހަރަކާތްތެރިވަމުންދިޔައެވެ.

ފުލުހުން ބުންޏެވެ. ކަތީބުބޭއެވެ. އަޅުގަނޑުމެން މާދަމާ މިރަށާ ޖެހިގެން މިއޮތްރަށަށް މީހެއްގެ ބަޔާނެއްގައި ސޮއިކުރުވަން ދާންޖެއެވެ. އެހެންވީމަ މާދަން ހެނދުނު 7 ޖަހާއިރު އެރަށަށްގޮސް އެކަން ނިންމާފަ ރަސްދުއަށް ދާނީއެވެ. އެރަށުގައި މާގިނައިރުތަކެއް ނުވާނެއެވެ. މިހާރު އެރަށު ކަތީބަށްވެސް މިކަންވާނީ އަންގާފައެވެ.

ކަތީބުބޭ ބުންޏެވެ. ކަތީބުބޭވެސް ދަނަމެވެ. މާދަމާއަކީ ހުކުރުދުވަކެވެ. އެހެންވީމަ ކަތީބުބޭ އެރަށަށް ބާލާފަ ތިކަން ނިންމައިގެން ތިޔަބޭފުޅުން އެރަށުން ފުރުއްވާށެވެ. މިހެން ބުނުމުން ފުލުހުންގެ އެންމެ އިސްކޮށްހުރި މީހާ ބުންޏެވެ. ކަތީބު ބޭއެވެ. މިދުވަސްވަރު ކަނޑު ވަރަށް ގަދައެވެ. އަނެއްކާ އެރަށަކީ ގާމަތި ރަށެކެވެ. މިދުވަސްވަރު އެރަށަށް ފައިބަން ޖެހޭނީ ދޯނީގައި އޮތް ޑިންގީ ގައެވެ. ދޯންޏެއް އެރަށަކާ ކައިރިވެސް ނުކުރެވޭނެއެވެ.

ކަތީބުބޭ ބުންޏެވެ. އެކަމަކުވެސް ވަރިހަމައެވެ. ކަތީބުބޭ މާދަން އެރަށަށް ދާނަމެވެ. އެރަށުގައި ބަނބުކެޔޮ ހުންނާނެއެވެ. ކަތީބުބެއަށް ބަނބުކެޔޮކޮޅެއް އެރަށުން ލިބިއްޖެނަމަ ރަނގަޅުތާއެވެ. މިހެން ބުނެ ކަތީބޫވެސް ނިދަން ހިގައްޖެއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު 7 ޖެހިއިރު ކަތީބުބޭ ގޮވައިގެން ފުލުހުން ފުރައިފިއެވެ. ކަތީބުބޭ ހަމައެކަނި ގެންދިޔަ އެއްޗަކީ ކަތީބުބޭގެ އަންނައުނު އަޅާފައިވާ ކޮތަޅެކެވެ. ބަލާބެލުމަށް އެއީ ހަދިޔާކޮތަޅެކޭވެސް ހީވެދާނެއެވެ.

ކަނޑުވަރަށް ގަދައެވެ. އެހާމެ ވިއްސާރައެވެ. ގާތްގަނޑަކަށް 45 މިނެޓެއްހާއިރު ފަހުން އެރަށަށް ދެވިއްޖެއެވެ. ނަމަވެސް އެރަށް ކައިރިން ނަގާ ބިޔަ ރާޅުތަކުން އެރަށަށް ދޯނި ކައިރިކުރެވެނެ ގޮތެއް ނުވިއެވެ. އެހެންކަމުން ދޯނީގެ ފަޅުވެރިންނަށް ޖެހުނީ ދޯނީގައި އޮތް ޑިންގީ ބާލައި ފަހަރަކު މީހަކު އެރަށަށް ބާލާށެވެ.

އޭރު އެރަށު ކަތީބާއި ކުޑަކަތީބު ފުލުހުންގެ އިސްތިޤްބާލުގައި އަތިރިމައްޗަށް ނިކުމެ ހުއްޓެވެ. އޭރު ތުނިތުނިކޮށް ވާރޭވެސް ވެއެހެވެ. އެހެންކަމުން އެންމެ ފުރަތަމަ އެރަށަށް ފުލުހުންގެ މީހާ ފޭބިއެވެ. އަދި ކުޑަކަތީބާއެކު ރަށުތެރެއަށް ހިނގައިގަތެވެ. އޭރު ޑިންގީ އަނެއްކާވެސް ދޯންޏާ ކައިރިކޮށްފިއެވެ.

ޑިންގީއަށް އެރެނީ ފަޅުވެރިއެއްގެ އިތުރުން އެންމެ މީހަކަށް ކަމުން މިފަހަރު ޑިންގީއަށް އެރީ ކަތީބުބެއެވެ. ކަތީބުބޭގެ އަންނައުނު ކޮތަޅު ހިފައިގެން ޑިންގީއަށް އެރުމާއެކު ފަޅުވެރިޔާ އެއްގަނމަށް ކަނބައިގަތެވެ. އަދި ޑިންގީ އެއްގަމާ ކައިރިވި ވަގުތު ނެގި ބިޔަ ރާޅަކާއެކު ޑިންގީ ބަންޑުން ޖެހިއެވެ. ފަޅުވެރިޔާއާއި ކަތީބު މޫދަށް ވެއްޓުނެވެ. ފުލުފުލުން ދެރާޅު ގޮނޑުދޮށަށް ބީއްސާލުމާއެކު ކަތީބުބޭވެސް އެރާޅާއެކު ގޮނޑުދޮށަށް ލައްވިއެވެ.

އޭރުވެސް ކަތީބުބޭގެ އަންނައުނު ކޮތަޅު އަތަކުން ދުލެއް ނުކޮށްލައެވެ. މުޅި މީހާގެ ގައިގައި އޮތީ ހުސް ކަށިވެއްޔެވެ. އެވަގުތު އެރަށު ކަތީބު ދުވެފައިއައިސް ކަތީބުބޭގެ އަތުގައި ހިފައި އެއްގަމަށް އެރުވިއެވެ. އަދި ބުންޏެވެ. މިހާ ގަދައިރު ކަތީބުމޭ ތީ ކޮން ދަތުރެއް ހެއްޔެވެ. މިދެކަތީބުންނަކީ ބައްދަލުވެއްޖެނަމަ ވަރަށް ސަމާސާ ކުރާ ދެކަތީބުންކަމުން ކަތީބުބޭ ބުނެލިއެވެ. މިހާ ގަދައިރު ކަތީބުބެ މިއައީ ހަމަ ތިޔަ ކަތީބު ދެކިލާށެވެ. އަދި އެރަށު ކަތީބު ކަތީބުބޭގެ ބޮލަށް ބަލާލިއެވެ. ބޮލުގައި ހުސްވެއްޔެވެ.

އެހެން ކަމުން ހީލާފައި ބުނެލިއެވެ. ކަތީބުބޭއެވެ. ކަތީބުބޭ ބޮލުގައި މުސްކުޅިވުމުގެ ހުރަފުސް ހާދަ ބޮލެވެ. މިހެން ބުނުމާއެކު ކަތީބުބޭ ބޮލުން ވެލި ފޮޅާލުމަށްފަހު އެރަށު ކަތީބާ ދިމާލަށް ސަމާސަ ރާގަކަށް ބުނެލިއެވެ. ކަތީބާއެވެ. ކަތީބުގެ ބޮލުން ތިޔަ ފެންނަނީ ޒުވާންކަމުގެ ފޮނު ހެއްޔެވެ. މިހެން ބުނެ ދެމީހުން ހީސަމާސާ ކުރުމަށްފަހު އެއްގަމާ ދިމާލަށް ދަމުން އެރަށު ކަތީބު ބުންޏެވެ.  ކަތީބުބޭ ގެނައި ހަދިޔާކޮޅުވެސް ތެމުނީދޯއެވެ. އެވަގުތު ކަތީބުމޭ ބުންޏެވެ.

އެހެން ފަހަރުތަކުގައި މިރަށަށް އަންނައިރު ތެލުލި ބަނބުކެޔޮ ގެނަޔަސް މިފަހަރު މިގެނައީ ކަތީބުބޭގެ އަންނައުނު ކޮތަޅެވެ. އަސްލު މިއައީ މިރަށުން ބަނބުކެޔޮ ކޮޅެއް ލިބޭތޯ، މިރަށުގައި މިއަދު މަޑުކޮށްލާށެވެ. އެވަގުތު އެރަށު ކަތީބު ބުންޏެވެ. ބަލަ ކަތީބާއެވެ. ތިރަށުން ބަނބުކެޔޮ ނުލިބޭއިރު ވަކި މިރަށުން ބަނބުކެޔޮ ލިބޭނެ ހެއްޔެވެ. މިއީ ބަނބުކެޔޮ މޫސުމެއް ނޫނެވެ. ޖޫންޖުލައިގެ ވިއްސާރަ މޫސުމެވެ.

ކަތީބުބޭ މިކަމާ ލަދުގަތެވެ. އަދި ވަރަށް ދެރަވިއެވެ. ނަމަވެސް ފުލުހުން އެރަށުން ފުރައިގެން ދިއުމުން ޖެހިގެން އައި ދުވަހު އެރަށުން ދޯންޏެއްގައި ކަތީބުބޭ ރަށަށް ދިޔައެވެ. ބަނބުކޭލެއް ނުލިބި ހުސް އަތާއެވެ.

ލިޔުންތެރިޔާއާއި ގުޅޭ މަޢުލޫމާތު

-ޚިޔާލު ފާޅުކުރައްވާ!- "ކަތީބު ބޭގެ ބަނބުކެޔޮ ދަތުރު"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.


*