ސޫރަތުއް ޝަރްޙި (1)

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފު

(أَلَمْ نَشْرَحْ لَكَ صَدْرَكَ ﴿١﴾) މާތް ﷲ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެއްވާފައިވާ ނިޢްމަތްތައް ހަނދާންކޮށްދެއްވަމުން ވަޙީ ކުރައްވައެވެ. (أَلَمْ نَشْرَحْ لَكَ صَدْرَكَ ﴿١﴾) މާނައަކީ: “ތިމަން ﷲ ކަލޭގެފާނުގެ ހިތްޕުޅު އިސްލާމްދީނަށް ހުޅުއްވައިނުދެއްވަން ހެއްޔެވެ؟”

وروى الضحاك عن ابن عباس قال : قالوا يا رسول الله ، أَيَنْشَرِحُ الصَّدْرَ ؟ قَالَ : ” نَعَمْ وَيَنْفَسِحْ ” . قَالُوْا : يَا رَسُوْلَ اللهِ ، “وَهَلْ لِذَلِكَ عَلَامَةٌ ؟” قَالَ : ” نَعَمْ اَلتَّجَافِيْ عَنْ دَارِ الْغُرُوْرِ ، وَالْإِنَابَةُ إِلَى دَارِ الْخُلُوْدِ ، وَالْاِعْتِدَادُ لِلْمَوْتِ قَبْلَ نُزُوْلِ الْمَوْتِ

އިޝްތިހާރު Below Header ad

“އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން އައްޟައްޙާކް ރިވާ ކުރައްވައެވެ. ޞަޙާބީން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާ އެވެ. މޭތަށް ހުޅުވޭތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “އާއެކެވެ. އަދި މޭތަށް ތަނަވަސްވެސް ވެއެވެ.” ޞަޙާބީން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާ އެވެ. އެކަމަށް އެއްވެސް ޢަލާމާތެއް ވޭތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “އާއެކެވެ. ނަރަކައިން ސަލާމަތްވުމަށް މަސައްކަތް ކުރުމާއި، ދާއިމީ ގޯތި ސުވަރުގެ ހޯދުމަށް މަސައްކަތް ކުރުމާއި، މަރުއައިސް ޖެހުމުގެ ކުރިން މަރަށް ތައްޔާރު ވުމެވެ.”

ސޫރަތުއް ޒުމަރުގެ 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَفَمَن شَرَحَ اللَّـهُ صَدْرَهُ لِلْإِسْلَامِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِ) މާނައަކީ:”ފަހެ، إسلام دين އަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައި އޭނާގެ ވެރިރަސްކަލާނގެ حضرة ން نور އެއް ލިބިފައިވާމީހަކު (އެނޫންމީހަކާ އެއްފަދަ ހެއްޔެވެ؟) ފަހެ، اللَّه ހަނދާންކުރުން ފިޔަވައި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކުހުށްޓެވެ. އެއުރެންވަނީ، ފާޅުވެގެންވާ މަގުފުރެދުމެއްގައެވެ.”

މިތަނުގައި މިވާ މޭތައް ތަނަވަސްކޮށްދެއްވުމަކީ މަޢްނަވީ ކަމެކެވެ. އެއީ ޙިއްސީ ކަމެއް ނޫނެވެ. މޭމަތި ތަނަވަސްވުމަކީ ﷲ ގެ ޝަރްޢީ ޙުކުމްތަކާއި ގަދަރީ ޙުކުމްތައް ގަބޫލު ކުރުމަށް އޭނާގެ ހިތްތަނަވަސް ވުމެވެ.

ޝަރްޢީ ހުކުމްތަކަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ކަންތައްތަކެވެ. އަދި ގަދަރީ ޙުކުމްތަކަކީ ދުނިޔެމަތީގައި ދިމާވާ ދަތި އުނދަގޫތަކާއި މުޞީބާތްތަކެވެ. ސަބަބަކީ ޝަރީޢަތުގައި ހަވާނަފްސާއި އިދިކޮޅުކަންތައްތަކެއް އަތުވެދާނެއެވެ. އެހިނދުގައި އެކަމެއް ތަންފީޛު ކުރުން އިންސާނާ އަށް ދަތިއުނދަގޫ ކަމަކަށްވެދާނެއެވެ. އަދި ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމަކީ އުދނަގޫކަމަކަށްވެސް ވެދާނެއެވެ.

ސަބަބަކީ ނަފްސު އެދޭ ގޮތާއި ދެކޮޅަށް މަސައްކަތްކުރަންވީމައެވެ. އިންސާނާގެ ނަފްސަކީ ގިނަގިނައިން ފާފަކުރުމަށް ގޮވާލާ އެއްޗެކެވެ. އެހެންކަމުން ބައެއް މީހުން ނަމާދު ކުރުމަށްވެސް ބުރަހެލިވެފައި ތިބެއެވެ. މުނާފިގުންނާއި ބެހޭ ގޮތުން ސޫރަތުއް ނިސާގެ 142 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّـهَ إِلَّا قَلِيلًا ﴿١٤٢﴾) މާނައަކީ: “އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ.”

އަނެއްބައިމީހުންނަށް ނަމާދު ކުރުމަކީ ވަރަށް ފަސޭހަކަމެކެވެ. އަދި ނަމާދަށް ޝައުގުވެރިކަންވެސް ވަރަށް ބޮޑަށް ހުރެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (جُعِلَتْ قُرَّةُ عَيْنِي فِي الصَّلاةِ  )[1] މާނައަކީ: “ތިމަންކަލޭގެފާނުގެ ލޮލުގެ ފިނިކަންކަމުގައި ނަމާދު ލެއްވުނެވެ.”

ޝަރްޢުގެ ކަންތައްތަކަކީ ގިނަ މީހުންނަށް ވަރަށް އުނދަގޫކަމެކެވެ. ބައެއް ކަހަލަ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވާންވެސް ޖެހޭތީވެއެވެ. ބައެއް މީހުން ޒިނޭ ކުރާހިތްވެ، ރާ ބޯހިތްވެސް ވެއެވެ. ނަމަވެސް، މާތް ﷲ އެމީހެއްގެ ހިތް އިސްލާމްދީނަށް ތަނަވަސްކޮށްދެއްވާފައިވާ މީހާ އެފަދަކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވެއެވެ. މިކަމުގެ އަލިގަދަ ނަމޫނާ އެއް ކަމުގައި ޔޫސުފް ޢަލައިހިއްސަލާމް ހިމެނިވަޑައިގަންނަވައެވެ.

ޢަޒީޒުގެ އަނބިކަނަލުން ދޮރުތައް ތަޅުލައްވާފައި، އެންމެ ފުރިހަމަ ގޮތުގައި އެކަމަނާ ޒީނަތްތެރިވެފައި، ޔޫސުފް ޢަލައިހިއްސަލާމް އަށް މުޚާޠަބުކޮށް ވިދާޅުވިއެވެ. “ކަލޭގެފާނު ތިމަންނާގެ ގާތަށް އަންނާށެވެ.” ނަމަވެސް ޔޫސުފް ޢަލައިހިއްސަލާމް ޖަވާބުގައި ވިދާޅުވީ “މަޢާޛަﷲ” “އަހަރެން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމޭ” މިހެންނެވެ. ހުރިހާ ގޮތަކުންވެސް ޒިނޭ ކުރުމަށް މަގުފަހިވެފައިވީނަމަވެސް، ﷲ އަށް ބިރުވެތިވެ އެކަމުން ރައްކާތެރިވީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

(سَبْعَةٌ يُظِلُّهُمُ اللَّهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ : الْإِمَامُ الْعَادِلُ ، وَشَابٌّ نَشَأَ بِعِبَادَةِ اللَّهِ ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ ، وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ ، وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ ، فَقَالَ : إِنِّي أَخَافُ اللَّهَ ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لَا تَعْلَمَ يَمِينُهُ مَا تُنْفِقُ شِمَالُهُ ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ )

މާނައަކީ: “ގިޔާމަތްދުވަހުގައި ﷲ ގެ ޢަރްޝީގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި ހަތްބާވަތެއްގެ ބަޔަކަށް ﷲ ހިޔާވަހިކަން ދެއްވައެވެ. އެއީ ޢަދުލުވެރި އިމާމް، ﷲ އަށް އަޅުކަން ކުރުމުގައި ބޮޑުވެފައިވާ ޒުވާނާ، އެމީހެއްގެ ހިތް މިސްކިތާ ގުޅިފައިވާ މީހާ، ދެމީހަކު ރަޙްމަތްތެރިވަނީވެސް ﷲ އަށް ޓަކައެވެ.

އަދި ދުރުވަނީވެސް ﷲ އަށް ޓަކައެވެ. މަންޞިބާއި ރީތިކަމުގެ ގޮތުން އަރާހުރި އަންހެނަކު ޒިނޭ އަށް ދަޢްވަތުދޭ ހިނދު، ތިމަންނާ ﷲ އަށް ބިރުވެތިވަމޭ ބުނެ އެކަމުން ދުރުހެލިވާ މީހާ، ކަނާ އަތުން ކުރާ ޞަދަގާތް ވާއަތަށްވެސް ނޭނގޭ ގޮތުން ސިއްރިއްޔާތުގައި ކުރާ މީހާ، އެކަނިހުރެ ﷲ ޛިކްރުކޮށް އެމީހެއްގެ ލޮލުން ފެން ފައިބައިފި މީހާ އެވެ.”

ﷲ ގެ ގަދަރީ ޙުކުމްތަކަށް މީހާގެ ހިތްތަނަވަސް ވުމުގެ މާނައަކީ ﷲ ގެ ގަޟާ ގަދަރަށް އީމާންވުމެވެ. އަދި އެގޮތަށް ރުހި ހިތްހަމަ ޖެހިގެން ހުރުމެވެ. އޭނާ ބުނާނެއެވެ. އަހަންނަކީ އަޅަކީމެވެ. ﷲ އީ ރައްބެވެ. އެކަލާންގެ ބޭނުންފުޅު ވަޑައިގެންފި ކަމެއް ކުރައްވާނެއެވެ. މިފަދަ މީހުން އެމީހުންނަށް ދިމާވާ ކަންތައްތަކުގައި ކެތްތެރިވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

“عَجَبًا لأَمْرِ الْمُؤْمِنِ ، إِنَّ أَمْرَ الْمُؤْمِنِ كُلَّهُ خَيْرٌ ، وَلَيْسَ ذَلِكَ لأَحَدٍ إِلا لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ فَشَكَرَ فَكَانَ خَيْرًا ، وَإِنْ أَصَابَتْهُ ضَرَّاءُ فَصَبَرَ ، كَانَ خَيْرًا لَهُ” މާނައަކީ:

“މުއިމިނުންގެ ކަންތަކަކީ ޢަޖާއިބެއް ފަދަ ކަމެކެވެ. ހަމަކަށަވަރުން މުއިމިނުންގެ ކޮންމެ ކަމަކީވެސް އޭގައި ހެވެއްވާ ކަމެކެވެ. މުއިމިނުން ފިޔަވާ އެހެން ބަޔަކަށް އެކަމެއް ނުވާނެއެވެ. އެބައިމީހުންނަށް އުފާވެރިކަމެއް ދިމާވެއްޖެނަމަ އެކަމާ އުފާކޮށް ޝުކުރު ކުރެއެވެ. އެގޮތް އެބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި އެބައިމީހުން ހިތާމަ ކުރާފަދަ ކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިވެއެވެ. އެގޮތްވެސް އެބައިމީހުންނަށް ހެޔޮކަން ބޮޑެވެ.”

މި އުއްމަތުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ކެތްތެރިވުމުގައި ރިވެތިވެގެންވާ ނަމޫނާ އެއް ދައްކަވާފައެވެ. އެކަލޭގެފާނު ދީނަށް ގޮވާލެއްވުމަށް ނިކުމެވަޑައިގަތުމުން މުޝްރިކުންގެ ކިބައިން ދިމާވިހާ ކަމަކަށްވެސް ކެތްތެރިވެ ވަޑައިގަތެވެ. އެކަލޭގެފާނު އާލަސްކަންފުޅާ އުޅުއްވާނަމަވެސް އާދައިގެ އިންސާނުންނަށްވ ވުރެ ދެގުނަ ބުރަ އުފުއްލަވަން ޖެހިވަޑައިގަންނަވައެވެ. ނަމަވެސް އެއާއި އެކުގައިވެސް ކެތްތެރިވެވަޑައިގަންނަވައެވެ.

عَنْ عَبْدِ اللَّهِ ، قَالَ : دَخَلْتُ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ يُوعَكُ ، فَوَضَعْتُ يَدِي عَلَيْهِ ، فَقُلْتُ : يَا رَسُولَ اللَّهِ ، إِنَّكَ لَتُوعَكُ وَعْكًا شَدِيدًا ، فَقَالَ : ” إِنِّي أُوعَكُ كَمَا يُوعَكُ رَجُلَانِ مِنْكُمْ ” ، قَالَ : قُلْتُ : ذَلِكَ بِأَنَّ لَكَ أَجْرَيْنِ ؟ ، قَالَ : ” أَجَلْ ، وَمَا مِنْ مُسْلِمٍ يُصِيبُهُ أَذًى ، أَوْ مَرَضٌ فَمَا سِوَاهُ ، إِلَّا حُطَّ عَنْهُ مِنْ سَيِّئَاتِهِ كَمَا تَحُطُّ الشَّجَرَةُ وَرَقَهَا ”

މާނައަކީ: މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުންގަދަވެފައިވަނިކޮށް ތިމަންކަލޭގެފާނު ވެދެވަޑައިގަތީމެވެ. ދެން ތިމަންކަލޭގެފާނުގެ އަތް އެކަލޭގެފާނުގެ ހަށިކޮޅުގައި ބޭއްވީމެވެ. އަދި ދެންނެވީމެވެ. “ﷲ ގެ ރަސޫލާ އެވެ. ކަލޭގެފާނުގެ ހުން ހާދަހާ ގަދައެވެ.

” ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ދެމީހުން ހުން އަންނަ މިންވަރަށް ތިމަންކަލޭގެފާނު ހުން އާދެއެވެ.” އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އެއީ ކަލޭގެފާނަށް ދެއަޖްރު ލިބިވަޑައިގަންވާތީވެތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “އާދޭހެވެ. އެއްވެސް މުސްލިމަކަށް ދަތިއުނދަގޫކަމެއް ދިމާވެ، ނުވަތަ ބައްޔެއް ދިމާވެއްޖެނަމަ ގަސްގަހުން ފަތްފައިބާ ގޮތަށް އޭގެ ސަބަބުން އޭނާގެ ފާފަތަކުން ބަޔެއް އުނިވެގެން ދެއެވެ.” ޝައްކެތް ނެތް ގޮތުގައި ކެތްތެރިވުމަކީ އޭގެ ދަރަޖަ ﷲ ގެ ޙަޟްރަތުގައި ވަރަށް މަތީ ދަރަޖަ އަކަށް ލިބޭނެ ކަމެކެވެ.

ހަސަނުލް ބަޞްރީ- ރަޙިމަހުﷲ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (أَلَمْ نَشْرَحْ لَكَ صَدْرَكَ ) މާނައަކީ “ކަލޭގެފާނުގެ ހިތްޕުޅު ޢިލްމާއި ޙިކްމަތުން ފުރުއްވާ ނުދެއްވަން ހެއްޔެވެ؟”

وروي عن النبي – صلى الله عليه وسلم -أنه قال : ( جَاءَنِيْ مَلَكَانِ فِيْ صُوْرَةِ طَاِئرٍ ،  مَعَهُمَا مَاءٌ وَثَلْجٌ ، فَشَرَحَ أَحَدُهُمَا صَدْرِيْ ، وَفَتَحَ الْآخَرُ بِمِنْقَارِهِ فِيْهِ فَغَسَلَهُ[2] ) ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާވެގެންވެއެވެ. “ދޫންޔެއްގެ ޞިފާގައި ދެމަލާއިކަތުން ތިމަންކަލޭގެފާނުގެ ގާތަށް އަތުވެއްޖެއެވެ. އެދެބޭކަލުންގެ އަތުގައި ފެނާއި ގަނޑުފެން ހުއްޓެވެ. އޭގެ ތެރެއިން އެއްބޭކަލަކު ތިމަންކަލޭގެފާނުގެ މޭފުޅު ދޮވެލެއްވިއެވެ. އަނެއްބޭކަލަކު މޭފުޅު ފަޅާލެއްވުމަށްފަހު ދޮވެލިއެވެ.”

މިއާޔަތުގެ މާނަ އެއް ކަމުގައި އިބްނު ޢައްބާސް- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. “ތިމަން ﷲ ކަލޭގެފާނުގެ ހިތްޕުޅު މަޑުމޮޅިކޮށް ނުދެއްވަން ހެއްޔެވެ؟”

(وَوَضَعْنَا عَنكَ وِزْرَكَ ﴿٢﴾) މާނައަކީ: “އަދި ކަލޭގެފާނު އުފުއްލަވާ ބުރަ، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ.”

[1]  المستدرك على الصحيحين » كِتَابِ الإِمَامَةِ وَصَلاةِ الْجَمَاعَةِ » بَابُ التَّأْمِينِ، رقم الحديث: 2602

[2]  دلائل النبوة للبيهقي » الْمَدْخَلُ إِلَى دَلائِلِ النُّبُوَّةِ وَمَعْرِفَةِ … » جِمَاعُ أَبْوَابِ مَوْلِدِ النَّبِيِّ صَلَّى اللَّهُ …،
رقم الحديث: 66

ނުނިމޭ….

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.