އިފްކުގެ ޙާދިޘާ (1)

އައްޝައިޚް ޒަމްޒަމް ފާރިސް

 

އިމްތިޙާނަކީ އިންސާނާއަށް މިދުނިޔެ މަތީގައި ކުރިމަތިކުރައްވަން ﷲ ތަޢާލާ ވަޢުދުވެވޮޑިގެންފައިވާ އިލާހީ ސުންނަތެވެ. އެއީ އެކަލާނގެ އަޅުތަކުންގެ ތެރެއިން ޙައްޤުގެ މަތީގައި ޘާބިތުވެ އެކަލާނގެއަށް ރުޖޫޢަވަނީ ކޮންބައެއްކަމާއި އަދި ފުރަގަސްދީ ހަލާކުގެ ތެރެއަށް އެނބުރިދަނީ ކޮންބައެއްކަން ފާޅުކުރެއްވުމައްޓަކައި ކަނޑައަޅުއްވާފައިވާ އިލާހީ މަންހަޖެކެވެ.

އިޝްތިހާރު Below Header ad

އަދި އަޅުތަކުންގެ ތެރެއިން އެންމެ ރަނގަޅަށް ޢަމަލުކުރަނީ ކޮންބައެއްކަން ވަކިކުރެއްވުމަށާއި އަދިވެސް މިނޫންވެސް އެތައް ބައިވަރު ޙިކުމަތްތަކެއް އެކުލިވިގެންވާ އެކަލާނގެ އާދަފުޅެކެވެ. އަދި އޭގެ ސަބަބުން އެއްބައެއްގެ ގަދަރާއި ޢިއްޒަތާއި ދަރަޖަ އުފުލިގެން ދާހިނދު އަނެއްބައެއްގެ ގަދަރާއި ޢިއްޒަތާއި ދަރަޖަ ގެއްލި ނިކަމެތިވެގެންދާން މެދުވެރިވާ ސަބަބެއްވެސްމެއެވެ.

ކަންއޮތީ މިހެންކަމުގައިވާ ހިނދު ، އިމްތިޙާނަކީ އެކި މީހުންނަށް އެކި ގޮތަށް ކުރިމަތިވާ އެއްޗެކެވެ. އެއީ އެމީހެއްގެ ހާލަތާ ގުޅޭގޮތުން އެންމެ އެކަށީގެންވާ މިންވަރަށް ކޮންމެ ފަރުދަކަށްވެސް ﷲ ތަޢާލާ ކުރިމަތިކުރުވާ އެއްޗެކެވެ. އެއްވެސް މީހަކަށް އެމީހަކަށް ނުއުފުލެވޭ ވަރުގެ ބުރައެއް އެކަލާނގެ ނުޖައްސަވާނެތެވެ. އެކަލާނގެ ބަޤަރާ ސޫރަތުގެ 286 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ:

“لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا”. މާނައީ: ” އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ﷲ ތަޢާލާ ނުޖައްސަވަތެވެ”.

އެއީ އެއްވެސް ޙާލަތެއްގައި ވަކި ފެންވަރެއްގެ މީހެއް ކަމުގައި ވުމުން ކުރިމަތިނުވެ ސަލާމަތްވެވޭނެ އޮންނަ ކަމެއް ނޫނެވެ. އެފަރާތަކީ މާތްކަމާއި މަތިވެރިކަމުގެ ސަބަބުން ﷲ ތަޢާލާއާ ކުއްތަންވެގެންވާ ރަސޫލުބޭކަލެއް ކަމުގައިވިޔަސް މެއެވެ. އަދި މުއްސަނދިކަމުގެ ސަބަބުން ޖާހާއި މަންޞަބުގައި އުޅެމުންދާ މަހުޖަނަކަށް ވިޔަސް މެއެވެ. ނުވަތަ ފާފައިގެ ތެރޭގައި ޣަރަޤުވެފައިވާ އަނިޔާވެރިއެއް ކަމުގައި ވިޔަސް މެއެވެ. އަދި ފަގީރުކަމުންގޮސް އުނުއޮރިޔާން ނިވާކޮށްލާނޭ ފޮތިކޮޅެއް ނެތް މީހެއް ކަމުގައިވެސް ވިޔަސް މެއެވެ.

ތިރީގައި އަޅުގަނޑު ގެނެސްދޭން ޤަސްދުކުރާ ޙަދިޘާއަކީ މަތީގައި މިބަޔާންކުރި ފަދައިން ހުރިހާ ފަންތިއަކާއި ގިންތިއެއްހެން ހިމެނިގެންދިޔަގޮތަށް ކުރިމަތިވެގެންއައި އިމްތިޙާނެއްގެ ވާހަކައެވެ. މުޖުތަމަޢުގެ ހުރިހާ ދަރަޖައެއް ހިމެނޭގޮތަށް އާއްމުވެގެންއައި އިމްތިޙާނެއްގެ ވާހަކައެވެ. ކާފަރުންނާއި މުސްލިމުންނެވެ. ފަޤިރުންނާއި މުއްސަނދިންނެވެ. މުނާފިޤުންނާއި މުއުމިނުންނެވެ. ފާސިޤުންނާއި ޞާލިޙުންނެވެ. އަނބިންނާއި ފިރިންނެވެ. މައިންބަފައިންނާއި ދަރިންނެވެ. އެކުވެރިންނާއި ދުޝްމަނުންނެވެ. ވެރިންނާއި ރައްޔިތުންނެވެ. ޒުވާނުންނާއި މުސްކުޅިންނެވެ. އެނގޭމީހުންނާއި ނޭނގޭމީހުންނެވެ. އަޅުންނާއި މިނިވަނުންނެވެ. ރައްޓެހިންނާއި ބީރައްޓެހިންނެވެ. މުހާޖިރުންނާއި އަންޞާރުންނެވެ.

ރަސޫލާ صلى الله عليه  وسلم ރަށުން ބޭރަށް ދަތުރުފުޅަކު ނިކުމެވަޑައިގަންނަވާ ކޮންމެ ފަހަރަކު އެކަލޭގެފާނުގެ އަނބިކަބަލުންގެ ތެރެއިން އަނބިކަނބަލެއް އަރިހުގައި ގެންދަވަން ބޭނުންފުޅުވެވަޑައިގެންފިނަމަ އެންމެހާ އަނބިކަނަބަލުންގެ މެދުގައި ގުރުލައްވައެވެ. އަދި އެދަތުރެއްގައި ދިޔުމަށް ފުރުޞަތުލިބިވަޑައިގަންވާ އަނބިކަނބަލެއް އެކަލޭގެފާނުގެ އަރިހުގައި ގެންދަވައެވެ.

އެގޮތުގެމަތިން ރަސޫލާ صلى الله عليه  وسلم ގެ އަރިހުގައި ބަނުލްމުޞްޠޮލިޤް ހަނގުރާމައަށް ނިކުމެވަޑައިގަތުމައްޓަކައި އަރިހުގައި ގެންދަވާނެ އަނބިކަނބަލެއް ޚިޔާރުކުރެއްވުމައްޓަކައި އެކަލޭގެފާނގެ އަނބިކަނބަލުންގެ މެދުގައި ގުރުނެންގެވިއެވެ. އަދި ކަންދިމާކުރިގޮތުން އެދަތުރުގައި ބައިވެރިވުމުގެ ފުރުޞަތު ޢާއިޝާ رضي الله عنها އަށް ލިބިވަޑައިގެންނެވިއެވެ. އެހެންކަމުން އެކަމަނާ އެދަތުރުފުޅަށް ތަންމަތިފުޅު ބަންނަވައި ތައްޔާރުވެވަޑައިގެން އިތުރުއެކަލޭގެފާނުގެ އަރިހުގައި ދަތުރުފެއްޓެވިއެވެ.

ﷲ ތަޢާލާގެ ރަޙްމަތާއި ފަޟްލުވަންތަކަމުން ރަސޫލާ صلى الله عليه  وسلم ގެ ޤިޔާދަތުގައި ކުރެވުނު މިހަނގުރާމައިގައި މަތިވެރިވެގެންވާ ނަޞްރެއް މުސްލިމުންގެ ލަޝްކަރަށް ލިބިގެން ދިޔައެވެ. އެއާއެކު ހަނގުރާމައިން ލިބިވަޑައިގެންނެވި ނަޞްރާމެދު އުފާފުޅުކުރައްވާ ޙާލު އެކަލޭގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ވަޑައިގެންނެވި އެންމެހާ މުޖާހިދުން މަދީނާއަށް އަނބުރާ އައުމަށް ދަތުރުފުޅު ތައްޔާރު ކުރެއްވިއެވެ. އަދި މަދީނާގައި ތިއްބެވި އަޞްޙާބުބޭކަލުންނާއި އަހުލުވެރިންނަށް މިއުފާވެރި ޚަބަރު ފޯރުކޮށްދެއްވުމަށް އަވަސްވެވަޑައިގެން މަދީނާއާ ދިމާލަށް މިސްރާބު ޖެއްސެވިއެވެ.

އޭރުގެ ދަތުރުފަތުރުގެ ކަންކަން ހުންނަ ގޮތުންގެމަތިން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެކަލޭގެފާނުގެ ޤާފިލާއާއެކު މަދީނާއަށް އެނބުރިވަޑައިގެން މަގުމަތީގައި ރޭގަނޑުވުމުން ރާސްތާގެ ވަކިހިސާބަކަށް މަޑުކުރުމަށްފަހު ސަވާރީތައް ބަނޑުޖައްސައި ، ހައުދަޖުތައް ތިރިކުރެވުނެވެ. (ހައުދަޖަކީ: އެޒަމާނުގައި ދަތުރުކޮށް އުޅުނުއިރު ޖަމަލު މަތީގައި އަންހެން ކަނބަލުން އުފުލުމައްޓަކައި ހަރުކޮށްފައިހުންނަ ކުޑަގެއެއް ކަހަލަ އެއްޗެކެވެ). އަދި ދަތުރުގެ ބާކީ އޮތްބައި ފުރިހަމަ ކުރުމައްޓަކައި ހަށިގަނޑަށް ބޭނުންވާނެ ރާހަތް ލިބިގަނެ ،  ދުވަހުގެ ދިގު ދަތުރުން ލިބިފައިވާ ވަރުބަލިކަން ފިލުވާލައި ރޭގަނޑުގެ ނަމާދުތައް އަދާކުރުމަށްޓަކައި މަރުކަޒުކުރެވުނެވެ.

އެންމެހާ ދަތުރުވެރިން ފަތިސްނަމާދަށް ތެދުވެ ނަމާދުކޮށް އަވަދިވުމުން އަލުން ދަތުރުފެށުމަށް ރަސޫލާ صلى الله عليه  وسلم ކުރައްވާފައިވާ އަމުރުފުޅާ އެއްގޮތަށް ދަތުރަށް ތައްޔާރުވުމަށްޓަކައި އަވަސްވެވަޑައިގެންނެވިއެވެ. އެއާއެކު ޢާއިޝާ رضي الله عنها ވެސް ޤަޟާޙާޖާ ކުރެއްވުމަށް އަވަސްއަވަހަށް ހަލުއިވެވަޑައިގެން ޤާފިލާގެ މީހުންނާ ދުރަށް ސަހަރާތެރެއަށް ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް އެކަމުން ނިމިއަވަދިވެ އެނބުރިވަޑައިގެން މަގުމަތީގައި އެކަމަނާގެ ތުރުކުރައްވާފައި އޮތް ފަށްކޮޅު ކަރުފުޅުގައި ނެތްކަން އެނގިވަޑައިގެން އެނބުރި އެފަށް ހޯއްދެވުމަށް ވަޑައިގެންނެވިއެވެ.

ޢާއިޝާ رضي الله عنها އެކަމަނާގެ ފަށްކޮޅު ހޯއްދެވުމުގައި އުޅުއްވުމައްފަހު އެކަމުން އަވަދިވެވަޑައިގެން ފަށްކޮޅު ހިއްޕަވައިގެން ގާފިލާ އޮތްތަނަށް އެނބުރިވަޑަގެންނެވިއިރު އެކަމަނާއަށް ލިބުނީ ވަރަށްވެސް ބޮޑު ހައިރާންކަމެކެވެ. އެކަމަނާގެ ގާފިލާވަނީ ދަތުރުފަށައި ގޮސް އޮބާލާފައެވެ. އެމަގުން އެކަން ހިނގަން މެދުވެރި ސަބަބަކީ އޭރުގެން އަންހެނުންނަކީ އެހާ ފަލަ އަދި ބަރުހެލި ބަޔަކަށް ނުވެ ، އަދި ޢާއިޝާ رضي الله عنها އަކީވެސް އޭރު އުމުރުފުޅުން ޅަ އަންހެން ކުއްޖެއް ކަމުގައިވުމުން ހައުދަޖު އުފުލައި ޖަމަލު މައްޗަށްލާން އުޅުނު ބޭކަލުންނަށް އެކަމަނާ އޭގައި ނެތްކަން އިޙުސާންނުވީއެވެ.

ކަންމިހެންވުމުން ގާފިލާ ހޯދައި އަތުޖެހޭތޯ ދިއުމުގެ ބަދަލުގައި ގާފިލާގައި އެކަމަނާ ނެތްކަން އެނގޭހިސާބުން ހޯދަން އަނބުރައި އަންނާނެކަމުގެ އުންމީދުގައި އެހުންނެވިތަނުގައި އިށީންދެވަޑައިގެން މަޑުކުރެއްވުމަށް ޢާއިޝާ رضي الله عنها ނިންމެވިއެވެ. އަދި ގާފިލާގެ އިންތިޒާރުގައި އިންނެވި ހިނދު ﷲ ތަޢާލާގެ މަތިން ޛިކުރު ކުރެއްވުމާއި އިސްތިޣްފާރު ކުރެއްވުމުގައި ކެތްތެރިކަމާއެކު ވަގުތުތައް ހޭދަކުރައްވަމުން ގެންދެވިއެވެ. ނަމަވެސް ގާފިލާގެ އިންތިޒާރުގައި އިންނަވާތާ މާގިނަ އިރުވެވަޑައިގަތުމުގެ ސަބަބުން އެންމެފަހުން ނިދިޖެހި އަވަހާރަފުޅު ލެއްޕެވުނެވެ.

އެހެން އޮންނަވަނިކޮށް އުއްމުލްމުއުމިނީން ޢާއިޝާ رضي الله عنها އަށް ކުއްލިއަކަށް ހޭފުޅުލެއްވުނީ ފިރިހެނަކު އައިސް “لا حول ولا قوة إلا بالله” މިހެން ވިދާޅުވި އަޑަށެވެ. އެހިނދު އެއީ ކާކުތޯ ބައްލަވާލެއްވުމުން ފެނިވަޑައިގެންނެވީ ގާފިލާގެ ރައްކަލަށް އޭގެ ފަހަތުން ފާރަވެރިއެއްގެ ގޮތުގައި ރަސޫލާ صلى الله عليه  وسلم ބެހެއްޓެވި މާތް ﷲ ރުއްސުންލެއްވި މިތުރު ޞަޙާބީ ޞޮފްވާނު ބުނުލް މުޢައްޠިލްއެވެ. އާދަޔާ ޚިލާފް ގޮތަކަށް ހިޔަންޏެއްގެ ޒާތަށް ވަކިން އެއްޗެއް އޮތްތަން އެކަލޭގެފާނަށް ފެނިވަޑައިގެން އެއީ ކޮންއެއްޗެއްތޯއާއި އޭގެ ޚަބަރު ބެއްލެވުމައް އެދިމާލަށް ވަޑައިގެންނެވީއެވެ. ފަހެ އެކަމަނާއަށް ހޭފުޅުލެއްވުނު ހިނދުން ވަގުތުން އެކަމަނާގެ ޖިލްބާބުން މޫނުފުޅު ޖިލްބާބުން ނިވާކުރެއްވިއެވެ.

ނުނިމޭ..

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.