ތިބާގެ އުޅުން ބަދަލުކުރާނީ ކިހިނެއް؟

ހިޝާމް އަޙްމަދު

16602924 10154765525556049 8828837569369458371 n

ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ އުފައްދަވައި އެ އިލާހުގެ އެހެނިހެން މަޚްލޫޤާތުތަކުގެ މައްޗަށް އޭނާ މާތްކުރައްވައި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ މަގުތައް އޭނާއަށް އަންގަވައި އުނގަންނަވައި ދެއްވެވުމާއެކު އެކަމަށް މަސައްކަތްކުރާ އިންސާނާއަށް އެކަންކަން ފުރިހަމަކޮށްދެއްވިއެވެ.

އިޝްތިހާރު Below Header ad

އެހެން ނަމަވެސް އުފާވެރި ދިރިއުޅުމެއް ލިބުން އެދޭމީހާ ﷲ އެންގެވި މަގުން ހިނގުމުގެ ބަދަލުގައި އޭނާގެ ހަވާނަފްސަށް ތަބާވެ ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކޮށް ދުވަސްތައް ވޭތިކުރަން ފަށައިފިނިމަ، އެފަދަ މީހާގެ ދިރިއުޅުމަކީ ފައިދާއެއް ނުވާ، ފޫހިކަމާއި މާޔޫސްކަމުން ފުރިގެންވާ ޙަޔާތެއް ވޭތިކުރަމުންދާ މީހެއްކަމުގައި ވެގެންދާތަން ގިނަ މުޖްތަމަޢުތަކުން ފެނިގެންދާކަމީ ދުނިޔެ ދައްކަމުންދާ ހަޤީގަތެކެވެ.

މިފަދައިން އިންސާނާ މާޔޫސްކަމާއި ފޫހިކަންމަތީ ދިރިއުޅުން ވޭތިކުރުމަށް މެދުވެރިވާ މައިގަނޑު ސަބަބެއްކަމުގައި ވަނީ އޭނާ ދުނިޔެއަށް ފޮނުއްވުނު މަޤްޞަދު ހަނދުމަނައްތާލުމާއި، ދުނިޔޭގައި އެއްވެސް އަމާޒެއް ލަނޑުދަނޑިއެއް ނެތި އުޅެންފެށުމެވެ.

     ޑިޕްރެޝަނަކީ މިއަދު އެބައްޔަކުން މުޖްތަމަޢު ސަލާމަތްކުރަން ވަރަށް ބޮޑަށް ދަތިވެފައިވާ ބައްޔަކަށް މިވަނީ ވެފައެވެ. އޭގެ އެއް ސަބަބަކީ މިބައްޔަކީ ވައިރަހަކުން ނޫނީ ދިރޭ ސޫތްޕެއްގެ ސަބަބުން މެދުވެރިވާ ބައްޔަކަށް ނުވެފައި، މިބަލި ފެތުރިގެންދަނީ ދިރިއުޅުމުގައި ތިމާގެ ހިތްއެދޭ ނުވަތަ ޝައުގުވެރިވާ ކަންކަން ޙާޞިލުނުވުމާއި އެނޫންވެސް ކަންކަމުގެ ސަބަބުން ޢާންމު ގޮތެއްގައި ޢުމުރުން 20 އަހަރާއި 27 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށްވުމެވެ.

އެގޮތުން މިޢުމުރުގެ ޒުވާނުންގެ މެދުގައި ޑިޕްރެޝަންގެ މިމައްސަލަ ފެތުރިގެންދަނީ ޒުވާންކަމުގެ މިޢުމުރަކީ ޒުވާނާގެ ކިބައިގައި ތަފާތު ޚިޔާލުތަކާއި، ހެދިބޮޑުވުމަށް އަންނަ ބަދަލުގެ ސަބަބުން ޙަރަކާތްތެރިވުމުގެ ރޫޙު ވަރަށްބޮޑަށް އަށަގެންފައިވާ ޢުމުރަކަށް ވެފައި އޭނާއަށް ފަހިވެފައި ހުންނަ ފުރުޞަތުތައް ހަނިވުމާއި، ވަސީލަތްތައް މަދުވުމުގެ ސަބަބުން ކުރިއަށް ފިޔަވަޅު އެޅުމަށް ކުރިމަތިވާ ހުރަސްތަކުގެ ސަބަބުންނެވެ.

މިފަދަ ޙާލަތުގައި އެކަހެރިކަމާއި، ރުއިމާއި، މާޔޫސްކަންމަތީ ނިމިދިއުމުގެ ޚިޔާލާއި އެނޫންވެސް ނުރައްކާތެރިކަން ބޮޑެތި މައްސަލަތަކާއި ޒުވާނާ ކުރިމަތިލައި ގިނަފަހަރަށް ނާކާމިޔާބާއި ކުރިމަތިލާތަން މުޖްތަމަޢުން ފެނިގެންދެއެވެ.

ތިބާގެ އުޅުން ބަދަލުކޮށްލާނީ ކިހިނެއް؟ މިސުވާލުގެ ޖަވާބު ލިބިގަތުމުގެ ކުރިން ކޮންމެ މީހަކުވެސް ވިސްނަންވީ ނެތުމުގެ ތެރެއިން އިންސާނާ ޚަލްޤުކުރެއްވެވި ޚާލިޤުވަންތަ އިލާހު ތިމާ ހެއްދެވި މަޤްޞަދެވެ. އެކަން ސިކުނޑީގައި ހަރުލެއްވުމަށްފަހު އެމަޤްޞަދާއި ޚިލާފަށް ތިމާގެ އުޅުން ބައްޓަން ނުކުރާނެކަމުގެ ޢަޒުމް ވަރުގަދަކުރުމަށްޓަކައި ﷲގެ ވާތްގާއި މަދަދަށް އެދި ދެއަތް އުފުލާލާށެވެ.

ތިމާގެ ނަފްސަށްވުރެ ތިމާދެކެ ޚާލިޤުވަންތަ ﷲ އެނަފްސާއިމެދު އޯގާތެރިވެވޮޑިގަންނަވާނެކަން ޔަޤީންކުރާށެވެ. އެއަށްފަހު އުޅުން ބަދަލުކޮށްލުމަށްޓަކައި، ތިބާ ވޭތިކުރާ ކޮންމެ މިނެޓެއް ވެސް ބޭކާރުކޮށްނުލައި އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އުންމީދާއެކު ޢަޒުމް ކަނޑައަޅާށެވެ. ފުރަތަމަ އިލާހީ އަމުރުތައް ތަންފީޛުކޮށް ދެވަނައަށް ތިމާގެ އަމިއްލަ ކަންކަމަށް އިސްކަންދޭ ތަރުތީބު ގެންގުޅޭށެވެ.

އެގޮތުން ދުވަހުގެ ވަގުތުތަކުގައި ތިބާގެ އުޅުން ބަދަލުކޮށްލުމަށް އަންނަނިވި ކަންކަމާއިމެދު ވިސްނައި އެގޮތުގެމަތީން ނަފްސު ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރާށެވެ.

  • އަޅުކަންތައް ފުރިހަމައަށް އަދާކުރާށެވެ.

ތިބާއީ އީމާންތެރިކަން ވަރުގަދަ އިޙްސާންތެރިކަން ދަންނަ މީހެއްކަމުގައި ވުމަށްޓަކައެވެ. ފަރުޟު ފަސްނަމާދަށް ރައްކާތެރިވުމަކީ އިންސާނާގެ ޝަޚްޞިއްޔަތު ބިނާކުރުމަށްޓަކައި ރޫޙާނީގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިވާ އަޅުކަމެކެވެ. ހަމަ އެހެންމެ ތިމާގެ މާޔޫސްކަން އިތުރުވާ ކޮންމެ ފަހަރަކު ކީރިތި ޤުރްއާނުން އެކަމަށް ޝިފާ ލިބިގަންނާށެވެ.

ﷲގެ މަތީން ހަނދުމަކުރުމާއި ކީރިތި ޤުރްއާން ކިޔެވުމަކީ އިންސާނާގެ ހިތަށް ފިނިކަން ލިއްބައިދޭ ވަރަށްވެސް އަގުބޮޑު އެހެނަސް އަތުން ޚަރަދެއްކުރުމެއް ނެތި ލިބޭ ހިލޭ ފަރުވާއެކެވެ.

  • ކުޅިވަރު ކުޅޭށެވެ.

ކުޅިވަރުކުޅުމަކީ އިންސާނާ ހިތްވަރާއެކު ޙަރަކާތްތެރިވެ އުޅުމަށް ވަރަށްބޮޑަށް މަގުފަހިކޮށްދޭ ކަމެކެވެ. އެގޮތުން ތިބާގެ ހަށިގަނޑަށް އަންނަ ދުޅަހެޔޮކަމުގެ ސަބަބުން އުފާވެރިކަމާއި ހިތްވަރާއެކު ދުވަސް ފަށައިގަތުމުގެ ޢަޒުމް ވަރުގަދަކުރުމުގެ ކުޅަދާނަކަމާއި ނަފްސާއިމެދު އޮންނަ އިތުބާރާއި ޔަގީންކަން އިތުރުވެގެންދާނެއެވެ.

ވީމާ، މަދުވެގެން ކޮންމެ ދުވަހަކުވެސް 30 މިނެޓުގެ ވަގުތުކޮށްޅެއް ކުޅިވަރަށް ޚާއްޞަކޮށްލާށެވެ. އިންސާނާގެ ހަށިގަނޑުގެ ޙަރަކާތް އަވަސްވުމުގައި ދުޅަހެޔޮކަމަކީ މުހިންމުކަމެކެވެ. ކަސްރަތާއި ކުޅިވަރުގެ ސަބަބުން ޖިސްމާނީގޮތުން އަދި ނަފްސާނީގޮތުން އިންސާނާއަށް ގެނުވާ ހެޔޮ ބަދަލުތަކަކީ އޭގެ ބޭނުން ހިފައިގެން އުޅުން ބަދަލުކޮށްލުމަށްޓަކައި ފަހިވެގެންދާ މަގެކެވެ.

  • ލަނޑުދަނޑިއެއް ކަނޑައަޅާށެވެ.

ތިބާގެ ނަފްސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބިގަތުމަށް އެދޭނަމަ ޙާޞިލްކުރަންބޭނުންވާ ލަނޑުދަނޑިއެއް ކަނޑައަޅައި އެކަމަށް މަޑުމަޑުން މަސައްކަތް ފަށާށެވެ. އެއަށްފަހު ކޮންމެ ދުވަހަކު ވެސް އެކަން ޙާޞިލުކުރުމަށްޓަކައި ތަރުތީބުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތްތަކެއް ކުރުމުގެ އާދަ ހަރުލައްވާށެވެ.

  • ރަނގަޅަށް ނިދާށެވެ.

މަސައްކަތާއި، ހޭލާހުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑާއި ސިކުނޑިއަށް ލިބޭ ވަރުބަލިކަން ފިލުވައިލުމަށްޓަކައި ރޭގަނޑު 7 ގަޑި އިރު ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މެންދަންވުމުގެ ކުރިން ނިދުމަށް އާދަކޮށްފިނަމް ފަތިހަށް ހޭލާއިރު ހަށިގަނޑަށް ތާޒާކަމާއި އާރޯކަން ލިބުނުކަމުގެ އަރާމު އިޙްސާސް ތިބާއަށް ކުރެވިގެންދާނެއެވެ. އެއަށްފަހު ދުވާލުގެ މަސައްކަތަށް ނުކުންނައިރު މުރާލިކަމާއިއެކު ކުރާ މަސައްކަތް ނިންމާލުމުގެ ޤާބިލްކަން އިތުރުވެގެން ދާނެއެވެ.

  • ކިޔާށެވެ.

އުނގެނުމަކީ އިންސާނާ ދިރިހުރިހާ ހިނދަކު ދޫކޮށްލައިގެން ވާނެ ކަމެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް އާކަމެއް ނުވަތަ އާ މަޢުލޫމާތެއް ލިބިގަތުމަކީ ތަހުޛީބު އިންސާނެއްގެ އެންމެ މުހިންމު އެއް ޞިފަކަން ކަށަވަރެވެ. އެހެނީ ތިމާގެ ވަށައިގެން ހިނގާ ކަންކަމާއި، ދުނިޔެއަށް އެކި ރޮނގުރޮނގުން އަންނަ ބަދަލުތަކާއި ބެހޭ މަޢުލޫމާތު ލިބިފައިވާ މީހާއަށް އޭނާގެ އަމިއްލަ ނަފްސު ބައްޓަންކުރުމަށް ހިތްވަރެއް ލިބިގެންދާނެތީއެވެ.

އެކި ދާއިރާތަކުން ގިނަ މަޢުލޫމާތު ދަންނަ މީހާއަށް ކެރިގެން ކަންކަމާއި ކުރިމަތިލުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ވީމާ ތިމާގެ އުޅުން ބަދަލުކޮށްލަން އެދޭ މީހާ ވެސް މަޢުލޫމާތު މުއްސަނދިކުރުމުގެ ގޮތުން ގިނަގިނައިނ ކިޔުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

  • އުންމީދުކުރާށެވެ.

ކޮންމެ އިންސާނަކަށް ވެސް ﷲ ކަނޑައަޅުއްވާފައިވާ މިންވަރެއް ވެއެވެ. އެމިންވަރު ހޯދުމަށް މަސައްކަތްކުރާ މީހުނަށް ޙާޞިލުވެއެވެ. އެހެނަސް ތިމާ ބޭނުންވާ ކަންކަން ޙާޞިލުވުމުގައި ދަތިތަކެއް މެދުވެރިވެ ލަސްވުމުގެ ސަބަބުން މާޔޫސްވުމަކީ ތިބާގެ ބަލިފައިކަން ދަންނާށެވެ. އެހެނީ އުންމީދުކޮށް އެކަމަށް މަސައްކަތްކޮށްގެން ކާމިޔާބުވާ މީހާއަކީ އެކަމަށް މާބޮޑު މަސައްކަތެއް ނުކޮށް ކާމިޔާބީ އާއި ހަމައަށް ވާޞިލުވާ މީހާއަށްވުރެ އެތައް ގޮތަކުން ކުރިއަރައިދާނެ މީހެކެވެ.

އެފަދަ މީހާގެ ކިބައިގައި ތަޖުރިބާ ހުންނާނެއެވެ. ލިބިދާނެ ގެއްލުމަކަށް ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި ބޭނުންވާ ވިސްނުމާއި ފިކުރު ހުންނާނެއެވެ. އުންމީދެއްކޮށް އެކަމަށް އެދި ހިތްވަރުލައި މަސައްކަތްކުރާ މީހާއަށް މަގު ތަނަވަސްކޮށްދެއްވާ ފަރާތަކީ ޚާލިޤުވަންތަ ﷲ ކަން ހަނދުމަ ނައްތައިނުލާށެވެ.

  • ބޭކާރު ވާހަކަދެއްކުމާއި ދުރުހެލިވާށެވެ.

މީސްތަކުގެން ވާހަކަދެއްކުމާއި ތިމާއާއި ނުބެހޭ ކަންކަމާއި މެދު ބޭކާރުވާހަކަ ދެއްކުމަކީ ތިމާގެ ޢިއްޒަތާއި ޤަދަރު އަނެކުންގެ ކުރިމަތީގައި ގެއްލިގެންދާނެ ކަމެކެވެ. އޭގެ ސަބަބުން ނަފްސު ބިނާކުރަން ބޭނުންވާ ފަރާތަށް އަނެކުންގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ނުލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

ވީމާ، ބޭކާރު ވާހަކަތައް ދެއްކުމާއި ދުރުވެ އެފަދަ ވާހަކަތައް އަޑު އެހުމާ ވެސް ދުރުހެލިވާށެވެ. މީސްތަކުންގެ މެދުގައި ހިތްހެޔޮ އޯގާތެރިއަކަށް ތިބާ ވާށެވެ. އޭރުން އޯގާތެރިކަން ލިބޭނެއެވެ. އޯގާތެރިކަމުގެ ޞިފައަކީ އުޅުން ބަދަލުކޮށްލަން ބޭނުންވާ މީހާގެ ޟަމީރު އެޞިފައަކަށް އެދިއެދި ހުންނަ އެންމެ މުހިންމު އެއް ޞިފައެވެ.

  • ތިމާއަށްވުރެ ބޮޑެތި މީހުނާއެކު ވަގުތު ހޭދަކުރާށެވެ.

ޢިލްމެއް ލިބިފައިވީ ނަމަވެސް ކާމިޔާބު މީހަކަށް ނުވެ ހިނގައިދާނެއެވެ. އެހެންކަމުން ތިމާއަށް ޢިލްމެއް ލިބިފައިވާނަމަ އެއަށް އިތުރުކޮށްލަންޖެހޭ މުހިންމު އެކައްޗަކީ ޢުމުރުން ދުވަސްވީ މީހުންގެ ތަޖުރިބާއާއި ޙިކުމަތްތެރިކަމެވެ.

އޭރުން ތިމާގެ ކަންކަން ހަރުދަނާކޮށް ކުރުމަށް މަގު ފަހިވެގެންދާނެއެވެ. ޢުމުރުން ދުވަސްވީ މީހުނާއެކު ހޭދަކުރެވޭ ވަގުތަކީ ބޭނުންތެރި ވަގުތެއްކަމުގައި ހަދައި އެބައިމީހުން ޙިއްސާކުރާ ވާހަކަތަކުން ތިމާއަށް މަންފާކުރަނިވި ހެޔޮ ރަނގަޅު މަޢުލޫމާތުގެ ބޭނުންހިފުމަށް އަބަދުވެސް މަސައްކަތްކުރާށެވެ.

  • ޢާއިލާ އާއި ދަރިންނަށް އުނގަންނައިދޭށެވެ.

ދަރިންނާއިއެކު ވަގުތު ހޭދަކުރާއިރު ދުނިޔެއަކީ ފަނާވަނިވި ތަނެއްކަން އަންގައިދޭށެވެ. އަދި އެކުދިންނަށް ރިވެތި ގޮތްތަކާއި ތަހުޛީބުގެ މަގަށް މަގުދައްކައިދޭށެވެ. އަދި ގާތްތިމާގެ މީހުނަށް ވެސް ހެޔޮފޯރުކޮށް ނަޞޭޙަތްތެރިވެ ތިމާގެ ފަރާތުން ޢާއިލާ އާއި ދަރިންނަށް ނަމޫނާ ދައްކާށެވެ.

ބަދަލުވުމަށް އެދޭނަމަ އޮތީ މަސައްކަތްކުރުމެވެ. ހިތްވަރާއި އެކު ކުރެވޭ މަސައްކަތުން ފޮނިމީރު މޭވާ ލިބޭނެކަން ޤަބޫލުކުރާށެވެ. އެހެންކަމުން އުޅުން ބަދަލުކުރުމަށް އެދޭނަމަ އެކަމަށްޓަކައި ފުރިހަމައަށް މަސައްކަތްކުރުމަށް ފަހު ތިމާގެ މާޒީގެ މަތީން ނުވިސްނާށެވެ.

އަބަދުވެސް ކަނޑައަޅާފައިވާ ލަނޑުދަނޑި އާއި މުސްތަޤްބަލާއި މެދު ވިސްނާށެވެ. އެއަށްފަހު ކުޅަދުންވަންތަ ﷲ އަށް ވަކީލުކޮށް މަސައްކަތަށް ނުކުންނާށެވެ. އޭރުން ﷲގެ ޙަޟްރަތުން މަދަދާއި ތަޥްފީޤު މިންވަރުކުރައްވާނެއެވެ. އަޅުން ކުރާނީ މަސައްކަތެވެ. ކާމިޔާބު ލިބުންވަނީ ﷲގެ ޙަޟްރަތުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.