ބާރަށު ބުޅާ ފާތުމާގެ ރެހެންދި އާއި ޢަލީ ރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުން ކަނބާ އައިޝާ.(1)

މި ދެބޭފުޅުންގެ ތެރެއިން ޤައުމަށް އެންމެ ފައިދާ ހުރި ގޮތެެއްގައި މަސައްކަތް ކުރައްވާފައިވަނީ ކޮންބޭކަނބަލެއް؟

ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަ ކުރެވިފައިވާ އަންހެން ޝަޚުސިއްޔަތު ތަކުގެ ތެރެއިން ބާރަށު ބުޅާ ފާތުމާގެ ރެހެންދި (އާމިނާ ރަނިކިލެގެފާނު) އަކީ އުތީމު މުޙައްމަދު ތަކުރުފާނުގެ އަނބިކަނބަލުންނެވެ. ޢަލީ ރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުން މަޝްހޫރު ކަނބާ އައިޝާ އަކީ މުޙައްމަދު ތަކުރުފާނުގެ ދެވަނަ އަނބިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނުގެ މަންމާފުޅެވެ. މި ދެ ބޭފުޅުންނަކީވެސް ޤައުމަށް ފައިދާ ހުރި ގޮތެއްގައި މަސައްކަތް ކުރައްވާފައިވާ ދެބޭފުޅުންކަން ފާހަގަ ކުރެވެއެވެ.

އިޝްތިހާރު Below Header ad

އެހެންކަމުން މި މަޒުމޫނުގައި ބަލައިލާނީ މި ދެބޭފުޅުންގެ ތެރެއިން ޤައުމަށް އެންމެ ފައިދާ ހުރި ގޮތެެއްގައި މަސައްކަތް ކުރައްވާފައިވަނީ ކޮންބޭފުޅެއްތޯ ބަލައި ، ތާރީޚުން ހެކި ދައްކައިގެން ބަޔާންކޮށްދޭނަމެވެ. އަދި މި ދެކަނބަލުންގެ ޒާތީ ދިރިއުޅުއްވުމާއި، ޝަހުސިއްޔަތުގައި ހުރި މާތް ސިފަ ތަކަށް އިންޞާފުގެ ނަޒަރަކުން ބެލުމަށްފަހު ދެބޭފުޅުންގެ ތެރެއިން ހަރުދަނާކަން ބޮޑު ޝަޚުސިއްޔަތަކީ ކޮބައިކަން ތާރީޚީ ހެކި ތަކުގެ އަލީގައި ބަޔާންކޮށްދޭނަމެވެ.

ބާރަށު ބުޅާ ފާތުމާގެ ރެހެންދި ( އާމިނާ ރަނިކިލެގެފާނު)

         ބާރަށު ބުޅާ ފާތުމަގެ ރެހެންދި (ފަހުން އާމިނާ ރަނިކިލެގެފާނު) އަކީ ބާރަށަށް އުފަން ބާރަށު ބޯށިވަލު ބުޅާ ފާތުމަގެ ދަރިކަނބަލެއްކަމަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) އާއި ހުސައިން ޞަލާހުއްދީން (1940 މ.) އަދި ނަސީމާ މުޙައްމަދު (2010) ހާމަކުރައްވައެވެ. ނަމަވެސް ބައްޕާފުޅުގެ ނަމެއް ދިވެހި ތާރީޚުން އެނގޭކަށް ނެތެވެ.

      އާމިނާ ރަނިކިލެގެފާނު ކުރެއްވި ކައިވެނިފުޅުތަކާއި ބޭފުޅުން

އާމިނާ ރަނިކިލެގެފާނު ކުރެއްވި ހަމައެކަނި ކައިވެނިފުޅަކީ އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދިއްތަ މަހާރަދުން (ބޮޑު ތަކުރުފާނު) އާއި ކުރެއްވި ކައިވެނި ފުޅުކަމަށް މުޙައްމަދު އަމީން (1949 ) އާއި ނަސީމާ މުޙައްމަދު (2010) ހާމަކުރައްވައެވެ. ޢާމިނާ ރަނިކިލެގެފާނު އިތުރު ކައިވެނިފުޅެއް ބައްލަވައިގެންކަން ދިވެހިތާރީޚުން އަދި ހޯދިފައެއް ނުވެއެވެ.

މުޙައްމަދު ތަކުރުފާނާއި ކައިވެނިފުޅު ބައްލަވައިގެން އާމިނާ ރަނިކިލެގެފާނުގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި ދަރިކަލަކީ އިބްރާހިމް ކަލާފާނު ކަމަށްވެސް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) އާއި މުޙައްމަދު އަމީން (1949) އާއި ހުސައިން ޞަލާހުއްދީން (1940 މ.) އަދި ނަސީމާ މުޙައްމަދު (2010) ހާމަކުރައްވާފައިވެއެވެ.

އާމިނާ ރަނިކިލެގެފާނުގެ ދަރިކަލުން އިބްރާހިމް ކަލާފާނު ( ފަހުން އައްސުލްޠާނު އިބްރާހިމް (ތިންވަނަ) ކަލާފާނު ސިރީ ސުއްދަ ސުވަރުދަ މަހާރަދުން) އަކީ ބައްޕާފުޅު  އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އަވަހާރަވުމުން ރަސްކަމަށް އިސްކުރެވުނު ރަސްކަލެއްކަމަށް މުޙައްމަދު އިބުރާހީމް ލުޠުފީ (1994) އާއި ނަސީމާ މުޙައްމަދު (2010) ހާމަކުރައްވައެވެ. ކަލާފާނު ރަސްކަމަށް އިސްވެ ވަޑައިގަތީ މީލާދީން 1609 ، ހިޖުރައިން 1585 އަހަރު އެވެ. މި ރަދުން މަޝްހޫރުވެ ވަޑައިގެންފައިވަނީ ކަލާފާނުގެ ނަންފުޅުންނެވެ.

އާމިނާ ރަނިކިގެފާނުގެ ދަރިކަލުން ކަލާފާނު ފުރަތަމަ ކައިވެނިފުޅު ބައްލަވައިގަތީ އެމަނިކިފާނުގެ ބައްޕާފުޅު ކަނޑައެޅުއްވި ބޭފުޅަކާކަމަށް ޕިރާޑް ލިޔުއްވާފައިވާކަމަށް ނަސީމާ މުޙައްމަދު (2010) ހާމަކުރައްވައެވެ. އޭގެ ފަހުން ކައިވެނިފުޅު ކުރެއްވީ މާފިލާފުށީ ކަނބާ ޢައިޝާ ރަނިކިލެގެފާނާ ކަމަށާއި، މި ކަމަނާގެ ބަނޑުފުޅުން ކަލާފާނަށް ލިބިވަޑައިގެންނެވި ދެބޭފުޅުން ޅަފަތުގައި އަވަހާރަވީކަމަށް ޙަސަން އަހުމަދު މަނިކު (1979) ހާމަކުރައްވައެވެ. ނަމަވެސް މީގެ ފަހުންވެސް އެހެން ބޭފުޅުންނާއި ކައިވެނިފުޅު ކުރެެއްވިކަމަށާއި، އެހެންނަމަވެސް ދަރިކަލެއް ނުވަތަ ދަރިކަނބަލެއް ނެތް ކަމަށް ނަސީމާ މުޙައްމަދު (2010) ހާމަކުރައްވައެވެ. އިތުރު ބޭފުޅަކު ލިބިވަޑައި ނުގަންނަވަނީ ކަމެއް ނުވަތަ ލިބިވަޑައިގެންނެވި ބޭފުޅުންވެސް ތުއްޕުޅުއިރު އަވަހާރަވީކަމެއް އެނގޭކަށް ނެތެވެ.

ކަލާފާނުގެ ރަސްކަން ނިމުނީ ކަލާފާނު ދުޝްމަނުންނާއި ހަނގުރާމަކުރައްވަނިކޮށް ޝަހީދުވުމުންނެވެ. ޝަހީދުވެވަައިގެންނެވީ ހިޖުރައިން 1017 ވަނަ އަހަރުގެ ޝައްވާލު މަހުގެ 28 ވީ ބުދަ ދުވަހުކަމަށާއި، އެއީ މީލާދީ ތާރީޚުން 1609 ފެބްރުއަރީ 14 ވީ ބުދަ ދުވަހުކަމަށް ނަސީމާ މުޙައްމަދު (2010) ހާމަކުރައްވައެވެ. ފަސްތާނުލެވިފައިވަނީ އދ.ހަންޏާމީދޫ ގައެވެ. އެތަނުގައި ޒިޔާރަތެއް އާރާސްތު ކޮށްފައިވެއެވެ. ކަލާފާނު ރަސްކަންކުރެއްވީ 24 އަހަރާއި، 2 މަސްދުވަސް ވަންދެނެވެ.

 

     އާމިނާ ރަނިކިލެގެފާނުގެ ޒާތީ ދިރިއުޅުއްވުމާއި، ޝަހުސިއްޔަތުގެ ހުރި މާތް ސިފަތައް

     އާމިނާ ރަނިކިލެގެފާނުގެ ޒާތީ ދިރިއުޅުއްވުމަށްބަލާއިރު، އެއީ އެދުވަސްވަރު ބާރަށުގައި އުޅުނު އެންމެ ނިކަމެތި އާއިލާކަމަށް، ބުރާރަ މުޙައްމަދުފުޅު ކިޔާގޮތަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ)  ލިޔުއްވާފައިވާ ބޮޑުތަކުރުފާނު ވާހަކައިގައިން ދޭހަވެއެވެ. އެދުވަަސްވަރު ބާރަށު ފަސްމަތީގައި އޭގެ ދެމައިންނަށްވުރެ ފަޤީރަކު ހެދި ބޮޑުވެފައެއް ނުވެއެވެ.  އެދެމައިން މުޅޯށިގަނޑު ހިފައިގެން ވަލަށް ވަދެ ބޯށި ނުވަތަ ރަށުވަލުން ކަނޑޫ ނެރެގެން ގެންގޮސްގެން ނޫނިއްޔާ ބަޑުފުރާނަ މުއްތިވާކަށް ނުހުރެއެވެ. އާމިނާ ރަނިކިލެގެއަށް ކުޑަކޮށްވެސް އެހީތެރިކަމެއް ލިބިވަޑައިގަންނަވަނީ ކަނބާ އައިޝާގެ ދަރިކަނބަލުން ސިއްތިމާވާ ކިލެގެފާނުގެ ހެޔޮފުޅުން ވާރުގެއިން ދެއްވާ އެއްޗަކުންކަމަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ)  ހާމަކުރައްވާފައިވާއިރު، ހުސައިން ޞަލާހުއްދީން (1940 މ.) ހާމަކުރައްވާގޮތުގައި އާމިނާ ރަނިކިލެގެފާނަށް ކަނބާ އައިޝާ ރަނިކިލެގެފާނު އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ކަމަށްވެއެވެ. މިގޮތުން އުނުއަންނައުނު ފަދަ ތަކެތި އެކަމަނާއަށް ދެއްވާ ކަމަށްވެއެވެ. ނަމަވެސް އަލްހާއްޖަ އިބްރާހީނުލް އިސްމާއިލް ފީބޯ (1377ހ)  ހާމަކުރައްވާގޮތުގައި އާމިނާ ރަނިކިގެފާނުގެ އުނުގައި އޮންނަ ފޭއްޔާއި، ބޮލުގައި އޮންނަ ރުމާލަކީވެސް ސިއްތިމާވާ ރަނިކިލެގެފާނުގެ ހެޔޮފުޅުން ލިބިލައްވާ ތަކެއްޗެވެ. އަދި ބަނޑުފުރާނަ މުއްތިކުރަނީ ބުޅާ ފާތުމަގެ ދެމައިން ވަލުން ހޯދާ އެއްޗަކުންނެވެ. އެހެންކަމުން އާމިނާ ރަނިކިލެގެފާނުގެ ދިރިއުޅުއްވުން އެދުވަސްރު ހުންނަނީ ކަނބާ އައިޝާ ރަނިކިލެގެފާނު ވިދާޅުވި ކޮންމެ ކަމެއް ކޮށްދީގެން ލިބޭ އެއްޗަކުން ފުއްދާލައިގެންކަން ހާމަވެގެންދެއެވެ.

އާމިނާ ރަނިކިލެގެފާނުގެ މާތް ސިފަތަކަށް ބަލާއިރު، އެކަމަނާއަކީ ކަންކަމާއި ކެރިގެން ކުރިމަތިލާ ހިތްވަރުގަދަ ކަނބަލެކެވެ. މިކަމަށް ބާރުދެއްވައި އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) އެކަމަނާއަކީ އެންމެނާ ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ކަނބަލެއްކަމަށެވެ. މިގޮތުން ބާރަށު އީދު ކުޅިވަރަށް އަތޮޅުވެރިން ފަންފޮނުވީމާ އަތޮޅުގައި ތިބި ހުއްސަރިބައި ފިރިހެނުންނާއި ، އަންހެނުން ބާރަށަށް ޖަމާވުމުން ވާރުގޭ ސިއްތިމާވާ ރަނިކިލެގެފާނު ބާރަށު އެންމެހާ ކުދިބޮޑު އަންހެނުން ގޮވައިގެން ބާރަށު ބޮޑުމަގަށް ނިކުތުމުން އުތީމު ދެބެއިން ބާރަށު ބޮޑުމަގުން އަރައިގެން އަންނަތަން ފެނުމުން އެމީހުން ފަސްދީ ތަންކޮޅަކަށް ދުރުވިތަނާ ޒަމާންވީ ދައިތައެއް ގޮވާލައެވެ. ”ބާރަށް ނިމި ބާރަށް ނިމުނު ދުވަސް ނޫން ހެއްޔެވެ؟ އުތީމު ދެބެއިންވިއްޔާއޭ އެތިބަ ދުރުވަނީ. އޭގެ ދެބެންގެ ބޮލަށް ގޮންޖަހާނޭ މީހަކު ނެތްކަމަށޭ އަދު މިވީ.  އެއަކީ. އަހަރެމެންނަށް އަރާހުރި ހުތުރެއް ނޫނޭ. ސިއްތިމާވާ ރަނިކިލެގެއަށްވެސް އަރާ ހުތުރޭ. ރަށުގެ ބޮޑުންގެ އަންހެން ދަރިންނަށްވެސް އަރާ ހުތުރޭ.  (ބޮޑުތަކުރުފާނު ވާހަކަ. ޞ. 199)”  މިހެން މިދައިތާ ގޮވާލި އަޑު ސިއްތިމާވާ ރަނިިކިގެފާނު އައްސަވާފައި ބާރަށު ބޯށިވަލު ދި ރެހެންދި ގޮއްޔެ ގާތުގައި ވިދާޅުވުމުން އެކަމަނާ އެކަމާއި ފަސްނުޖެހި ދުވެފައިގޮސް އުތީމު މުޙައްމަދު ތަކުރުފާނުގެ ބޮލަށް ގޮންޖެއްސެވި ގޮންޖެއްސެވުމަކީވެސް އެކަމަނާގެ ކެރުމާއި، ހިތްވަރު ގަދަކަން ރަމްޒުކޮށްދޭ ކަމެކެވެ. އޭރު މުޙައްމަދު ތަކުރުފާނު ހުންނެވީ ބާރަށު މިސްކިތު ވަޅުދޮށުގައި ވުޟޫ ކުރައްވަންކަމަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ)  ހާމަކުރައްވައެވެ. މީގެއިތުރުން ހަމަ މިކަމަށް ބާރުދެއްވައި ހުސައިން ޞަލާހުއްދީން (1940 މ.) ހާމަކުރައްވާގޮތުގައި އުތީމު ތިންބެއިން ބާރަށަށް ދުރުވުމުން އުތީމު ތިންބެއިންގެ ބޮލަށް ގޮންޖައްސަވާނެ ޒުވާން ފުރައިގެ އަންހެން ކަނބަލެއް ނެތުމުން ކަނބާ އައިޝާ ރަނިކިލެގެފާނުގެ އެދިވަޑައިގަތުމަށް އާމިނާ ރަނިކިލެގެފާނު ގޮސް އެތިން ބެއިންގެ ތެރެއިން މުޙައްމަދު ތަކުރުފާނުގެ ބޮލަށް ގޮންޖެއްސެވި ކަމަށެވެ. އެހެންކަމުން މިކަމުން ދޭހަވަނީ އެކަމަނާއަކީ ކަންކަމާއި ކެރިގެން ކުރިމަތިލާން ކެރޭ ހިތްވަރުގަދަ ޝަހުސިއްޔަތެއްކަމެވެ. އަދި މިއީ އެކަމަނާގެ ޝަހުސިއްޔަތުގެ ހަރުދަނާކަން ރަމްޒުކޮށްދޭނެ އަލިގަދަ ހެއްކެކެވެ.

      އާމިނާ ރަނިކިލެގެފާނު މުޙައްމަދު ތަކުރުފާނުގެ ބޮލަށް ގޮންޖެއްސެވުމުން އެތަކުރުފާނު އާމިނާ ރަނިކިލެގެފާނުގެ އަތުގައި ހިއްޕަވައިގެން އަތިރިޔާ ދިމާލަށް ދާންފެށުމުންވެސް އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ހުންނެވީ ކަމަށާއި، ނަމަވެސް އަތިރިއަށް ދިއުމުން ދޫކޮށްލުމަށް އެދި އާދޭސްކޮށް، އެތަކުރުފާނުގެ ބޮލަށް ގޮންޖެއްސެވީ އެކަމަނާ ނޫން ކަމަށާއި، މި ގޮންޖެއްސެވި ގޮންޖެއްސުވުމަކީ ސިއްތިމާވާ ރަނިކިލެގެފާނު ވިދާޅުވެގެން ޖެއްސެވި ގޮނެއްކަމަށް އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) ހާމަކުރައްވާފައިވާއިރު، ހުސައިން ޞަލާހުއްދީން (1940 މ.)  ހާމަކުރައްވާފައިވަނީ އާމިނާ ރަނިކިލެގެފާނު މުޙައްމަދު ތަކުރުފާނުގެ ބޮލަށް ގޮންޖެއްސެވީ ކަނބާ އައިޝާ ރަނިކިލެގެފާނު ވިދާޅުވެގެން ކަމަށާއި، އަދި އެ ކަމަނާ އަށް ގޮންޖެއްސެވުނީ ކަނޑައެޅިގެން މުޙައްމަދު ތަކުރުފާނު ބޮލަށްކަން އެކަމަނާއަށް ނޭގޭކަމަށެވެ. މި ދެބޭފުޅުން ދެގޮތަށް މިވާހަކަ ވިދާޅުވެފައި ވީނަމަވެސް އެކަމަނާ އިތުރުފުޅެއް ނުހައްދަވައި ހަޤީޤަތް ހާމަކުރުމުން ދޭހަވަނީ އެކަމަނާގެ އަޙްލާޤްގެ މާތް ސިފައެވެ. އެއީ ހުލްޤުހެޔޮ ރަނގަޅު ބޭކަނބަލެއް ކަމެވެ.

އެކަމަނާގެ މާތް އަޙްލާޤީ ސިފަފުޅުގެ ރަމްޒުކޮށްދޭ އަނެއްކަމަކީ އެކަމަނާއަކީ ވިދާޅުވާ ބަސްފުޅެއްގައި ހިފަހައްޓުވައި، އިހްލާސްތެރި އަދި ވަފާތެރި ބޭކަނބަލެއްކަމެވެ.  ސަބަބެއްކަމަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ)  އާއި ހުސައިން ޞަލާހުއްދީން (1940 މ.)  ހާމަކުރައްވަނީ އެދުވަހު މުޙައްމަދު ތަކުރުފާނު ބޮލަށް އާމިނަ ރަނިކިލެގެފާނު ގޮންޖެެއްސެވުމުން އެކަމަނާ ދޫކޮށްލެއްވީ މުޙައްމަދު ތަކުރުފާނު މީހަކާ ކައިވެނިފުޅު ބައްލަވައި ނުގަންނަވަނީސް އެކަމަނާ މީހަކާ ކައިވެނިފުޅު ބައްލަވައި ނުގަންނަވާނެކަމަށް ވައުދުވެ މުޙައްމަދު ތަކުރުފާނު އެދިލެއްވުމުގެ މަތިން އެތަކުރުފާނާއި އިންނަން ޝަރުތުކޮށް އަތާއި އަތް ޖައްސަވާފައިކަމަށެވެ.  އަދި އެގޮތުގައި ހުރުމަށްފަހު މުޙައްމަދު ތަކުރުފާނާއި ކައިވެނިފުޅު ބައްލަވައިގަތުމުން އެކަމަނާގެ އިހްލާސްތެރިކަމާއި، ވަފާތެރިކަން ހާމަވެގެން ދެއެވެ.

މީގެއިތުރުން މުޙައްމަދު ތަކުރުފާނު އާއިމިނާ ރަނިކިލެގެފާނާއި ކައިވެނިފުޅު ބައްލަވައިގެން ކަލާފާނު ލިބިލެއްވި ފަހުން ޕޯޗުގީޒުންނާއި ހަނގުރާމަކޮށް އަނދިރިއަދިރިންގެ ކިބައިން ރާއްޖެ ސަލާމަތްކުރައްވަން ޖިހާދަށް ނިކުންނެވުމުގެ ކުރިން އާމިނާ ރަނިކިލެގެފާނާއި ދަރިކަލުން ކަލާފާނު މަލިކަށް ގެންދެވުނެވެ. ބޮޑުތަކުރުފާނުގެ އާއިލާ މަލިކަށް ގެންދިއުމަށް ދަތުރުފުޅު ކުރެއްވީ ތިލަދުންމަތީ ބާރަށުގައި ޕޯޗްގީޒުން ބަހައްޓައިފައިހުރި ވިޔަޒޯރުގެ އެހީގައި ބަންނަވާފައިވާ ބާރަށް ދުއްވާ އޮޑި” ކަޅުއޮއްފުންމި” ގައި ކަމަށް ހުސައިން ޞަލާހުއްދީން (1940 މ.) އާއި މުޙައްމަދު އަމީން ( 1949) އާއި މުޙައްމަދު އިބުރާހީމް ލުޠުފީ (2006) ހާމަކުރައްވައެވެ. މިކަމަށް ބާރުދެއްވައި މިވާހަކަ ޤައުމީ ކުތުބުހާނާ (2006) ގައި ބަޔާންކުރައްވާފައިވެއެވެ.  މިގޮތުން ބަލާއިރު، މުޙައްމަދު ތަކުރުފާނު އަނދިރި އަނދިރިގެން ކިބައިން ރާއްޖެ ދިފާއު ކުރުމަށް ކުރެއްވި މަސައްކަތްޕުޅުގައި އާމިނާ ރަނިކިލެގެފާނުގެ އެހީތެރިކަން ލިބިލެއްވިއެވެ. ގެއަށް އަންނަ މެހްމާނުންނަށް ކަމޭހިތްތެވިއެވެ. އަދި މުޙައްމަދު ތަކުރުފާނު ރާއްޖެ ދިފާއުކުރެއްވުމަށް ނިކުމެ ވަޑައިގަތުމުން އެތަކުރުފާނުގެ ދަރިކަލުން ކަލާފާނު ރައްކާތެރިކަމާއެކު ގެންގުޅުއްވިކަމަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) ލިޔުއްވާފައިވާ ބޮޑުތަކުރުފާނުގެ ވާހަކައިން ދޭހަވެއެވެ. މިކަމުންވެސް އެނގިގެންދަނީ އެކަމަނާއަކީ ދަރިކަލުން ދެކެ އިންތިހާއަށް ލޯބިވާ، ފިރިކަލުންނަށާއި ދަރިކަލުންނަށް އޯގާތެރި ވަފާތެރި އަނބިކަބަލެއް ކަމެވެ.  އެއަށްފަހު އުތީމު ދެބެއިންނާއި ދެހާޖީންނާއި ދަންޑެހެލު ކަޅުއޮއްފުންމީގައި ދުއްވާފައިގޮސް މާލެ އަރައި އަދިރިއަދިރިން މަރައި މާލެ ދިފާއުކުރުމަށްފަހު މުޙައްމަދު ތަކުރުފާނު ރަސްކަމުގެ ތަހުތާއި ހަވާލުވުމަށްފަހު އާމިނާ ރަނިކިލެގެފާނާއި ދަރިކަލުން ރަސްކަމުގެ ގަނޑުވަރަށް ގެންނެވުމަށް ފަހު އެކަމަނާގެ ދިރިއުޅުންވުން ރަސްކަމުގެ ކޮއިލުތެރެއަށް ބަދަލުކުރެއްވުނުކަމަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) އާއި ނަސީމާ މުޙައްމަދު (2010) ހާމަކުރައްވާފައިވާއިރު، މިކަން ހިނގާދިޔަގޮތް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1999) ގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން އާމިނާ ރަނިކިލެގެފާނުގެ ދަރިކަލުން ކަލާފާނަކީވެސް މުޙައްމަދުތަކުރުފާނާއި ފަދައިން ހައިބަވެތި ، އަދުލުވެރި، ބުއްދިވެރި އަދި ޢިލްމުވެރި ބޭފުޅެއްކަން ނަސީމާ މުޙައްމަދު ( 2010) ހާމަކުރައްވައެވެ.

ކަނބާ ޢާއިޝާ ރަނިކިލެގެފާނު

ރާއްޖޭގެ ތާރީޚްގައި، ކަނބާ އައިޝާގެ ނަމުން ނަން ލިބިވަޑައިގެންނެވި ކިތަންމެ ބޭކަނބަލުންނެއް އުޅުއްވިއެވެ. އޭގެތެރެއިން ގިނަ ބޭކަނބަލުންނަކީ މަޝްހޫރުވެ ނަން އުފުލިގެންވީ ބޭކަނބަލުންކަމަށް ޙަސަން އަހުމަދު މަނިކު (1979) ހާމަކުރައްވާފައިވެއެވެ. ނަމަވެސް އަޅުގަނޑު ތަޢާރަފުކޮށްދެވޭތޯ މި މަސައްކަތްކުރަނީ ޝަހީދުވި އަލިރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުން މަޝްހޫރު ކަނބާއިޝާ ރަނިކިލެގެފާނެވެ.

ނުނިމޭ………………….

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.