ކެތްކުރި ތަފާތުކުރުން

ޙަޤީޤީ ޙާދިސާ

މިވާހަކައަކީ އަޅުގަނޑުގެ މަންމައަށް ޚާއްސަ ކޮށްލާ ވާހަކައެއް. މިއީ އެ މަންމަގެ ވާހަކަ.އެތައް އެތައް އަނދިރި ދުވަސްތަކެއް ކަޑައްތުކޮށް މިއަދު އެމަންމައަށް ވަނީ އިސްލާމްދީނުގެ ފުރިހަމަ އަލިކަން ލިބި ޙައްޤު ތެދުމަގުގެ ސާފުތާޙީރުކަން މަތީގައި. الحمد لله

މިވާހަކައަކީ މި ދުނިޔޭގައި އުޅެބޮޑުވަމުން އަންނަ އެކި ގޮތްގޮތުން ތަފާތު ކުރެވެމުން އަންނަ އެންމެހާ ކުދިންނަށް ޚާއްސަ ކޮށްލަން ބޭނުންވާ ވާހަކައެއް.

އިޝްތިހާރު Below Header ad

އަހަރެން އުފަންވީ އިންޑިއާގެ ބުދު ދީނުގެ މީހުން އުޅޭ އަވަށަކަށެވެ. އެތައް ދޮންކުލައިގެ ހެދުންތަކެއް ލައިގެން އުޅޭ އެ ދީނުގެ ހާމުދުރުންތަކެއްގެ ތެރެއަށް އުފަންވި ކުއްޖެކެވެ. އަހަރެންގެ މަންމަ އަހަރެން ލިބުނުތާ ދުވަސްކޮޅެއްނުވެ ބައްޕައާ ވަކިވިއެވެ. މިކަމާ އަހަރެންގެ ދައްތައާ އަހަރެންވެސް ވަރަށް ހިތާމަކުރީމެވެ.

ނަމަވެސް ކުރެވުނު ކަމެއްނެތެވެ. އަހަރެންގެ ޢުމުރުން އެންމެ 13 އަހަރުގައި އަހަރެންގެ ދައްތައާއި އަހަރެން އެކަނި ކޮށްލާފައި މަންމަ ސައުދީއަށް ދިޔައެވެ. މަންމަަ މަތިން ވަރަށް ހަނދާންވެއެވެ. ދުވަސްކޮޅެއްފަހުން މަންމަ ސައުދީގެ ތެޔޮ ވިއްކާ ބޮޑު މުއްސަންޖަކާ ކައިވެނި ކުރި ޚަބަރު ބޮޑުބޭބެ ދިނެވެ. ދުވަސް ކޮޅެއްފަހުން މަންމަގެ ފިރިމީހާއާއެކު އިންޑިޔާއަށް އަހަރުމެންގެ ގާތަށް އައެވެ.

އަހަރުމެން ހީކުރި ގޮތާ ޚިލާފައަށް އެ ދޮން ބައްޕަ ވީ އަހަރުމެންނަށް ވަރަށް ހެޔޮ އިންސާނަކަށެވެ. އަހަރެންނާއި ދައްތަ ސްކޫލަށް ދިޔުމަށް އެހީވެދިނެވެ. ނަމަވެސް އޭރު ނޭންގުނު ކަމަކީ މި އުފާވެރިކަމަކީ އަބަދު ދެމި އޮންނާނެ އެއްޗެއް ނޫންކަމެވެ. ދިރިއުޅުމަކީ އެތައްހާސް ކަމަކާ ކުރިމަތި ލާން ޖެހޭނެ އެއްޗެއްކަމެވެ.

އެއްދުވަހެއްގެ ހަވީރު ވަގުތު އަހަރެންނާ ދައްތަ ގާތު ދޮން ބައްޕަ ބުނީ އަހަރުމެން ދެމީހުންނަށް ކޮއްކޮއެއް ލިބޭނެ ވާހަކައެވެ. އެދުވަހު އަހަރުމެން ދެމީހުން ވަރަށް އުފާވިއެވެ. ދުވަސްކޮޅެއްފަހުން ލޯބި ލޯބި ދޮން ދޮން އަންހެން ކޮއްކޮއެއް ލިބުނެވެ. ނަމަވެސް މިއީ ދުވަސްކޮޅެއްގެ އުފަލެކެވެ. މަންމަ އާއި ދޮން ބައްޕަ އަހަރުމެން ތިން މީހުން ދޫކޮށް ސައުދީ އަށް ހިގައްޖެއެވެ.

ދުވަސްކޮޅަކުން މަންމަގެ ޚަބަރެއް ނުވިއެވެ. އާއިލާގެ އެކި މީހުންގެ ގާތަށް މަންމަ ހޯދަ ދިނުމަށް އެދި ރޮއި އާދޭސް ކުރީމެވެ. ނަމަވެސް އެމީހުން މި ކަމަށް ދިނީ ބީރު ކަންފަތެކެވެ. ދައްތައާ އަހަރެންނާ ކޮއްކޮ އެކަނިވިއެވެ. ކޮއްކޮ ގެ ކަންތައްތައް އަހަންނާ ދައްތަ ބަލަމުން ގެންދިޔައީމެވެ. ގެޔަކު ފައިސާއެއް ނެތެވެ. ކާނެ އެއްޗިހި ހުސްވެއްޖެއެވެ. އަހަރުމެން އެކަމާ އަތުކުރި އޮޅާލާ ކުރިމަތިލީމެވެ. ކައިރި ގޭގޭގެ ގަސް ގަހުން ކާނާ ބޭނުންކުރީމެވެ. އަހަރުމެންގެ ހާލު ފެނި  މާމައައާއި ބޮޑު ބޭބެގެ ހިތުގައި އަހަރުމެންނަށްޓަކައި ރަޙުމް އުފެދި އެމީހުން ގެ އެހީތެރިކަން ލިބުނެވެ.

އާއިލާގައި ބަލައިދޭނެ އިތުރު މީޙަކު ނެތުމުން އުމުރުން 18 އަހަރުގަ ބޭބެ ކިޔަވާ ނިންމި ގޮތަށް ވަޒީފާއެއް ހޯދައި އަހަރުމެންގެ ބެލުމާ ހަވާލުވިއެވެ. ނަމަވެސް ބޭބެގެ އުމުރު ކުޑައޭ ބުނެ އެވަޒީފާގައި ބޮޑުބޭބެއާ އެހެން އެންމެނާ ތަފާތު ކުރަމުން ދިޔައެވެ. ރިބާގެ އެތަކެއް އަމަލެއް ބޭބެއާއެކު ހިންގަމުން ދިޔައެވެ. މަސްނިންމާފައި ދެނީ މުސާރައިގެ ދެބައިކުޅައެއްބައެވެ.

ނަމަވެސް ބޭބެ ހިތްވަރު އެލުވައެއްނުލާ މަސައްކަތް ކުރަމުން ދިޔައެވެ. އަހަރުމެންގެ މައިންބަފައިން ތިއްބަސް އަހަރުމެނަކީ މިސްކީނުންނެވެ. އޭރުވެސް ހިތައްއަރާ އެ ބުދުތަކަށް އަހަރުމެން އުޅޭގޮތް ފެންނައިރު އެހީ ނުވަނީ ކީއްވެބާއެވެ.؟ ގައިމުވެސް އެތިބަ މުއްސަނދި ހާމުދުރުންނަށް ފެންނާނެ ތާއެވެ. އެއީ ހަމަ އެ ތާ ތިބި ފިތުނަވެރިންތަކެއްބާއެވެ.؟

ދުވަސް ތަކުގެ ތެރެއިން ދުވަހެކެވެ.  އަހަރެންގެ ސްކޫލްގައި ޑްރާމާ ކުޅެން ޖެހުނު ދުވަހެވެ. އަހަރެންގެ ހަމަކީ ކުލަ ގަދަ ކަޅޭ މިކިޔާ ކަހަލަ ކުލައެއްގައި ހުންނަ ހަމެކެވެ.. ދައްތައަކީ ހަމުގެ ކުލަ އަލި ކުއްޖެކެވެ. އެހެން ކަމުން މާމަ ގެ ލޯތްބާ އަޅާލުން އެންމެ ބޮޑަށް ލިބެނީ ދައްތައަށެވެ. އެދުވަހު ދައްތައަށް އަގު ބޮޑުކޮށް ވަރަށް ބޮޑު ވެޑިން ޑްރެސް އެއް ފެހިއެވެ. އަހަރެންވެސް އެކަހަލަ ހެދުމެއް ބޭނުން ވާ ވާހަކަ މާމަ ގާތު ބުނީމެވެ.

ނަމަވެސް އެދުވަހު މާމަ އަހަނަށް ލެއްވީ މާމަގެ ބާ ހެދުމެކެވެ. އަދި ގާތުބުނީ އެތަނަށް ގޮސް މަސައްކަތު މީހަކަވުމަށެވެ. އެ ދުވަހު އަހަރެން ވަރަށް ދެރަވިއެވެ. އެކަމަކު ދައްތަ ދެރަ ނުކުރުމަށް އަހަރެން އެ ބޮޑު ކޮންސެޓަށް އެރީ އެ ހެދުމުގައި މަސައްކަތު އަންހެނެއްގެ ގޮތުގައެވެ. މާމަ އެދުވަހު ހީކުރީ މާމަ ބަލިވާ ދުވަހު ދައްތަ މާމަ އަށް ބަލާނެކަމަށެވެ. ދައްތަ ވަރުގެ ކުއްޖެއް މި އާއިލާގައި ނުހުންނާނެ ކަމަށެވެ. މިނޫނަސް އެތައްގޮތަކުން ދައްތަ އާ އަހަންނަށް މާމަ ތަފާތު ކުރިއެވެ. ކޮއްކޮއަކީ މުސްލިމެއްގެ ދަރިއަށް ވީތީ ކޮއްކޮ އަށް އަޅައެއްނުލައެވެ.

އަހަރެން ކިޔެވުން ހުއްޓާލީ ގްރޭޑް 9 އަކާ ހަމައަށް ކިޔެވުމަށްފަހު ލާރިނެތިގެންނެވެ. ޔުނިފޯމް ދޮންނާނެ ސައިބޯންޏެއް ގަންނާނެހާވެސް ނެތިގެނެވެ. އެވަރު ފައިސާ ފޮއްޗެއްވެސް ދިއްކޮށްލާނެ މީހަކު ނުވެގެނެވެ. އަހަރެން އެދުވަހު ވަރަށް ދެރަވިއެވެ. އެއްގެއިން އަނެއްގެއިން ކައިގެން ބޮއެގެން މަސައްކަތް ކުރީމެވެ. ކޮއްކޮމެން ބެލީމެވެ.

އަހަރުމެން ފަޤީރުން އޭރު ނިކަމެތިވީމަ މުއްސަނދިން އަހަރުމެންނަށް ހަދަނީ ހިތުހުރި ގޮތެކެވެ. އަހަރުމެންނަކީ ނެތްފަދަ ބައެކެވެ. އަހަރުމެން ވެއްޖިއްޔާ ދުނިޔެމަތީގައި އުޅުމަކީވެސް ހުތުރު ކަމެކެވެ. ފައިސާ ހޯދުމަށްޓަކައި އަހަރެން މުސްކުޅިން ބަލަން ފެށީމެވެ. މައިންބަފައިން ދޫކޮށްލާފަ އަޅަނުލާ އޮންނަ އެތައް މަޔަކު ބެލީމެވެ.

އެންމެ ހަނދާން ހުންނަނީ އެފަދަ މަޔަކު އަހަރެންގެ އަތްދަނޑިމަތީ އޮވެ ރޮމުން މަރުވި ހަނދާނެވެ. އެއީވެސް އިންޑިއާގެ ބޮޑު މުއްސަންޖެއްގެ މަންމައެކެވެ. އެ މަންމައަކީ ޢިލްމު އުގެނިފައި ނުވާ މީހަކަށް ވީތީ އެ ދަރިފުޅު އެ މަންމަ އެކަނި ކޮށްލާ އެއީ އެނާއަށް ލިބޭ ހުތުރެއްކަމުގައި ދެކެމުން ދިޔަ. އެދުވަހު ހިތަށްއެރި ދުނިޔޭގާ މިފަދަ ތަފާތު ކުރުންތައް ނެތޭނީ ކޮން ދުވަހަކުން ބާއެވެ.

އުމުރުން 18 އަހަރުގައި އަހަރެން ވަޒީފާއަކަށް ކުރިމަތި ލީމެވެ. ވަރަށް ހާލުން ސީވީ ލިޔެގެން ޕްރިންޓްކޮށްގެން ފޮނުވީމެވެ. ރާއްޖެއަށާއި ސައުދީއަށް ވަޒީފާއަށް އެދި އެ ސިޓީ ފޮނުވީމެވެ. ދެދުވަސް ތެރޭ ރާއްޖެއިން ވަޒީފާގެ ފުރުސަތު އަހަންނަށް ލިބުނެވެ. އަހަރެން  އަވަހަށް ރާއްޖެއަށް ފުރައިގެން އައީމެވެ. އޭރު ދައްތަ މީހަކާ އިނދެފިއެވެ. މާމަ ކޮއްކޮ ގެ ބެލުމުގެ ދަށަށް ދިޔައެވެ. ކޮއްކޮ އަކީ މުސްލިމެއްކަމުގައިވިޔަސް ބުދު ދީނުގެ މީހުންނާ އެކު އުޅުމުގެ ސަބަބުން އިސްލާމްދީނުގެ އުސޫލްތަކެއް ނޭންގެއެވެ.

ކޮއްކޮވެސް ބުދު ދީނަށް އުޅެން ފެށިއެވެ. އެކަމަކު އަހަރެން އޭރު ބުދަކަށް އަޅުކަމެއް ނުކުރަމެވެ. އެއީ އަހަންނަށް އޭގެން އެއްވެސް ފައިދާއެއްނުކޮށްދިނީމައެވެ. އަހަރެންގެ ހިތާމަތަކަށް އޭތި ދިނީ ބީރުކަންފަތެކެވެ. އެ އެއްޗިއްސަކީ އަޑުނީވޭ އެއްވެސް ބާރެއް ނެތް އެއްޗިހި ތަކެކެވެ. މީހުން މޮޔަކަމުން ކަލާނގެއަކަށް ހަދައިގެން އުޅޭ އެއްޗިހި ތަކެކެވެ.

ރާއްޖެ އަހިސް އަހަރެން ފެލިވަރުގައި މަސައްކަތް ކުރަން ފެށީމެވެ. އެތަނުން އަހަރެންނަށް އަހަރެންގެ ބައިވެރިއާއާ ދިމާވިއެވެ. އޭނާ އަހަންނަށް މާމަލާމެލީގެ ރީތި ވަހުން ޒީނަތްތެރިވެފާވާ ބަގީޗާއެއް ފަދަ ދީނެއް ދައްކައިދިނެވެ. އެތައް ގުލްދަސްތާ ތަކަކުން ޖަރީ ކުރެވިފައިވާ ދީނެއް ދައްކައިދިނެވެ. އާނ. އަހަރެން އިސްލާމްވީއެވެ. ސަލާމަތުގެ އައްސޭރިއެއް އަހަންނަށް ދައްކައި ދިނީ އެ ހަޔާތުގެ ބައިވެރިޔާއެވެ.

އަހަރެން އޭނާ އާ ކައިވެނި ކުރީމެވެ. ނަމަވެސް އަހަންނަކީ ބުދު ދީނަށް އުޅެފައިވާ މީހަކަށް ވީތީ އެ އާއިލާ އެންމެ ފުރަތަމަ އަހަރެން ބަލައެއް ނުގަތެވެ.. އޭރު ދިވެހި ބަސް ވެސް އަހަންނަކަށް ނޭންގެއެވެ. ނަމަވެސް ދިވެހިން ތެރޭ އުޅެން މަސައްކަތް ކުރީމެވެ. ނަމަވެސް އަނެއްކާވެސް އެތައް ތަފާތު ކުރުމަކާ ކުރިމަތި ލާންޖެހުނެވެ.  އެގޭ ކުޑަކުދިންތައް އަހަރެންދެކެ އިންތިހާއަށް ލޯބިވެވެ. ފިރިމީހާ ވަޒީފާއަށް ދާއިރު އަހަރެން ދުވަހަކުވެސް އެކަނި ކޮށް ނުލައެވެ.

އޭރު ހިތަށް އަރާ މި އުޅޭ ސިކުނޑި ބޮޑު ޒުވާނުންނަށް ވުރެން ކުޑަ ކުދިންވެސް މާ ރަނގަޅެވެ. އެ ރަށުގެ މީޙުންވެސް އަހަންނަށް ބަލަނީ ވަރަށް ތަފާތު ނަޒަރަކުންނެވެ.ތަފާތު ކުރާތީ ފުރަތަމަ ވަރަށް ދެވަވިއެވެ. އަހަރެން އެމީޙުން އުޅޭގޮތަށް އުޅުމަށް ޤުރްއާން ކިޔަވައި ޓީޗަރެއްގެ ގާތަށް ގޮސް ޤުރްއާން ކިޔަވަން ފެށީމެވެ. އެ ދުވަސްކޮޅު އަހަރެންގެ ފުރަތަމަ ދަރިފުޅަށް އަހަރެން ބަލިވެ އިނެވެ.

އަހަންނަށް ލިބުނީ އަންހެން ދަރި އެކެވެ. ނަމަވެސް ފިރިމީހާ ބޭނުންވީ ފިރިހެން ދަރިއެއްކަމުން އެދަރިއަށް ލިބެންވާ އަޅާލުމެއް ނުލިބުނެވެ. އެ ކުއްޖާ އިންޑިއާގެ ހޮސްޓެލް އަކަށް ލާން އުޅުނެވެ. ނަމަވެސް އަހަރެން އެކަން މަނާ ކުރީމެވެ. މިއީ އަހަރެންގެ ފިރިމީހާގެ ކިބައިން އަހަންނަށް އަލަށް ފެނުނު ސިފައެކެވެ. އެކަމާ ވަރަށް ދެރަވެ ހިތާމަ ކުރީމެވެ. ނަމަވެސް ފަހުން ފިރިމީހާ އެކަމަށް މާފަށް އެދި އެފަދައިން ތަފާތު ނުކުރާނެ ކަމަށް ވައުދުވިއެވެ. އެ ދަރިފުޅު ބޮޑުވަމުން ދިޔައެވެ. ދެން ލިބުނީ ލޯބި ލޯބި ދެ ފިރެހެން ކުދިން. ފިރިމީހާ އެކުދިން ދެކެވެސް ވަރަށް ލޯބިވެއެވެ.

އަހަރެން އޭރު ހުރީ ދަރިންނާ އެކީ ރަށުގައެވެ. ފިރިމީހާ ހުރީ މާލޭގަ. ނަމަވެސް އެ ދަރިފުޅުގެ ކިޔެވުން ނިމެންދެން މަޑުކުރީމެވެ. އެ ދަރިފުޅުގެ ކިޔެވުމުގައިވެސް އެތައް ހާދިސާތަކަކާ ކުރިމަތިވިއެވެ. އެ ދަރިފުޅު އިސްލާމްދީނުގެ ކަންކަން ބޮޑަށް އުގެނި ޤުރުޢާން މުބާރާތްތަކުގައި ކިޔަވައި ވަނަތައް ޙާސިލް ކުރަންފެށިއެވެ. ހަމަ އެމަގުން އޭނާ ގެ ކޮއްކޮ މެން ވެސް ހިނގަން ފެށިއެވެ.

އަހަރެން އެކަމާ ވަރަށް އުފާވިއެވެ. ތަފާތު ގޮތް ގޮތުން އަހަރެންގެ ރަށު މީޙުން އަހަރެންގެ އެންމެ ބޮޑު ދަރިފުޅަށް ތަފާތު ކުރަމުން ގެންދިޔައެވެ. އިސްލާމް ދީނާ މެދު އެއްޗެއް ބުނެފިނަމަ ތިޔައީ ބުދަށް އަޅުކަންކުރި މީހަކު ތަރުބިއްޔަތު ކުރި ދަރިއެކޭ ބުނެ، ކަންތައްތައް ކުރާނީ އެދީނަށޭ ވެސް ބުނަމުންދިޔައެވެ. އެކަމާ އަހަރެން ވަރަށް ދެރަވެއެވެ. ނަމަވެސް ދުވަހަކުވެސް އެ ދަރިފުޅު މިއީ މަންމަގެ ސަބަބުން ވީކަމެކޭވެސް އިޙްސާސް ވިޔަކަ ނުދެއެވެ.

ކެތްތެރިކަމާއެކު އެ ތަފާތު ކުރުންތަކާ ކުރިމަތި ލައެވެ. އަހަރެން އެކަމާ ވަރަށް އުފާވެއެވެ. އެ ދަރިފުޅު ވެގެން ދިޔައީ އަހަރެން އެންމެ ބޭނުންވި ފަދަ ނަތީޖާ އެއް ހޯދި ދަރިއަކަށެވެ. މިއަދު ކިތަންމެ ބަޔަކު ތަފާތު ކުރިޔަސް އަހަންނަށް ރަނގަޅު ދިރިއުޅުމެއް ލިބިއްޖެއެވެ. އިންޑިއާގަ ހުރި ކޮއްކޮ ވެސް ރަށަށް ގެނައީމެވެ. ކޮއްކޮ ވެސް ރަށުން މީހަކާއިނެވެ. އަދި އިސްލާމް ދީން އުގެނެން ފެށިއެވެ. الحمد لله

އަހަރެންގެ މާމާ ވަރަށް ބޮޑަށް ބަލިވިއެވެ. ނަމަވެސް އޭރުވެސް މާމަ ގާތު ހުރީ އަހަންނާ ކޮއްކޮއެވެ. ދައްތަ އޭރު ވަރިވެ ދެވަނަ ކައިވެންޏެއް ކޮށްފިއެވެ. އަދި ދެ ދަރިން ފޮނުވާލިއެވެ. މިހާރު ދައްތަވެސް 3 ވަނަ ކުއްޖާއަށް ބަނޑުބޮޑެވެ. މާމަ ދުވަސްކޮޅެއްފަހުން ނިޔާވެއްޖެއެވެ. އެދުވަހު ވަރަސް ހިތާމަ ކުރީމެވެ. އަހަރެންނަށް އެފަދަ ބޮޑު އަޅާލުމެއް ދިން މީހާ ވަކިވީމައެވެ.

އެތައް އަހަރެ ފާއިތުވެ ދިޔަފަހުން އެއްދުވަހު މަންމަ އަހަރެންނަށް ގުޅިއެވެ. އަދި ޕޮލިހުން މަންމަ ވަގު ޕާސްޕޯޓާ އެކު ދަތުރުކުރަނިކޮށް ހިފެހެއްޓިވާހަކަ ބުންޏެވެ. އަހަރެން މަންމަ އެތަނުން ގެނައުމަށް ހުރިހާ މަސައްކަތެއް ކުރީމެވެ. ފިރިމީހާގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު މަންމަ އެތަނުން ސަލާމަތް ކޮށް އިންޑިއާއަށް ފޮނުވީމެވެ. މަންމަ އަހަންނާ ވަރަށް ވާހަކަ ދެއްކިއެވެ. އަހަރެން މަންމައަށް މާފު ކުރީމެވެ.

މިއަދު މިފަދަ އެތައް ތަފާތު ކުރުމަކާއެކުވެސް އަހަރެން މިހުރީ އުފަލުންނެވެ. އަހަރެންގެ ތިން ދަރިންކުރެ އެކަކީ ޑޮކްޓަރެކެވެ. އަނެއްދަރިޔަކީ ޤާރީއެކެވެ. ދެން ހުރި ދަރި ހުރީ ރާއްޖޭގައެވެ. އެއީ ސައިންޓިސްޓެކެވެ.  އަހަރެން ދެކެނީ މިއީ މިއަދު އެއްކަލަ ތަފާތު ކުރުންތަކަށް ކެތްތެރި ވުމުގެ ފޮނި މޭވާ ކަމުގައެވެ.

އަހަރެންނަކީ މިއަދު 3 ދަރިންގެ މަންމައެއް. ލޯބިވާ ފިރިއެއްގެ އަންބެކެވެ އެ ލޯބިވާ ދިރިއުޅުމުގެ ބައިވެރިއާ އާ އެކު މި ފުރިހަމަ ދީނުގެ އަލި ބައްތީގެ އަލިކަން އަހަރެންނާ ހަމައަށް އައުމަކީ މިއަދު އަހަރެންނަށް ލިބިފައިވާ އެންމެ ބޮޑު އުފަލެވެ. ދިރިއުޅުމުގައި އެތައްބަޔެއްގެ ތަފާތު ކުރުންތަކާއެކުވެސް މިއަދު އަހަރެންގެ ދިރިއުޅުން ބާއްޖަވެރިވެއްޖެއެވެ.

އަޅުގަނޑުގެ ދުއާއަކީ މިއަދު މީހުން މި ތަރައްޤީވެފައިވާ ދުނިޔެއާ އެއްވަރަށް އެމިހުންގެ ސިކުނޑިތަށް ތަރައްޤީވުމެވެ. ސްޓީރިއޯ ޓައިޕިންގ ނުވަތަ ތަފާތު ކުރުންތަށް ނައްތާލާ އެކަމުން މި ފަދަ ދަރިން ސަލާމަތްކުރުމެވެ. ހަމައެހެންމެ އެފަދަ ކުދިން ތިބިކަން ތިބޭފުޅުންނަށް އެނގޭނަމަ އަވަހަށް އެކަން ހުއްޓުވާ އެކަމަށް އެހީތެރިވެދިނުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.