“ކްރިސްޓްމަސް ޑޭ” – ހެނބަދުއަށް ޢީދެއްތަ؟

ފަހަކަށް އައިސް ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ ފަހުދުވަސްތަކަކީ ނ.ހެނބަދުއަށް ބޮޑު ދުވަސްތަކެކެވެ.

އެހެން ދުވަސްތަކާ ތަފާތު ދުވަސްތަކެކެވެ. ރާއްޖޭގެ މަޝްހޫރު ގުރޫޕްތައް ގެނެސްގެން ލަވަކިޔާ ޝޯވ ބާއްވާ ނާޗަރަންގީ ކުޅުމަކީ މިދުވަސްތަކަށް ޚާއްޞަ ކަންކަމެވެ. އަދި ރަށުގެ ހުރިހާ ރައްޔިތުންނަށް ކުކުޅާއި ބޮޑިބަތް ކާންދީ އެންމެންގެ އެކުވެރިކަން ދެމެހެއްޓުމުގެ ނަމުގައި ބަޔަކު މިދުވަސްވަރާ ދިމާކޮށް ވަރަށް ފޯރީގައި ހަރަކާތްތެރިވަމުން ދެއެވެ. ރަށުން ބޭރުން މީހަކު މިއަދު ރަށަށް އަރައިފިނަމަ ފުރަތަމަ ވެސް ހައިރާންވެ ހުރެ ކުރެވޭނެ ސުވާލަކީ “މިއީ ކޮން ކަމެއް ބާވައެވެ؟” މިސުވާލެވެ. އެހާވެސް އެދުވަހުގެ ފޯރި ރަށުތެރޭގައި ގަދަވެއެވެ.

އިޝްތިހާރު Below Header ad

ތެދެކެވެ. މިއީ ކޮންކަމެއް ބާވައެވެ؟

ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން ހެނބަދުއަކީ ވެސް އެއްއިރެއްގައި ބޮޑު ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށްޓަކައި ހަރަކާތްތަކެއް ހިންގުނު ރަށެކެވެ. އެހެން ރަށްރަށުގައި ވެސް ބާއްވާ “ބޮޑުޢީދު ޝޯވ” ހެނބަދޫގައި ވެސް އެއްއިރެއްގައި ވަރަށް ފޯރިއާއެކު ބޭއްވުނެވެ. ލަވަކިޔުމާއި ބޮޑުބެރު ޖެހުމާއި ތުއްތު ކުދިންގެ ނެށުމާއި ދެޖިންސުގެ “މަސްހުނި” ހަރަކާތްތައް ބޭއްވުނެވެ. ފިރިހެނުން އަންހެނުންގެ ހެދުން އަޅައިގެންނެވެ. އަންހެނުން ފިރިހެނުންގެ ހެދުން އަޅައިގެންނެވެ. ވަރަށް ފޯރިއާ ޖޯޝާއެކުއެވެ. އެއްވެސް ބިރުވެރިކަމެއް ކަންބޮޑުވުމެއް ނެތިއެވެ. މިއީ ދީނުގައި ކޮންކަހަލަ އަދި ކިހާވަރެއްގެ ކަމެއްކަން ވެސް ނޭނގިއެވެ.

މާތް ﷲގެ ރަޙްމަތާއެކު ދީނީގޮތުން ހެނބަދޫގެ ރައްޔިތުން ހޭލުންތެރިވެ “ރޯފިލާން” ފެށުމުން، މިކަންކަމާ ދުރުވާން ވަރަށް ގިނަ ރައްޔިތުން ބޭނުންވިއެވެ. ލަވަކިޔައި ނެށުމާއި މިޔުޒިކު ކުޅެ ދެޖިންސުގެ މިފަދަ ހަރަކާތްތައް ބޭއްވުމީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަން އެނގުމުންނެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރެއްގެ ބޮޑު ޢީދުގައި ބާއްވާ “ޢީދުއުފާ” ޝޯވ ބޭއްވުން 2007 ވަނަ އަހަރުގެ ޝޯވ އަށްފަހު ހުއްޓުމަކަށް އައެވެ. ހެނބަދޫ ޖޯޝް ޖަމުޢިއްޔާގެ ފަރާތުން ޝޯވ ނުބާއްވަން ނިންމުމާ ގުޅިގެންނެވެ. ޖެހިގެން އައި 2008 ވަނަ އަހަރު ހެނބަދޫއިން ބޮޑު ޢީދު ފާހަގަ ކުރީ ޝޯވ ނުބާއްވައެވެ. މިކަމާ އެއްބަޔަކު ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. ނަމަވެސް ޙަޤީޤަތަކީ ކުރިން ބޭއްވި ގޮތަށް ހެނބަދޫގައި ޝޯވ ބާއްވަން ގިނަ ބަޔަކު ބޭނުން ނުވާކަމެވެ.

ނަމަވެސް 2009 ވަނަ އަހަރު ރަށުގެ ޒުވާނުންކޮޅެއް އިސްނަގައިގެން އަނެއްކާ ވެސް ޝޯވ އެއް ބޭއްވިއެވެ. އެފަހަރުގެ ޝޯވ ދިޔައީ ވަރަށް “ވަނދު” ކޮންނެވެ. އެހެން އަހަރުތަކާ ގާތް ވެސް ނުކޮށްލެވުނެވެ. އޭގެފަހުން 2013 ވަނަ އަހަރާ ޖެހެންދެން ހެނބަދޫގައި އީދު ޝޯވ އޮތީ ވަރަށް ވެސް ކަމުދާ ގޮތަކަށެވެ. “ޝޯވ” އެއް ގޮތަކަށް ނޫނެވެ. މަދަހަ ކިޔުމާއި ތުއްތު ކުދިންގެ އެކި ހުނަރުތައް ދައްކާލުމުންނެވެ. ފިރިހެނުންނާއި ފިރިހެން ކުދިންގެ މަޖާ އިބުރަތްތެރި ސްޓޭޖް ޑްރާމާ ތަކުންނެވެ. ލަވަކިޔާ ބޮޑުބެރު ނުޖެހިޔަސް އެއަހަރުތަކުގެ ޢީދު ވެސް ވަރަށް އުފާވެރިއެވެ. ހަމަ އެހާ މަޖަލެވެ.

މިހިސާބުން ލިޔުމުގެ އަސްލު މަޤްޞަދަށް އެނބުރިލަމާ ހެއްޔެވެ. “މިއީ ކޮންކަމެއްތޯ؟” ބަލާލަމާހެއްޔެވެ. 2013 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހާ ދިމާކޮށް ރާއްޖޭގެ މަޝްހޫރު ރިސޯޓު އޯނަރެއް ހެނބަދުއަށް ޒިޔާރަތް ކުރެއްވިއެވެ. އަރިހުގައި ސަރުކާރުގެ ބައެއް ވަޒީރުން ދުރުވިއެވެ. އަދި ނަށާނެ ކުދިންކޮޅެއް ވެސް އައެވެ. މަޝްހޫރު ކުރެއްދޫ މިޔުޒިކް ގުރޫޕްގެ ކުދިންނެވެ. އެހިސާބުން އަނެއްކާވެސް ވަޅުޖެހިފައި އޮތް ޝޯވް އުފަންވިކަހަލައެވެ. ނަމަވެސް ޢީދު ޝޯވ އެއް ނޫނެވެ. މުޅިން ތަފާތު ދުވަހަކުއެވެ. ޑިސެމްބަރ މަހުގެ ފަހު ދުވަސްކޮޅާ ދިމާކޮށް ބާއްވާ ޝޯވ އެކެވެ. ވޭތުވެދިޔަ 3 އަހަރުވެސް އެމަހުގެ 24 ނުވަތަ 25 ނުވަތަ 26 ވަނަ ދުވަހު ހެނބަދޫގައި އެ ޝޯވ އޮވެއެވެ. މިއަހަރުގެ ޝޯވ އޮތީ ޑިސެމްބަރ 24 ވަނަ ދުވަހުއެވެ. އާދެ! އެންމެން ވެސް ދަންނަ “ކުރިސްޓްމަސް ޑޭ” ކޮންމެވެސް ސިފައެއްގައި ފާހަގަ ކުރުން އެއީ އެއް ސަބަބު ކަމަށް ވެދާނެއެވެ. އެހެން ނޫންނަމަ ހަމަ މިދުވަސްތަކާ ދިމާކޮށް ޝޯވ ބޭއްވުމުގެ މާނައެއް ނެތެވެ. ރަށުގެ ގިނަ ބަޔަކު އެކަމުގެ ތެރޭގައި ހަރަކާތްތެރި ވެއެވެ. ބައެއް ފަރާތްތަކުން ހަމަ މަޖާކޮށްލުމަށެވެ. އަނެއް ބައިފަރާތްތަކުން ވަޒީފާ ގެއްލިދާނެތީއެވެ. އަނެއް ބަޔަކު މަޖުބޫރުވެގެންނެވެ. އެހެން ގޮތެއް ނެތިގެންނެވެ. އެކަންކަމާހެދި އަނބިދަރިން ވެސް ކޮންމެހެން ޝޯވއަށް ގެންދަން ޖެހެއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

ކޮންމެ އަހަރަކު ވެސް ޝޯވ ބާއްވަނީ ހެނބަދޫ ސުކޫލުގެ މައި ހޯލުގައެވެ. ފުރަތަމަ އަހަރު ސުކޫލު ހޯދީ ސުކޫލަށް ޒުވާނުންތަކެއް ގަދަކަމުން ވަދެގަނެގެންނެވެ. ޝޯވ ބޭއްވުމަށް ސުކޫލުގެ ހުއްދައެއް ވެސް ނެތިއެވެ. ކަންވީ ގޮތަކީ މިއީއެވެ. އޭރު ސުކޫލުގެ އިސް ވެރިޔާ ޝޯވް ބާއްވަން ސުކޫލު ދިނުމަށް ބޭނުން ނުވީއެވެ. އަދި އިސްލާމިކް މިނިސްޓްރީން ވެސް އެފަދަ ކަންކަމަށް ސުކޫލުން އެއްބާރުލުން ދޭން ނުޖެހޭނެކަމަށް ލަފާދެއްވިއެވެ. މިހިސާބުން މިކަން އިންތިޒާމް ކުރާ ފަރާތްތަކުން، ހެނބަދޫ ޕީޕީއެމް ގޮފީގެ ނަމުގައި ސުކޫލުގައި ޖަލްސާއެއް ބޭއްވުމަށް، ސުކޫލު ބޭނުންވާކަމަށް އެދި އެޑިޔުކޭޝަން މިނިސްޓްރީއަށް ސިޓީއެއް ފޮނުވިއެވެ. ހެއްވާކަމަކީ ޕީޕީއެމްގެ ގޮތްޕެއް ހެނބަދޫގައި ނުވެސް ނެތްކަމެވެ. އެފަހަރު ސުކޫލުގެ ފަރާތުން އާ ބަސް ބުނަން ޖެހުނީ އެޑިޔުކޭޝަން މިނިސްޓްރީގެ އިސް ފަރާތްތަކުން ހުއްދަ ދިނުމަށް އެދިގެންނެވެ. ސުކޫލުން އެފަހަރު ހުއްދަ ދިނީ ހަމައެކަނި ޖަލްސާ ބޭއްވުމަށެވެ. ޝޯވ ނުބޭއްވުމަށް ޝަރުތުކޮށްފައެވެ. ނަމަވެސް ކަންވީ މުޅިން ދިމާ އިދިކޮޅަށެވެ. ޖަލްސާ ބޭއްވުމުގެ ނަމުގައި ސުކޫލަށް މަކަރާ ހީލަތުން ވަދެ ބޭއްވީ މިޔުޒިކް ޝޯވއެކެވެ. ކަންވަމުންދާ ގޮތް މިނިސްޓްރީއަށް ދެންނެވުމުން މިނިސްޓްރީގެ ޖަވާބަކަށްވީ ހުއްދަދިނީ ޖަލްސާ ބާއްވަން ކަމަށެވެ. މިހާރު ވަދެގެން ތިއުޅެނީ ކޮންމެސް އެހެން ގޮތަކުން ވަދެގެން އުޅޭ ބަޔެއްކަމެވެ.

މިއަހަރު ކަންވީ ގޮތަށް ބަލާލަމާހެއްޔެވެ. ހެނބަދޫ ކައުންސިލުގެ ބޭނުމަކަށް ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ސުކޫލު ވަނީ ހިފާފައެވެ. މިކަން އެނގުމާއެކު ސުކޫލު ހޯދަން އެކި ގޮތްގޮތަށް އުޅެންފެށިއެވެ. ހީވީ ގަޔަށް ރަތްހިނި އަރައިގެން އުޅުން ހެންނެވެ. މިބައިމީހުން ރަށުކައުންސިލާއި ސުކޫލާ ވާހަކަ ދައްކައިގެން ވެސް މިކަމުގައި އަލިމަގެއް ނުފެނުމުން ދެން ދުއްވައިގަތީ ސީދާ އެޑިޔުކޭޝަން މިނިސްޓްރީއަށެވެ. މިނިސްޓްރީން ވެސް ފުރަތަމަ މަސައްކަތްކުރީ ރަށުކައުންސިލާ ވާހަކަ ދައްކައިގެން ޑިސެމްބަރ މަހުގެ 24ވަނަ ދުވަސް ޝޯވް ބޭއްވުމަށް އެފަރާތްތަކަށް ހޯދަދޭށެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އެންމެފަހުން ކައުންސިލަށް އެންގީ ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހުގެ ބަދަލުގައި ކައުންސިލަށް އެހެން ދުވަހެއް ހަމަޖެއްސިކަމަށެވެ. 24 ވަނަ ދުވަސް ޝޯވ ބާއްވާ ފަރާތްތަކަށް ދިނީއެވެ.

ކަންހުރި ގޮތަކީ މިއީއެވެ. ބަޔަކު ޝޯވ ބާއްވަން ކިތަންމެ ބޭނުން ނުވިޔަސް ގަދަ ބާރުން ވެސް އެކަން ކުރަނީއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންނެވެ. އާރާއި ބާރު ނަހަމަ ގޮތުގައި ބޭނުން ކޮށްގެންނެވެ. ޙަޤީޤަތަކީ، މިފަދަ ޝޯވ ބޭއްވުމަކީ ހެނބަދޫގެ ގިނަ ބަޔަކު ކުރަން ބޭނުން ނުވާކަމެވެ. މިކަން ކުރެވެނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުން އައިސްގެން ކަމެވެ. ގަދަ ބާރުން އަޑިއަޑިން ކަންކަން ނިންމައިގެން ކަމެވެ. މިއީ ހިތާމަހުރި ކަމެކެވެ. ކާން ބޭނުން ނުވިޔަސް ކަރުތެރެއަށް ގަދަކަމުން ވެސް ލަވަނީއެވެ. ހަށިގަނޑުގެ ތެރެއަށް ދިޔުމުން އެތަކެތީގެ ރާޙަތް ކޮންމެ ވެސް ވަރަކަށް ކުރާނެތާއެވެ. އެ ރާޙަތުގެ އަސަރު ތިމާގެ އީމާންކަމަށް އެކި ސިފަސިފައިގައި ފޯރާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 4 ޚިޔާލު ލިބިފައިވޭ

ޚިޔާލަށް ރައްދުދެއެްވާ KOli ރައްދު ކެންސަލްކުރޭ!


ޚިޔާލުތައް:

  1. ގައިމު ވަރަށް ފަހުން ނޫހަކުން ދުށިން ހެނބަދޫ މީހުންގެ އަޚްލާޤު ރަނގަޅުކަމުގެ ވާހަކަ،،، ލަދުރަކި ކަމުގެ ވާހަކަ… ތީތޯ ލަދުރަކި ވުމަކީ.. “ވަޤުތު” ނޫސް ހެން ހީވަނީ… ތިކަމުގަ އުޅޭ މީހުންނަށް ހެޔޮ ވިސްނުން ދެއްވާންދޭވެ.

    އާމީން

  2. ވަރަށް ހިތާމަހުރި ކަމެއް.މިކަންކަން ހުއްަޓުވުމުގެ ބަދަލުގައި މިފަދަކަނަކަމަށް ތާޢީދުކުރުމަކީ މިކަން ހުއްޓުވުމަށް އޮތް އެންމެ ބޮަޑު ހުރަސް. ﷲ އެކަމުގައި އުޅޭ ފަރާތްތަކަަށް ހިދާޔަތްދައްކަވާށި. އާމީން

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.