ރޭއަޅުކަން ކުރުމާއި އެއްވަރަށް ދަރަޖަ ލިބެނިވި ޢަމަލުތައް

ޑރ. މުޙައްމަދު ޢިޔާޟު އަބްދުއްލަޠީފު

  1. ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި އަދާކުރުން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ صَلَّى الْعِشَاءَ فِيْ جَمَاعَةٍ فَكَأَنمَّاَ قَامَ نِصْفُ اللَّيْلِ وَمَنْ صَلَّى الصُّبْحَ فِيْ جَمَاَعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ) ރަވާހު އަބޫދާވޫދް. މާނައަކީ: ”ޢިޝާނަމާދު ޖަމާޢަތުގައި އަދާކޮށްފިމީހާ ރޭގަޑުގެ ދެބައިކުޅައެއްބައިގައި އަޅުކަން ކުރި ފަދައެވެ. ފަތިސްނަމާދު ޖަމާޢަތުގައި އަދާކޮށްފިމީހާ މުޅި ރޭގަޑު އެއްކޮށް އަޅުކަން ކުރި ފަދައެވެ“.

ވީމާ، ޖަމާޢަތުގައި ނަމާދު ގާއިމު ކުރުމަށް ސަމާލުކަން ބަހައްޓަންވާނެއެވެ. ޚާއްޞަ ގޮތެއްގައި ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި އަދާ ކުރުމަށެވެ.

  1. މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކްޢަތް ކުރުން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާވެގެން ވެއެވެ. ”މެންދުރު ނަމާދުގެ ކުރިން ކުރެވޭ ހަތަރު ރަކްޢަތަކީ ދަމު ނަމާދާއި އެއްފަދަ އެއްޗެކެވެ.“ ޞަޙީޙުލް ޖާމިޢު.
  2. ރޭގަނޑު ސަތޭކަ އާޔަތް ކިޔެވުން. މާތް ﷲ ރުއްސުންލެއްވި ތަމީމުއްދާރީގެ ފަރާތުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ރޭގަނޑު ސަތޭކަ އާޔަތް ކިޔަވައިފި މީހާ އެރޭ ރޭއަޅުކަން ކުރި ކަމުގެ ދަރުމަ ލިޔުއްވާނެއެވެ.“ ރަވާހުއް ތިރްމިޛީ.
  3. ރޭގަނޑު ބަގަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔެވުން. މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ރޭގަނޑުގެ ވަގުތެއްގައި ބަގަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔަވައިފިމީހަކަށް އެކަން ފުދިގެންވެއެވެ.“ ރަވާހުލް ބުޚާރީ.

މި ޙަދީޘްގެ މާނަ ކުރައްވަމުން އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”ފުދިގެންވެއެވެ“ އޮތް ބަހުގެ މުރާދަކީ އެރޭއަޅުކަން ކުރުމުން ފުދިގެންވާ ވާހަކަ އެވެ.

އަދިވެސް މިބަހުގެ މުރާދުކަމުގައި ބުނެވިގެންވެއެވެ. ”އެމީހަކަށް ޝައިޠާނާގެ ކިބައިން ސަލާމަތް ވުމަށް ފުދިގެންވެއެވެ.“

އަދިވެސް މިބަހުގެ މުރާދު ކަމުގައި ބުނެވިގެންވެއެވެ. ”ހުރިހާ އާފަތްތަކުން ސަލާމަތް ވުމަށް ފުދިގެން ވެއެވެ.“

އަދިވެސް މިބަހުގެ މުރާދު ކަމުގައި ބުނެވިގެންވެއެވެ. ”މިހުރިހާ ކަމަކުން ސަލާމަތް ވުމަށް ފުދިގެންވެއެވެ.“ ކޮންމެއަކަސް މިދެއާޔަތަކީ ގިނަ ބަޔަކު ހިތުން ދަސް ދެއާޔަތެވެ. ވީމާ، އުނދަގޫ ކަމެއް ނެތި ކޮންމެ ރެއަކު ކިޔެވިދާނެ ދެއާޔަތެވެ.

  1. ރިވެތި އަޚްލާގް. މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަން ކަމަނާ އަޑު އެއްސެވީމެވެ. ”މުއިމަނަކު އޭނާގެ ކިބައިގާވާ ރިވެތި އަޚްލާގުގެ ސަބަބުން ރޭއަޅުކަން ކުރާ އަދި ދުވާލު ރޯދަ އަށް ހުންނަ މީހެއްގެ ދަރަޖައަށް އުފުއްލިގެން ދެއެވެ.“ ޞައްޙަހޫ އަލްއަލްބާނީ ރަޙިމަހުﷲ.
  2. ހުވަފެން އަންހެނުންނާއި މިސްކީނުންނަށް އެހީތެރިވުމުގައި އުޅުން. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ހުވަފެން އަންހެނުންނާއި މިސްކީނުންނަށް ޚިދުމަތް ކުރުމުގައި އުޅޭ މީހުންނަކީ ﷲ ގެ މަގުގައި ޖިހާދު ކުރާ، ނުވަތަ ރޭއަޅުކަން ކުރާ، ނުވަތަ ދުވާލު ރޯދަ އަށް ހުންނަ މީހާ ފަދައެވެ.“ ރަވާހުލް ބުޚާރީ.
  3. ނިދުމުގެ ކުރިން ރޭއަޅުކަން ކުރުމަށް ނިޔަތްގަތުން. މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ރޭއަޅުކަން ކުރުމުގެ ނިޔަތުގައި ނިދާ، ނިދިގަދަވެގެން ދަމު ނަމާދަށް ހޭނުލެވިއްޖެނަމަ، އޭނާ ނިޔަތްގަން ކަންތައް ކުރި މީހެއް ފަދައިން ލިޔުއްވޭނެތެވެ. އޭނާގެ ނިންޖަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ފަރާތުން އޭނާ އަށް ދެއްވި ޞަދަގާތެކެވެ.“ ރަވާހުއް ނަސާއީ ވައިބްނު މާޖާ. ވަޞައްޙަހޫ އަލްބާނީ ރަޙިމަހުﷲ.
  4. ރޭއަޅުކަން ކުރުމާއި އެއްފަދަ ޖަޒާ ލިބެނިވި ޢަމަލުތައް އެހެން މީހަކަށް ދަސްކޮށް ދިނުން. މިފަދަ ހެޔޮ ޢަމަލުތައް އެހެން މީހަކަށް ދަސްކޮށްދިނުމަކީ ތިބާ އަށް ރޭއަޅުކަން ކުރާ މީހާ އަށް ލިބޭ ދަރުމަ ލިބޭނޭ ކަމެކެވެ. އެހެނީ ހެޔޮކަމަކަށް މަގު ދައްކައިފިމީހާ އެކަން ކުރި މީހެއްފަދަ ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

ވީމާ، މިމަޢްލޫމާތު ވީހާވެސް ގިނަބަޔަކަށް ފޯރުކޮށްދެއްވާށެވެ.

2 Comments on "ރޭއަޅުކަން ކުރުމާއި އެއްވަރަށް ދަރަޖަ ލިބެނިވި ޢަމަލުތައް
ޑރ. މުޙައްމަދު ޢިޔާޟު އަބްދުއްލަޠީފު
"

  1. މުޙައްމަދު | ޑިސެމްބަރ 20, 2016 at 11:56 | Reply

    މާޝާ ﷲ! މިފަދަ ފުރިހަމަ މަޢުލޫމާތެއްދެއްވީތީ ވަރަށްބޮޑަށް ޝުކުރިޔާ

  2. ހުވަފެން. ތަ ނޫނީ ހުވަފަތް އަންހެނުންތަ؟

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.


*