ޟުޙާ ނަމާދު

ޟުޙާ ނަމާދަކީ އެނަމާދު ކޮންމެ ދުވަހަކުވެސް ކުރުމަށް އާދަކޮށްފި މީހަކަށް ނުހަނު ގިނަ ފައިދާތަކެއް ލިބެނިވި މަތިވެރި ސުންނަތެކެވެ. އެނަމާދުގެ ސަބަބުން އޭނާގެ ރޫހާނިއްޔަތުގެ ގަހަށް ފެންލިބި އާރޯކަމާއި ތާޒާކަން ލިބިގެންދެއެވެ. ހަޔާތުގެ ހިތްހަމަޖެހުމާއި، އުފާވެރިކަން އިތުރުކޮށްދީ އަމިއްލަ ނަފްސުގެ އިތުބާރަށް ދިރުންްލިބިގެންދެއެވެ. މި ލިޔުމުގައި ޟުޙާ ނަމާދުގެ މަތިވެރިކަމާއި،  ދަރުމައާއި އެނާމާދު ފުރިހަމަގޮތުގައި އަދާކުރާނޭގޮތާއި، ރަކުޢަތުގެ ޢަދަދާއި އަދި އެނޫންވެސް ބައެއްްމުހިންމު މަޢުލޫމާތު ހުށަހަޅާދެވޭތޯ ބަލާފައިވާނެއެވެ.

ޟުޙާ ނަމާދުގެ ތަޢާރުފް

ބަހުގެ ޢާންމު މާނައަށް ބަލާނަމަ ޟުހާ އަކީ އިރު އަރާވަގުތެވެ. އެހެންްނަމަވެސް އިބާދާތުގެ ގޮތުން ބަލާނަމަ ޟުޙާނަމާދަކީ އިރު އެރުމާއި، މެންދުރު ނަމާދުގެ ވަޤުތާއި ދެމެދު މާތް نبي صلى الله عليه وسلم އެ ނަމާދެއް ކުރައްވާ އަދި އެކަލޭގެފާނުގެ ސަހާބީންނަށް އެ ނަމާދެއް ކުރުމަށް ނަޞޭޙަތްތެރިވެ ވަޑައިގެންނެވި ނަމާދެކެވެ.

ޞުޙާ ނަމާދުގެ ޝަޜުޢުއަކީ ސުއްނަތް މުއައްކަދާ ނުވަތަ ސާބިތު ސުންނަތެކެވެ. އެއީ އެ ނަމާދެއް ކުރުމުން ނުހަނު ގިނަގުނަ ދަރުމައާއި ޘަވާބުލިބެނިވި އެހެންނަމަވެސް ނުކޮށް ދޫކޮށްލުމުން ފާފަވެރި ނުވާ ނަމާދެކެވެ.

ޟުޙާ ނަމާދުގެ ޞަފަތައް

ޟުޙާ ނަމާދު ނުވަތަ صلاة الأوابين (ގިނަގިނައިން ތަޢުބާވާމީހުންގެ ނަމާދު) އަކީ އެހެނިހެން ސުންނަތް ނަމާދުތައް ފަދައިން ދެ ރަކްޢަތް ކުރުމަށްފަހު ކަނާތަށާއި ވާތަށް ސަލާމް ދިނުމަކުން ނިންމާލާ ނަމާދެކެވެ. ދެ ރަކްޢަތަށް ވުރެ ގިނައިން ކުރަން ބޭނުންވާނަމަ އެއަށް ވުރެ ގިނައިންވެސް ކުރެވިދާނެއެވެ. އެހެެންނަމަވެސް އެހެނިހެން ސުންނަތް ނަމާދުތައް ފަދައިން ޟުޙާ ނަމާދުވެސް ކުރާނީ ދެ ރަކްޢަތުން ދެ ރަކްޢަތުންނެވެ.

رسول صلى الله عليه وسلم حديث ކުރައްވާފައިވާ ”صلاة الليل والنهار مثنى مثنى“ ( رواه الترمذي 597 ، و أبو داود (1295)، و النسائي 1666) وابد ماجه (1322) و صححه الشيخ الألباني في “ تمام المنّة“ ص 240 .

މާނައީ ”ދުވާލާއި، ރޭގަނޑުގެ ސުންނަތް ނަމާދުވަނީ ދެ ރަކްޢަތް ދެ ރަކްޢަތުންނެވެ.“ ދެ ރަކްޢަތް ދެ ރަކްއަތުންނޭ އޮތް ބަސްފުޅުގެ މުރާދުގައި އިބްނު ޢުމަރު ( رضي الله عنه) ވިދާޅުވެފައިވެއެވެ. ”އެއީ ކޮންމެ ދެ ރަކްޢަތަކަށްފަހު ސަލާމްދިނުމެވެ“ (މުސްލިމް)

ޟުޙާ ނަމާދުގެ ވަޤުތު

އިސްވެދެންނެވުނު ފަދައިން ޟުޙާނަމާދުގެ ވަޤުތަކީ އިރު ފުރިހަމައަށް އެރުމާއި ހިސާބުންފެށިގެން ގޮސް މެންދުރު ނަމާދުވަޤުތު ވުމުގެ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓަށް ވުމުގެ ކުރިއެވެ. ޟުޙާ ނަމާދުކުރުމަށް އެންމެ އެދެވިގެންވާ ވަޤުތަކީ ދުވަހުގެ އެންމެ ހޫނުގަދަ ވަޤުތެވެ. އެއީ އިރު އޭގެ އެންމެ އުހަށް އަރާވަގުތެވެ، ނުވަތަ އިރު އެރުމާއި މެންދުރު ވަގުތާ ދެމެދުގެ ވަޤުތެވެ.

رسول صلى الله عليه وسلم حديث صلاة الأوابين حين ترمض الفصال ކުރެއްވިއެވެ.

މާނައީ. ”ތަޢުބާވާ މީޙުންގެ ނަމާދުގެ ވަގުތަކީ ހުއިހެއްޕުމަށް ނުކުމެ އުޅޭ ޖަމަލުތަކަށް އިރުގެ ހޫނު އިޙްސާސްވާން ފަށާވަގުތެވެ.“ (ޞަޙީޙް މުސްލިމް 748)

ޟުހާ ނަމާދުގެ މާތްކަމާއި، އަޖުރުގެ މަތިވެރިކަން

ޟުހާނަމާދަކީ ތިބާގެން ހަށިގަނޑުގެ ކޮންމެ ހުޅަކަށްވާ ޞަދަޤާތެކެވެ.

رسول صلى الله عليه وسلم حديث ކުރެއްވިއެވެ.

(يُصْبِحُ عَلَى كُلِّ سُلَامَى مِنْ أَحَدِكُمْ صَدَقَةٌ ، فَكُلُّ تَسْبِيحَةٍ صَدَقَةٌ ، وَكُلُّ تَحْمِيدَةٍ صَدَقَةٌ ، وَكُلُّ تَهْلِيلَةٍ صَدَقَةٌ ، وَكُلُّ تَكْبِيرَةٍ صَدَقَةٌ وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ ، وَنَهْيٌ عَنْ الْمُنْكَرِ صَدَقَةٌ ، وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنْ الضُّحَى) މާނައަކީ: ”އިންސާނާގެ ކޮންމެ ހުޅަކަށް ކޮންމެ ދުވަހަކުވެސް ޞަދަގާތެއްވެއެވެ. (ބުނެވޭ ގޮތުގައި އިންސާނާގެ 360 ހުޅު ހުރެއެވެ. އެއިން ކޮންމެ ހުޅަކަށް ޞަދަގާތެއްވެއެވެ، އެހެންކަމުން، ކޮންމެ އިންސާނެއްގެ މައްޗަށް ދުވާލަކަށް 360 ޞަދަގާތް ވާޖިބުވެފައި އޮވެއެވެ)، ކޮންމެ ތަސްބީޙަ (ސުބްޙާނަﷲ ކިޔުން) އަކީ ޞަދަގާތެކެވެ. ކޮންމެ ތަޙްމީދަކީ (އަލްޙަމްދު لله ކިޔުން) އެއީ ޞަދަގާތެކެވެ. ކޮންމެ ތަހްލިލަކީ (لا إله إلا الله) ޞަދަގާތެކެވެ. ކޮންމެ ތަކްބީރަކީ (الله أكبر ކިޔުން) އަކީ ޞަދަގާތެކެވެ. ހެޔޮކަންތަކަށް އަމުރު ކުރުމަކީ ޞަދަގާތެކެވެ. ނުބައިކަންތައް ނަހީ ކުރުމަކީ ޞަދަގާތެކެވެ. ޟުޙާ ނަމާދުގެ ދެރަކްޢަތް ކުރުމުން މިހުރިހާ ކަމެއް ފުދިގެން ދެއެވެ“. “ (ޞަހީޙް މުސްލިމް 720)

މި ހަދީޘް ބަސްފުޅުން ޟުޙާ ނަމާދުގެ މަތިވެރިކަން ހާމަކޮށްދެއެވެ. އަދި އެއީ ހަށިގަނޑުގެ ކޮންމެ ހުޅަކަށްވާ ޞަދަގާތެއްކަމުގައި ދަލީލުކޮށްދެއެވެ. އަދި ﷲ އަށް ޓަކައި ވެވޭ އިޚްލާސްތެރި ޝުކުރުވެރިވުމެއްކަމުގައި ދޭހަކޮށްދެއެވެ.

އެއީ ގިނަ ގިނައިން ތަޢުބާވާ މީހުންގެ ނަމާދެވެ.

رسول صلى الله عليه وسلم حديث ކުރެއްވިއެވެ.

(لَا يُحَافِظُ عَلَى صَلَاةِ الضُّحَى إِلَّا أَوَّابٌ، وَهِيَ صَلَاةُ الْأَوَّابِيْنَ) މާނައަކީ: ”އައްވާބަކު (ގިނަގިނައިން ތައުބާވާމީހާ) މެނުވީ ޟުޙާ ނަމާދަށް ރައްކާތެރި ނުވާނެއެވެ. އެއީ ގިނަގިނައިން ތައުބާވާމީހުން ގެ ނަމާދެވެ“. ސަހީޙް އައްތަރްޤީބް ވައްތަރްހީބު (1/164))

ޟުޙާ ނަމާދަށް صَلَاةُ الْأَوَّابِيْنَ ގެ ނަން ދެވިފައިވަނީ އިސްވެދެންނެވުނު حديث ފުޅުގެ ސަބަބުންނެވެ. އެ حديث ން ދޭހަކޮށްދޭގޮތުގައި ފުރިހަމަ ތަޢުބާ ވުމަކީ ހަމައެކަނި ބޮޑެތި ފާފަތަކުން ދުރިހެލިވުމެއްނޫނެވެ، އަދި ކިއެއްތަ ގިނަ ގިނައިން ސުންނަތްް އަޅުކަންތައް ކުރުމުގައި ދެމިހުރުމަކީވެސް ތަޢުބާވުމުގެ ސިފަތަކުގެތެރެއިންވާ ކަމެކެވެ.

ޟުޙާ ނަމާދުކުރުމަށް ހުދު ރަސޫލުﷲ ނަސޭހަތްތެރިވެވަޑައިގެންފައިވެއެވެ.

(عن أبي هريرة رضي الله عنه قال  :أَوْصَانِي خَلِيلِي بِثَلَاثٍ لا أَدَعُهُنَّ حَتَّى أَمُوتَ : صَوْمِ ثَلاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ ، وَصَلاةِ الضُّحَى ، وَنَوْمٍ عَلَى وِتْرٍ) މާނައަކީ: “ އަބޫހުރައިރަތު رضل الله عنه ގެ ކިބައިން ރިވާ ވެގެންވެއެވެ. ތިމަންކަލޭގެ ފާނުގެ ޚަލީލު (ގާތް ރަޙްމަތްތެރިޔާ) ތިމަންކަލޭގެފާނު އަވަހާރަވުމަށް ދާންދެން ތިންކަމެއް ދޫނުކޮށް ހިފެހެއްޓުމަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހަކު ތިން ދުވަހު ރޯދަހިފުމަށާއި، ޟުޙާ ނަމާދު ކުރުމަށާއި، ވިތުރިމަތީގައި ނިދުމަށެވެ“. (ޞަހީޙް އަލް ބުޚާރީ 1981)

އިމާމް އަލް ޤުރްތުބީ ( رضي الله عنه) ވިދާޅުވިއެވެ. ”އަބޫ ހުރައިރާ ( رضي الله عنه) އާއި އަބުއްދަރްދާ ( رضي الله عنه) އަށް ރ رسول صلى الله عليه وسلم ދެއްވި ނަޞޭހަތްޕުޅުން ޟުޙާނަމާދުގެ މަތިވެރިކަމާއި، އޭގެ ދަރުމައާއި ސަވާބުގެ ބޮޑުކަން ހާމަކޮށްދެއެވެ. އެހެންކަމުން އެދެބޭކަލުންވެސް އެކަމުގެ މައްޗަށް ރައްކާތެރިވެވަޑައިގެންނެވިއެވެ. އެދި އެނަމާދުކުރުން ދޫކޮށްނުލައްވަވައެވެ. (އަލް ޤުރްތުބީ، އަލް މުފްހިމް ލިމާ އުޝްކިލަ މިން ތަލްޚިސް ކިތާބު މުސްލިމް)

ބައެއް ހާލަތްތަކުގައި، ޟުހާ ނަމާދުގެ އަޖުރު ފުރިހަމަ ހައްޖަކާއި އުމްރާއަކާއި އެއްފަދަވެގެންވެއެވެ.

رسول صلى الله عليه وسلم جديث ކުރެއްވިއެވެ.

(مَنْ صَلَّى الْغَدَاةَ فِي جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ ثُمَّ صَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ , تَامَّةٍ تَامَّةٍ تَامَّةٍ ) رواه الترمذي (586).

މާނަޢީ: މީހަކު ފަތިސްނަމާދުކޮށް އިރު އަރައްޖައުމަށްދާންދެން، ނަމާދުކުރިތަނެއްގައި ﷲ ހަނދުމަކޮށް ޒިކުރުކުރުމަށް އިރުއަރައްޖައުމަށް ދާންދެން މަޑުކޮށް ދެން ދެ ރަކްޢަތް ފުރިހަމަކޮށްފިމީހަކަށް ފުރިހަމަ ހައްޖަކާއި ޢުމްރާއެއްގެ ސަވާބު ލިބޭހުއްޓެވެ. އަދި ފުރިހަމަ އެބަސް ތިން ފަހަރު ތަކުރާރުކުރެއްވެވިއެވެ.

ފާފަ ފުއްސެވުމުގެ ސަބަބެއް

رسول صلى الله عليه وسلم جديث ކުރެއްވިއެވެ. مَن حافَظَ عَلَى شُفْعَةِ الضُّحَى ، غُفِرَتْ ذُنُوبُهُ وإن كانَتْ أكْثَر من زَبَدِ البَحْرِ

މާނައީ: އަބޫ ހުރައިރަތު ( رضي الله عنه) ގެ އަރިހުން ރިވާވެގެންވެއެވެ. رسول صلى الله عليه وسلم جديث ކުރެއްވިއެވެ. ”ކޮންމެ ދުވަހަކުމެ ޟުހާ ނަމާދު ކުރުންމަތީ ދެމިހުންނަ މީހެއްގެ ފާފަތައް މާތްﷲ ފުއްސަވާދެއްވައެވެ. އެއީ ކަނޑުގެ ރާޅުތަކުގައިވާ ފޮނުތަކަށްވުރެ އެ ފާފަތައް ގިނަނަމަވެސްމެއެވެ.“ (އައް ތިރްމިޒީ (476) އަދި އިބްނު މާޖާ (1382) މިއީ ބައެއް ޢިލްމުވެރިން ޟޮޢީފް ކަމަށް ވިދާޅުވެފައިވާ ހަދީޘްފުޅެކެވެ. ނަމަވެސް ތަފާތު ރިވާޔަތްތަކުން އެއީ ޞައްހަ ހަދީޘްފުޅެއްކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.)

ޟުހާ ނަމާދުގެ ރަކްޢަތުގެ ޢަދަދު

ޟުހާ ނަމާދުގެ އެންމެ މަދުމިނަކީ ދެ ރަކްޢަތެވެ. އަދި ރަކްޢަތުގެ ގިނަ މިނާއިމެދު ވަކިމިނެއް ކަނޑައެޅިގެން ބާޔާންވެފައިނުވިނަމަވެސް އެކަމުގައި އެކި ޢިލްމުވެރިން ތަފާތު ރަޢުޔުތައް ފާޅުކުރައްވާފައިވެއެވެ. އޭގެތެރެއިން އެންމެ މައިގަނޑު 3 ރަޢުޔަކީ:

ފުރަތަމަ ރަޢުޔު: ޟުހާނަމާދުގެ ރަކްޢަތުގެ އެންމެ ގިނަމިނީ 8 ރަކްޢަތްކަމުގައި ބަޔާންވެގެންވާ ރަޢުޔު:

މިއީ މާލިކީ މަޒްހަބާއި ހަންބަލީ މަޒްހަބުގެ ރަޢުޔެވެ. އެ ދެ މަޒްހަބްގައި އެގޮތަށް ކަނޑައަޅާފައިވަނީ އަންނިވި ރިވާޔަތުގެ މައްޗަށް ބުރަވެއެވެ. ”އުންމު ހާނީ ބިންތި އަބޫ ޠާލިބުގެ އަރިހުން ރިވާވެގެންވެއެވެ. މައްކާ ފަތަހަކުރެވުނުދުވަހު رسول صلى الله عليه وسلم ޟުޙާނަމާދުގެ 8 ރަކްޢަތް ކުރެއްވެވިއެވެ. އަދި ކޮންމެ ދެރަކްޢަތަކުން ސަލާމްދެއްވެވިއެވެ.“ (ސުނަން އިބްނިމާޖާ 1323)

އުއްމު ހާނީ ވިދާޅުވިއެވެ. ”ޟުހާ ނަމާދަށްވުރެ ލުއި ނަމާދެއް رسول صلى الله عليه وسلم ކުރެއްވިތަނެއް ތިމަން ދެކެވަޑައެއްނުގަންނަވަމެވެ. އެހެންނަމަވެސް އެ ނަމާދުގައިވެސް ފުރިހަމައަށް ރުކޫއާއި ސަޖިދަ ކުރެއްވެވިއެވެ.“ (ބުޚާރީ 4292)

މާލިކީ މަޒްހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި ޟުހާ ނަމާދުުގައި 8 ރަކްްޢަތައްވުރެ އިތުރު ކުރުމީ މަކްރޫހަ ކަމެކެވެ. އަދި އެބޭކަލުން ދެކެވަޑައިގަންނަވާގޮތުގައި ޟުޙާނަމާދުގެ މެދުމިނަކީ އަދި އެންމެ އެދެވިގެންވާ ޢަދަދަކީ 6 ރަކްޢަތެވެ.

ދެވަނަ ރަޢުޔު: ޟުހާނަމާދުގެ ރަކްޢަތުގެ އެންމެ ގިނަ މިނީ 12 ރަކްޢަތްކަމުގައި ބަޔާންވެގެންވާ ރަޢުޔު:

މިއީ ހަނަފީ އަދި ޝާފިޢީ މަޒްހަބާއި (އިމާމްނަވަވީ – އަލްމަޖްމަޢު 4/36) ހަންބަލީ މަޒްހަބުގެ ބައެއް ޢިލްމުވެރިންގެ ރަޢުޔެވެ. މި ރަޢުޔު ބިނާވެފައިވަނީ އަންނަނިވި ހަދީޘްފުޅުގެ މައްޗަށެވެ.

رسول صلى الله عليه وسلم جديث ކުރެއްވިއެވެ.

“ مَنْ صَلَّى الضُّحَى ثِنتَي عَشْرَةَ رَكعَةً بَنَى الله قَصْراً في الجَنَّةِ مِنْ ذَهَبٍ“.

މާނައީ:  ”ޟުހާ ނަމާދުގެ 12 ރަކްޢަތް ކޮށްފިމީހަކަށް މާތްﷲ ސުވަރުގޭގައި ރަނުން ގަނޑުވަރެއް ބިނާކޮށްދެވައެވެ.“ (އިބްނު ހަޖަރް އެކަލޭގެފާނުގެ ފޮތް ތަޚްރީޖް މިޝްކާތް އަލް މަސާބިޙް 2/74 ގައި މި جديث ދަރަޖަކުރައްވާފައިވަނީ ހަސަން ދަރަޖައިގައެވެ. ނަމަވެސް އައް ތިރްމިޒީ މި جديث ފުޅު ދަރަޖަކުރައްވާފައިވަނީ ޣަރީބް ދަރަޖައިގައެވެ. އަދި އަލްއަލްބާނީ މި جديث ދަރަޖަކުރައްވާފައިވަނީ ޟަޢީފް جديث ފުޅެއްގެ ގޮތުގައެވެ.)

ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ޟަޢީފް جديث ފުޅެކެވެ. އެހެންނަމަވެސް އެ جديث ފުޅުން ވެސް ޟުހާނަމާދުގެ ގިނަ މިން ވަކި މިންވަރެއްގައި ކަނޑައެޅުމަށް ބާރުލިބިދީފައިނުވެއެވެ.

ތިންވަނަ ރަޢުޔު: ޟުޙާ ނަމާދުގެ ރަކްޢަތުގެ ގިނަ މިނުގެ ޢަދަދު ވަކި މިނެއް ކަނޑައެޅިފައިނުވުން.

މިއީ އިހުގެ އަދި ފަހުގެ ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ރަޢުޔެވެ. އޭގެތެރޭގައި އަލް އަސްވަަދު ބިން ޔަޒީދް، އިބްރާހިމް އައް ނަޚާޢީ، އައް ތިރްމިޒީ، އަލް އިރާޤީ، އަދި އައް ސުޔޫތީ ހިމެނިވަޑައިގަންނަވައެވެ.

ސުނަން އައް ތިރްމިޒީގެ ތަފްސީރުގައި އަލް އިރާޤީ ( رضي الله عنه) ވިދާޅުވެފައިވެއެވެ. ”އެއްވެސް ސަހާބީއަކުވެސް އަދި އޭގެފަހުން އެބޭކަލުންނަށް ތަބާވެވަޑައިގެންނެވި އެއްވެސް ބޭކަލަކު ޟުހާނަމާދުގެ ގިނަ މިނަކީ 12 ރަކްޢަތްކަމުގައި ވިދާޅުވެފައެއް ނުވެއެވެ.“ (މި ރަޢުޔަށް އައް ސުޔޫތީ ( رضي الله عنه) އިއްތިފާޤުވެ ވަޑައިގަންނަވައެވެ.)

އިބްރާހިމް އައްނަޚާޢީ ( رضي الله عنه) ވިދާޅުވިއެވެ. އަލް އަސްވަދު ބިން ޔަޒީދުގެ އަރިހުން ސުވާލުދެންނެވުނެވެ. ”ޟުޙާ ނަމާދުގައި ކުރަންވީ ކިތައް ރަކްޢަތްތޯއެވެ؟“ އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިބާ ބޭނުން މިންވަރަކަށެވެ.“

އެހެންކަމުން ޟުހާ ވަގުތުގައި ކުރެވޭ ސުންނަތް ނަމާދުގެ މިންވަރަކަށް ކަނޑއެޅިފައިވާ ގިނަ މިންވަރެއް ނެތެވެ. އަދި އިރުއަރާ ވަގުތުން ފެށިގެން މެންދުރު ނަމާދުގެ ވަގުތާއި ހަމައަށް ކުރެވޭ ކޮންމެ ސުންނަތް ނަމާދެއް ޟުހާނަމާދުގެ ގޮތުގައި ބެލެވޭނެއެވެ. (މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.)

ޟުހާ ނަމާދުގެ ވަގުތުގައި ކުރުމަށް އެންމެ އެދެވިގެންވާ ރަކްޢަތުގެ ޢަދަދު:

ޟުހާ ނަމާދުގެ ރަކްޢަތުގެ ޢަދަދާއި މެދު އެކި މަޒްހަބުތަކުގައި ޚިލާފު ހުރިނަމަވެސް ޢާދަވެ ޟުހާނަމާދުކުރުމުގައި ކުރުމަށް އެންމެ އެދެވިގެންވާ ރަކްޢަތުގެ ޢަދަދުވެސް އެކި މަޒްހަބުތަކުގައި ތަފާތުގޮތައް ބަޔާންވެގެންވެއެވެ.

އެގޮތުން މާލިކީ މަޒްހަބްގައި އެއީ 6 ރަކްޢަތެވެ، ހަނަފީ މަޒްހަބުގައި 4 ނުވަތަ 8 ރަކްޢަތެވެ، ޝާފިޢީ މަޒްހަބުގައި 8 ރަކްޢަތެވެ، އަދި ހަންބަލީ މަޒްހަބުގައި ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވެއެވެ.

އިސްވެދެންނެވުނު ރިވާޔަތްތަކާއި އަދި ތިރީގައި މި ބަޔާންކުރާ ދެ ރިވާޔަތުގެ މައްޗަށް ބުރަވެ ޟުހާ ނަމާދުގައި ކުރުމަށް އެންމެ އެދެވިގެންވާ ރަކްޢަތުގެ ޢަދަދަކީ 2 ރަކްޢަތުން 2 ރަކްޢަތުން 4 ރަކްޢައްކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. (މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ.)

  • އަޢިޝާ (رضي الله عنها) ވިދާޅުވިއެވެ. “ رسول صلى الله عليه وسلم ޟުހާނަމާދުގައި 4 ރަކްޢަތް ކުރައްވަވައެވެ. އަދި ބައެއްފަހަރު މާތްﷲ އިރާދަކުރެއްވެވި މިންވަރަކަށް އިތުރުކުރައްވަވައެވެ.“ ((ޞަހީހް މުސްލިމް 719)
  • قال رسول صلى الله عليه وسلم قال الله تعالى: يَا ابْنَ آدَمَ ، لَا تَعْجِزْ عَنْ أَرْبَعِ رَكَعَاتٍ مِنْ أَوَّلِ النَّهَارِ أَكْفِكَ آخِرَهُ

މާނައީ:. ”މާތްﷲ ވަޙީކުރެއްވެވިއެވެ. ”އޭ އާދަމްގެ ދަރިންނޭވެ، ދުވަހުގެ ފެށުމުގައި ތިމަން އިލާހައްޓަކައި 4 ރަކްޢަތް ފުރިހަމަކުރާށެވެ. އޭގެ ބަދަލުގައި ދުވަހުގެ ނިމުމާއިހަމައަށް ތިޔަބައިމީހުނަށް ތިމަން އިލާހު ފުދިގެންވެއެވެ. (އަބޫދާވޫދު 1289، މުސްނާދު އަޙްމަދު 22469، އަލް ހައިޘަމީ 2/239، އަދި ސަހީހް އައްތަރްޤީބް 672)

ޟުހާ ނަމާދާއި ގުޅޭ ބައެއް ސުވާލާއި ޖަވާބު

ސ- އިރު އަރަމުން އަންނަ ވަގުތުގައި ޟުހާ ނަމާދު ކުރެވިދާނެތޯ؟

ޖ- ނޫން. އިރު އަރައިގެން އަންނަ ވަގުތަކީ ނަމާދުކުރުން ހަރާމްކުރެވިގެންވާ ވަގުތެކެވެ. އިރު ފުރިހަމައަށް އެރުމަށް ޖުމްލަގޮތެއްގައި 15 ނުވަތަ 20 މިނެޓް ނަގައެވެ. އެހެންކަމުން އިރު އަރާވަގުތުން ފެށިގެން މަދުވެގެން 15 މިނެޓް މަޑުކޮށްލުމަށްފަހު ޟުހާ ނަމާދު ކުރެވިދާނެއެވެ.

ސ- ޟުހާ ނަމާދު ކުރުމަށް ކޮޅަށް ހުންނަން ޖެހޭނެތޯއެވެ.

ޖ- ނޫން. ސުންނަތް ނަމާދެއް ކުރުމަށް ކޮޅަށް ހުރުމަކީ ވާޖިބުކަމެއް ނޫނެވެ. އެހެންކަމުން މިސްކިތުގައި، ގޭގައި، މަސައްކަތްކުރާ ތަނެއްގައި ނުވަތަ ދުއްވާފައިދާ އުޅަނދެއްގައިވިޔަސް އިށީންގދެ އިނދެގެން ޟުހާނަމާދު ކުރެވިދާނެއެވެ. އެހެންނަމަވެސް އުޒުރަކާ ނުލާ ކޮޅަށް ހުރެވެން ހުރި ހާލަތެއްގައި އިށީންގެ އިނދެ ނަމާދުކުރުމީ އެނަމާދުގެ ފުރިހަމަ އަޖުރުން އުނިވެގެންދާނޭކަމެކެވެ. ވީމާ އިށީންދެ އިނދެ ޟުހާނަމާދު ކުރުމަކީ ހުއްދަކަމެކެވެ. އަދި ކޮޅަށް ހުރުމަށް އުޒުރުވެރިވާ ޙާލަތުގައި އިށީންދެ އިނދެވިޔަސް ޟުހާ ނަމާދުކުރުމަކީ އެދެވިގެންވާ ކަމެކެވެ.

ސ- ހަދީޘް ބަސްފުޅުގައި އައިސްފައިވާ ފަދައިން، ހައްޖާއި، ޢުމްރާގެ ދަރުމަ ހޯދުމަށް އަންހެނަކަށް ގޭގައި ފަތިސްނަމާދުކޮށް ނަމާދުކުރިތަނެއްގައި އިނދެ ޟުހާ ނަމާދުކުރުމުން އެ ދަރުމަ ހާޞިލް ކުރެވިދާނެތޯއެވެ؟

ޖ- ހާޞިލްކުރެވިދާނެއެވެ.

ސ- ހަދީޘް ބަސްފުޅުގައި އައިސްފައިވާ ފަދައިން، ހައްޖާއި، ޢުމްރާގެ ދަރުމަ ހޯދުމަށް ފަތިސްނަމާދުކުރުމަށްފަހު މަޑުކުރަންޖެހޭނީ އެމީހަކު ނަމާދުކުރި ތަނެއްގައި ތޯއެވެ.؟

ޖ- މިކަމުގައި ޢިލްމުވެރިންގެ ރަޢުޔު ދެކޮތަކަށް އައިސްފައިވެެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މިސްކިތުގެ ތެރޭގައި އެކި ތަންތަނަށް ދިއުމަކީ މައްސަލައެއް ނޫނެވެ. އެހެނީ މުޅި މިސްކަތަކީ ނަމާދުކުރާ ތަނުގެ ގޮތުގައި ބެލެވޭނެއެވެ. ނަމަވެސް އަނެއްބައި ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ އަދި ބާރުއަޅުއްވަނީ އެމީހަކު ފަތިސްނަމާދު ކުރި ތަނެއްގައި މަޑުކޮށްގެން އިނުމަށެވެ. އެއީ އަންނަނިވި ރިވާޔަތުގެ މައްޗަށް ބުރަވެއެވެ.

ތިމަން (ސާމިކް) ޖާބިރް ބިން ސަމޫރާއަށް ދެންނެވީމެވެ. ކަލޭގެފާނު ރަސޫލުﷲ ﷺ ގެ އަރިހުގައި އިންނަވަމުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އާނއެކެވެ. ވަރަށް ގިނައިން އެކަލޭގެފާނުގެ އަރިހުގައި އިންނަވަމެވެ. އަދި އެކަލޭގެފާނު ފަތިސް ނަމާދުކުރެއްވުމަށްފަހު އެ ނަމާދުކުރެއްވެވި ތަނުން ތެދުވެވަޑައިނުގެން އިންވައެވެ. އަދި އިރުއަރާ ހަމަޖެހުމުން ތެދުވެވަޑައިގެން ނަމާދުކުރައްވަވައެވެ. (އެބަހީ ޟުހާ ނަމާދު ކުރައްވަވައެވެ.) (އަބޫ ދާވޫދް 1294)

އިބްނު ހަޖަރު ވިދާޅުވިއެވެ. ”ނަމާދުކުރިތަން ކަމުގައި ހަދީޘްފުޅުގައި އެވަނީ އެމީހަކު ނަމާދުކުރިތަނަކަށެވެ. (އެބަހީ މިސްކިތަށެވެ.) އެހެންކަމުން މީހަކު ނަމާދަށްފަހު (އިޝްރާޤު ނުވަތަ ޟުހާ ނަމާދުގެ ގަސްދުގައި މިސްކިތުގެ އެހެން ތަނެއްގައި އިންކަމުގައިވިއަސް އޭނާއަށް އެކަމުގެ ފުރިހަމަ އަޖުރު ލިބޭހުއްޓެވެ.“ (އިބްނު ހަޖަރު – ފިތްހުލްބާރީ 2/136)

ސ- ޢިޝްރާޤް ނުވަތަ ޝުރޫޤް ނަމާދާއި ޟުހާ ނަމާދުގެ ތަފާތަަކީ ކޮބައިތޯއެވެ؟

ޖ- ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި އިޝްރާޤް ނަމާދަކީ ކުރިން ދެންނެވުނު ފަދައިން ހައްޖާއި ޢުމްރާގެ ދަރުމަ ހޯދުމަށް މިސްކިތުގައި މަޑުކުރުމަށްފަހު އިރުއެރުމުން ކުރެވޭ ދެ ރަކްޢަތަށް ކިޔާ ނަމެކެވެ. އަނެއްބައި ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި އިރު އެރުމަށްފަހު މެންދުރު ވަގުތުގެ ކުރިން އޮންނަ ވަގުތުގައި ކުރެވޭ ނަމާދަކީ ޟުހާ ނަމާދެވެ އެހެންކަމުން އިރު އަރާ ހަމަޖެހޭވަގުތު މިސްކިތުގައި މަޑުކޮށް ކުރާ ނަމާދަކީވެސް ޟުހާ ނަމާދުކަމުގައި ބެލެވޭނެއެވެ. ފަހުން މިދެންނެވުނު ރަޢުޔަކީ ފިޤްހީ ގިނަ ފޮތްތަކުގައި ބަޔާންވެގެންވާ ގޮތެވެ. (މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.)

ޢަމަލުކުރުމަށް ކަނޑައަޅާ ނުކުތާތައް:

  • މިއަދުންފެށިގެން ކޮންމެ ދުވަހަކުވެސް ޟުހާ ނަމާދުކުރުމަށް ނިޔަތްގަނެ އެގޮތުގައި ސާބިތުވާށެވެ. އަދި އެހެންމީހުންނަށް އެނަމާދުކުރުމަށް ބާރުއަޅާށެވެ. އެއީ ހެޔޮކަމުގެ ގޮތުން މަތިވެރި މާތް އަޅުކަމެކެވެ.
  • މިކަން ޢަމަލުން ދައްކާށެވެ. ހަނދާންނެތޭނަމަ ފޯންފަދަ ވަޞީލަތްތަކުގެ ބޭނުންހިފާ ހަނދާންކުރުމަށް އެލަރމް ކުރާށެވެ.
  • ތިބާއާއި ތިބާ ލޯބިވާ މީހުންނަށް މިކަމުގެ މައްޗަށް ބާރު އަޅާށެވެ. އަދި ޚާއްޞަކޮށް ފަތިސް ނަމާދަށްފަހު ނަމާދުކުރި ތަނެއްގައި (ފިރިހެނުންނަމަ މިސްކިތުގައި) މަޑުކޮށް ހައްޖާއި އުމްރާގެ ދަރުމަށް ހޯދުމަށް މަސައްކަތްކުރާށެވެ.
  • އެހެން އަޚުންނާއި ޢުޚްތުންނަށް މިމަޢުލޫމާތު ފޯރުކޮށްދީ ޟުހާ ނަމާދު ކުރުމުގެ އާދަ އަށަގަންނުވާށެވެެ.

މާތް ﷲ އަޅުގަނޑުމެން އެންމެންނަށް މި މަތިވެރި ދަރުމައާއި ސަވާބު ލިބުމުގެ މަގަށް މަގުދައްކަވާ ޟުހާ ނަމާދުކުރުންމަތީ ސާބިތު ކުރައްވާށި. އާމީން.

  • އަސްލު ލިޔުއްވީ ސުލައިމާން ބިން ހާނީ –

2 Comments on "ޟުޙާ ނަމާދު"

  1. ޞުޙާ ނަމާދުގެ ނިޔަތަކީ ކޮބާ އަދި ކިޔަން ޖެހޭ ސޫރަތްތަކަކީ ކޮބާތޯ؟

  2. ޟުޙާ ނަމާދަށްވެސް ނިޔަތް ގަންނާނީ އެހެން ނަމާދުތަކެކޭ އެއްގޮތައް ހިތުން. ދުލުން ކިޔާކަށް ވަކި ޚާއްޞަ ނިޔަތެއް ނޯވޭ. ޟުޙާ ނަމާދުގައި ބޭނުން ކޮންމެ ސޫރަތެއްވެސް ކިޔެވިދާނެ.

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.


*