ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ބޭނުންވާ ޓެކްނިކަލް ތަމްރީނު ޗައިނާއިން ދެނީ..

ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ބޭނުންވާ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމުތައް ޗައިނާގައި ހިންގުމަށް އެހީތެރިވެދެއްވާނެ ކަމުގައި ޗައިނާގެ މީޑިއާ ވައިސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޗައިނާގެ ބްރޯޑްކާސްޓިންގ އާއި މީޑިއާގެ ސިނާއަތް ތަރައްޤީވަމުން އަންނަގޮތާއި ޓެކްނޮލޮޖީގެ ރަސްމަގުގައި ހޯދާފައިވާ ކުރިއެރުމުގެ ފައިދާ ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާއަށް ގެނެވޭނެ ގޮތްތައް ހޯދުމަށް ޗައިނާގެ މީޑިއާގެ އިސް މަސްއޫލުވެރިންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް، ޗައިނާ ސަރުކާރުގެ ދައުވަތަކަށް ރާއްޖޭގެ ބްރޯޑްކޮމްގެ ވަފުދާއެކު ބޭއްވި މަޝްވަރާ ބައްދަލު ކުރުމުގައެވެ.

އިޝްތިހާރު Below Header ad

ޗައިނާގެ ބީޖިންގ އަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަފުދާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން އޮފް ޕްރެސް، ޕަބްލިކޭޝަން، ރޭޑިއޯ، ފިލްމް އެންޑް ޓެލެވިޜަންގެ ވައިސް މިނިސްޓަރ ޓިއާން ޖިން ވިދާޅުވީ ރާއްޖެ ތަރައްޤީގެ މަގުގައި ކުރަމުންދާ ގިނަ މަސައްކަތްތަކުގައި އެއްބާރުލުމާއި އެހީތެރިކަން ޗައިނާ ސަރުކާރުން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އަދި ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށްވެސް ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށާއި ދިވެހި ބްރޯޑްކާސްޓަރުންނަށް ބޭނުންވާ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމުތަކާއި ކޮންމެ އަހަރަކުވެސް ޗައިނާގައި ބާއްވާ މީޑިއާ ފޯރަމްތަކާއި ސެމިނަރ އަދި ވާރކްޝޮޕްތަކުންވެސް ދިވެހި ނިއުސް އެޑިޓަރުންނަށާއި ފަންނީ މުވައްޒަފުންނަށް ފުރުޞަތު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވަނީ ތަޖުރިބާ ހުރި ފަންނީ މީހުން ނެތުމަކީ ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަ ކުރައްވާފައެވެ.

އެހެންކަމުން ދިވެހި ބްރޯޑްކާސްޓަރުންނަށް ބޭނުންވާ ފަންނީ ތަމްރީނު ޕްރޮގްރާމުތައް ޗައިނާ ސަރުކާރުގެ އެހީގައި ހަމަޖައްސަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވީތީ ވައިސް މިނިސްޓަރަށް ޝުކުރު އަދާކުރައްވައި، ޗައިނާ ސަރުކާރުން ރާއްޖޭގެ އެކި ދާއިރާތަކުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައްވެސް ޝުކުރުވެރިކަމާ އެކު ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ޚުލާސާއަކާއި އެ ދާއިރާގެ ތަރައްޤީއަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްޞީލު ދެއްވައި، ދިމާވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތުވެސް ވައިސް މިނިސްޓަރާއި ޙިއްސާކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ވަފުދަށް ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާ ޚާއްޞަ މެހެމާންދާރީ ފާހަގަކުރައްވައި، ޗައިނާ ސަރުކާރަށް ވަރަށް ޚާއްޞަ ޝުކުރެއް ކޮމިޝަންގެ ރައީސް ދެންނެވިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަފުދު މިއަދު މެންދުރުފަހު ވަނީ ޗައިނާ ރޭޑިއޯ އިންޓަރނޭޝަނަލް (ސީ.އާރ.އައި) އަށް ޒިޔާރަތްކުރައްވައި، އެތަނުގެ ސްޓޫޑިއޯތަކުގެ މަސައްކަތްތަކާއި ޓެކްނިކަލް މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ.

ޗައިނާ ރޭޑިއޯ އިންޓަރނޭޝަނަލަކީ ދުނިޔޭގެ ތަފާތު 65 ބަހަކުން ރޭޑިއޯ، ޓީވީ، ނޫސް އަދި އިންޓަރނެޓް މެދުވެރިކޮށް ޚަބަރާއި މަޢުލޫމާތު 24 ގަޑިއިރު ފޮނުވަމުންދާ، 75 އަހަރު ވެފައިވާ ސްޓޭޝަނެކެވެ.

ޗައިނާ ދަތުރުގައި ބައިވެރިވާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް މުހައްމަދު އަސްލަމާއި ކޮމިޝަނަރ އާމިނަތު ސަރާޙަތު އިއްޒަތާއި ކޮމިޝަނަރ ޙަސަން ނަބާހާއި ކޮމިޝަނަރ ފާޠިމަތު ޒައިނާ އާއި ކޮމިޝަނަރ އިސްމާޢީލް ޞަފްވާނާއި ކޮމިޝަންގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އަޙްމަދު އަރުޝަދު ޢަލީއާ ކޮމްޕްލެއިންޓްސް ކޯޑިނޭޓަރ ޙައްވާ ޒާހިރާ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.